މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ 4 ބިދޭސީން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާ އަށް ނިސްބަތްވާ މުތުމަގޭޝް މުރުގާން (32އ)، ދޭވާރާޖް ޖެބްރާޖް (42އ)، ޒެނިތް ފްރެންސިސް (38އ) އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ އަބްދުލް މަންނާން (37އ) އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، މި އޮގަސްޓު މަހުގެ 11 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކޮށްފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުން ބުނީ އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރުމުގެ ތެރޭގައި ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 511 ފުޅި ފެނިފައިވާ ކަމަށެވެ. އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ 4 ބިދޭސީން ހައްޔަރުކޮށް، ޑީޕޯޓުުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.