ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އީދު ފާހަގަ ކުރަމުން ދާއިރު މީގެ ކުރިއާއި މިހާރާ އީދު ފާހަގަކުރާ ގޮތް އެތައްހާސް ގޮތަކުން ތަފާތެވެ. މިފަހަކުން އައިސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އީދު ދުވަސް ދުވަހު މާގިނަ ކުޅިވަރުތަކެއް ނޯވެއެވެ. ޒަމާން ބަދަލުވެ ބައެއް ރަށްރަށުގެ އީދު ކުޅިވަރުތައް ޒަމާނާ އެއްގޮތަށް ބަދަލުވަމުން އައި ނަމަވެސް ބައެއް ހިސާބުތަކުގައި ކުޅިވަރު ކުޅުމާއި ސަގާފީ ކަންކަން ދައްކުވައި ދިނުން އޮތީ މަޑުޖެހިފައެވެ. އެކަމަށް އިސް ނަގާނެ ވަކި ބަޔަކު ނުވުމަކީވެސް ފަހަރުގައި މިކަންކަން މަޑު ޖެހިފައި އޮތް އޮތުމަކަށް ވެދާނެއެވެ. އޭގެތެރެއިން އެއް ރަށަކީ މާލެ ފިޔަވާ އެންމެ އާބާދީ ބޮޑު އެއް ރަށް ކަމަށްވާ އައްޑޫ ސިޓީއެވެ.

އައްޑޫ ސިޓީއަކީ އީދުގެ އެކި ދުވަސްތަކުގައި މިފަހަކަށް އައިސް މާގިނަ ކުޅިވަރުތަކެއް ކުޅޭ ރަށެއް ނޫނެވެ. އަމިއްލަ ރަށް ނޫން އެހެން ރަށްތަކަށް ވެސް އީދުގައި މީހުން ދަތުރުކުރެވެ. ނަމަވެސް އައްޑޫ ސިޓީއަށް މީހުން އީދު ކުޅިވަރުތައް ބަލަން ދާ ވާހަކައެއް ދުވަހަކުވެސް އަޑެއް ނާހަމެވެ. ސަބަބަކީ އައްޑޫ ސިޓީއަކީ އީދު ކުޅިވަރުތައް ކުޅޭ ތަނަކަށް ނުވުމެވެ. ނަމަވެސް އަޑު އެހި ގޮތުގައި އީދު ކުޅިވަރުތައް މިހާރު އައްޑޫގައި ނުކުޅު ނަމަވެސް މީގެ އަހަރުތަކެއް ކުރިން އައްޑޫ އަކީ އީދުގައި ވަރަށް ފޯރި ނަގާ ރަށެކެވެ.

"އެއީ އިނގިރޭސިންގެ ދުވަސްވަރު. އިނގިރޭސިންގެ ދުވަސް ވަރު އީދު ކުޅިވަރު ކުޅުމަށް ވަރަށް ފޯރި އޮންނަ ކަމަށް. އެމީހުން އުޅުނު އިރު ހަމަ އަންހެން ވެރިން އީދު ދުވަހަށް ލިބާސް އެއްޗެހި ލައިގެން އަދި ފިރިހެނުން ފޭލި އަނދެގެން އެންމެން ދާނީ އުފާ ފާޅު ކުރުމަށް. އިނގިރޭސިންގެ ޒަމާނުގަ އެންމެ އީދު ކުޅިވަރު ފޯރި ގަދައޭ މިބުނީ އެމީހުންވެސް ހަމަ އެއްބައިވެގެން އެދުވަސް ފާހަގަ ކުރޭ. އެގޮތުން އީދު ދުވަހު އައްޑޫގައި ފުޓްބޯޅަ ކުޅުންވެސް ފެށުނީ އެމީހުންގެ ދުވަސްވަރު،" އައްޑޫ ސިޓީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ މީހަކު "ދަޕްރެސް" އާ ވާހަކަ ދައްކަމުން ބުންޏެވެ.

އައްޑޫ ގަން އަސްޓްރާ ސިނަމާ/ ފޮޓޯ: ފޭސްބުކް

މިއަދު އައްޑޫ ސިޓީއަށް ބަލާއިރު އައްޑޫ ސިޓީގައި އީދު ދުވަހު އެއްވެސް ކަމެއް ނޯވެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެން ރަށްރަށުގައި އޮންނަ ކޯޑި ނެގުމާއި ފެންކުޅިއާ ސަގާފީ އެހެން ކުޅިވަރުތައް އައްޑޫގައި އެއްގޮތަކަށްވެސް ނުކުޅެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

"ކުރީގަ އައްޑޫގައި އީދު ފާހަކަ ކުރި އިރު އެކި ކަހަލ ކުޅިވަރުތައް ކުޅުނު. މިސާލަކަށް ކޯޑި ޖެހުމާއި، ދަނޑި ޖެހުން އަދިވެސް ސަގާފީ އެތަކެއް ކުޅިވަރުތައް ކުޅުނު. އަދި އޭރު ރަށުތެރޭ ހުރިހާ އެންމެންވެސް ވަރަށް އެއްބައިވާނެ. އެހާވެސް އެދުވަސް ވަރު އީދު ދުވަހު އެންމެން އެއްބައިވަންތަ އަދި އެހާ ފޯރި އާއެކު އީދު ކުޅިވަރު ކުޅޭ،" އޭނާ ބުނެޏެވެ.

އިނގިރޭސީން އައްޑޫގައި އުޅުނުއިރު އައްޑޫ މީހުން އެހާ ފޯރީގައި އީދުގެ ކަންކަން ކުރިއަށް ގެންދިޔަ އިރު އޭގެ ކުރިން އަދި ކިހާ ފޯރިއެއް އީދުގައި އޮންނާނެ ހެއްޔެވެ. މި ސުވާލު ކޮށްލުމުން އައްޑޫއަށް ނިސްބަތްވާ އުމުރުން ދުވަސްވީ މީހަކު ބުނީ އިނގިރޭސީން އައުމުގެ ކުރިންވެސް ފޯރީގައި އައްޑޫގައި އީދު ފާހަގަކުރި ކަމަށެވެ. ތަފާތު އެކި ސަގާފީ ކުޅިވަރުތަކާއި އެކުގައި އީދު ކުޅިވަރުތައް ކުޅުނު ކަމަށްވެ އެވެ.

"އިނގިރޭސިން އައުމުގެ ކުރިންވެސް ހަމަ ފޯރިއާއެކު އައްޑޫގައި އީދު ފާހަގަކުރި. ހަމަ އެކި ކުޅިވަރުތައް ކުޅެ. ނަމަވެސް އެމީހުން އައި ފަހުން ކުރިއަށް ވުރެން ބޮޑަށް އީދު ކުޅި ވަރު ކުޅުނު އެމީހުންނާ ވެގެން. އެއްވެސް ތަފާތު ކުރުމެއް ނެތި" ދުވަސްވީ މީހަކު ބުންޏެވެ.

ބައެއް ކުދިން ފޯރިއާއެު ކުޅުމުގަ/ ފޮޓޯ: ފޭސްބުކް

މުޅި ރާއްޖޭގެ އެންމެން ރާއްޖެއިން އިނގިރޭސިން ފައިބާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ނަމަވެސް އައްޑޫ ރައްޔިތުންނާއި ވާހަކަދައްކާލުމުން އެނގުނީ އެމީހުން އައްޑޫއިން ފައިބައިގެން ދިއުމުން އައްޑޫ މީހުން ދެރަވި ކަމަށެވެ. އެއީ އެމީހުން އުޅުނުއިރު އައްޑޫ މީހުންނަށް އެތައް ގޮތަކުންވެސް ފަސޭހަތަކެއް ލިބިފައިވުމުންނެވެ. ސިއްހީ ދާއިރާއިންނާއި ތައުލީމީ ދާއިރާއިންނާއި އަދި ކުޅިވަރުގެ ދާއިރާއިން ކަމަށް ވިއަސް އިނގިރޭސީން ވަނީ އައްޑޫ ރައްޔިތުންނަށް އެތައް ގޮތަކުން އެހީތެރިކަން ދީފައެވެ.

އިނގިރޭސީން ދިއުމާއި އެކު އީދުގެ ފޯރި ކެނޑުން:

އިނގިރޭސީން ފޭބުމުން އައްޑޫ ރައްޔިތުންނަށް ގެއްލިގެން ދިޔައީ އެކުވެރިންތަކެކެވެ. އެމީހުން ވެފައިވަނީ އައްޑޫ ރައްޔިތުންގެ ދިރިއުޅުމުގެ އެއްބަޔަށެވެ. އިނގިރޭސީން ފައިބައިގެން ދިއުމާއި އެކު ހުރިހާ ދާއިރާއަކުން އައްޑޫ ރައްޔިތުންނަށް ލިބެމުން ދިޔަ އެހީތެރކަން ކެނޑިގެން ދިޔައެވެ. އެ އެހީތެރިކަމާއި އެކު އައްޑޫގައި ޒަމާނުއްސުރެ ނަގަމުންދިޔަ އީދު ފޯރިވެސް ކެނޑިގެން ދިޔަ ކަމަށްވެއެވެ.

"ވަރަށް ދެރަވި އެންމެންނާއި އެހާ ގާތްކޮށް އުޅެފަ އިނގިރޭސިން އައްޑޫއިން ދާން ޖެހުނީމަ. އެފަހުން މަޑު މަޑުން އައްޑޫގައި އީދު ދުވަހު ކުޅިވަރުތައް ކުޅުނު ނަމަވެސް، ދުވަސްވީ ވަރަކަށް އީދު ކުޅިވަރު ނެތިގެން ދިޔައޭ ބުންޏަސް ދޮކަގަށް ނުވާނެ،" ދުވަސްވީ އަންހެނަކު ބުންޏެވެ.

އައްޑޫގެ ބައެއް ދުވަސްވީ މީހުންނާއި ވާހަކަ ދައްކާލުމުން އެނގިގެން ދިޔައީ އައްޑޫގައި އީދު ފާހަގަކުރުން މަޑުޖެހިފައި ވަނީ އިނގިރޭސިން އައްޑޫއިން ފައިބައިގެން ދިޔަ ފަހުން ކަމެވެ. އައްޑޫ ރައްޔިތުންނަކީ ރާއްޖޭގެ އެހެން ރަށްތަކެކޭވެސް އެއްގޮތަށް އީދުގައި ނިކަން ފޯރި ނެގި ބައެކެވެ. ނަމަވެސް އެކަން މަޑުޖެހެމުން ގޮސް އެއްވެސް ކުޅިވަރެއް ނުކުޅޭ އަހަރުތައްވެސް ގިނައެވެ. ނަމަވެސް މިފަހަކަށް އައިސް އައްޑޫގެ އެކި ޖަމިއްޔާތަކުންނާއި ޒުވާނުން ބައިވެރިވެގެން އައްޑޫގައި އީދުގެ ކުޅިވަރު ކުރިއެކޭހެން އާލާކޮށް، ފޯރިއާއެކު އީދު ދުވަސް ފާހަގަކުރުމަށް ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. އަދި މިފަދަ މަންޒަރުތައް މިފަހަކަށް އައިސް ފެނުމަކީ ލިބޭ ހިތްހަމަޖެހެމެއް ކަމަށްވެސް ވާހަކަދައްކަމުން އެމީހާ ފާހަގަކުރި އެވެ.