ހުޅުމާލެ ފޭސް 2 ގައި އިމާރަތްކުރާ ފުލުހުންގެ ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

ހުޅުމާލެ ފޭސް 2 ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޑާޓާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސައިބާ ސެކިއުރިޓީ ހެޑް، ޑރ. މުހައްމަދު އަލް ކުވައިތީ އާއި، ހޯމްލޭންޑު މިނިސްޓަރު އަލީ އިހުސާންގެ އިތުރުން ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީންއެވެ.

ފުލުހުން ބުނީ މި ޑާޓާ ސެންޓަރަކީ ޔޫއޭއީ ސަރުކާރާއި ޔޫއޭއީ ސައިބާ ސެކިއުރިޓީ ކައުންސިލުގެ އެހީތެރިކަމާއެކު، އެންމެ ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތަކާއެކު ގާއިމުކުރާ ސެންޓަރެއް ކަމަށެވެ.

މި ސެންޓަރާއެކު ފުލުހުންގެ މަސައްކަތްތައް ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް ބައްޓަންވެގެންދާނެކަމަށާއި، އަދި ކުށް ހުއްޓުވުމާއި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތަށް ބޮޑު ބަދަލެއް އަންނާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ޑާޓާ ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުގެ ބޭފުޅުންނާއި ފުލުހުންގެ ހިދުމަތުގެ އެގްޒެކެޓިވް އޮފިސަރުން އަދި ކޮމިޝަންޑު އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ޑާޓާ ސެންޓަރުގެ އިތުރުން މިއަދު ވަނީ ފުލުހުންގެ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީއެސްއޯސީ) ވެސް އިފްތިތާހުކޮށްފައެވެ. މިކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު ނަވީން ވިދާޅުވީ މި ޒަމާނުގައި ގައުމީ ސަލާމަތާއި ރައްކާތެރިކަން ބިނާވެފައިވަނީ ހަމައެކަނި ފިޒިކަލީ ފުލުހުން ކުރާ މަސައްކަތުގެ މައްޗަށް ނޫންކަމަށާއި، ފެންނަން ނުހުންނަ ސައިބާ ސްޕޭސްގެ ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަމުގެ މައްޗަށް ކަމަށެވެ.

މި ވަސީލަތް ގާއިމުކުރެވިފައިވަނީ ޔޫއޭއީގެ އެހީތެރިކަމާއެކުގައި ކަމަށްވާއިރު، މިއީ ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ހެއްކެއްކަމުގައި ނަވީން ވަނީ ވިދާޅުވެފައެވެ.