HA. Kelaa: Eid faahanga kurumugai thafaathu rasheh
ހއ ކެލާގައި މިއަދު ހެނދުނު އީދު ނަމާދަށް ފަހު އީދު ސައިގައި ބަޔަކު ބައިވެރިވަނީ / ފޮޓޯ: ހުސައިން ހަމީދު

ހއ. ކެލާ: އީދު ފާހަގަ ކުރުމުގައި ތަފާތު ރަށެއް

ނިމާ ހަސަން 11 August 2019, 08:35

ބޮޑު އީދު ކެލައިން: ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ. ކެލައަކީ، ރާއްޖޭގެ އެހެން ރަށްތަކާއި ވަރަށް ވެސް ތަފާތު ސަގާފަތެއް އޮންނަ ތަފާތު ރަށެކެވެ. ރީތި ގޮޑުދޮށް ތަކުން ވަށައިގެންވާ ކެލާ އަކީ ރަށުން ބޭރުން އަންނަ މެހެމާނުންނަށް މެހުމާންދާރީ އަދާ ކުރުމުގައި ވެސް އިސް ސަފުގައި އޮތް ރަށެކެވެ.

ކެލައަކީ ފަތުރުވެރިންނާއި ދަތުރުވެރިންނަށް ހާއްސަ ރީތި މަންޒިލަކަށް ވެފައި ވާއިރު، މިއީ ރާއްޖޭގައި އޮތް އެންމެ ރީތި ރަށޭ ވެސް ބުނެވިދާނެއެވެ. އެގޮތުން، ކެލާގައި އީދު ފާހަގަކުރުމުގައި ވެސް އެރަށު މީހުން ފަތުރުވެރިންނަށް ރީތީ ހިތްގައިމު ގޮތަކަށް އީދު ފާހަގަކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ހާއްސަ ސަމާލުކަމެއް ދީ އުޅެއެވެ.

ކެލާ މީހުން އީދު ފާހަގަ ކުރަނީ ކިހިނެއް؟

ކޭލާ މީހުންގެ އީދު ދުވަސް ފެށޭނީ އެރަށަށް ހާއްސަ ބޮނޑިއަކުންނެވެ. ކެލައަށް ހާއްސަ އެހެން ރަށްރަށާ ތަފާތުކޮށް ފަލަކޮށް ހަދާ ކެލާ އީދު ބޮނޑި ހެދުމަށް ކުދިބަތާއި، ބިންބި ފަދަ އެއްޗެހި ބޭނުން ކުރެއެވެ. ހަމަ އެކަނި ކެލާގައި ތައްޔާރު ކުރާ މި ބޮނޑި ކެއުމަށް އީދު ނަމާދުން ފައިބައިގެން މީހުން ގޭގެއަށް ޒިޔާރްތ ކޮށް އުޅެއެވެ. ބޮނޑި ކެއުމަކީ އެކި ގޭގެއަށް ޒިޔާރަތް ކޮށް ކުރާ ކަމަކަށް ވިޔަސް މި ސަގާފަތް ބަދަލުވެގެން އައިސް މިހާރު ބޮނޑި ކެއުން އޮންނަނީ އެންމެން އެކުގައި އެއްތަނެއްގައި ކަމަށް އެރަށުން މައުލޫމާތު ދިިން މީހަކު ބުނެއެވެ. ބޮނޑި ކެއުމަށް އެންމެން އެއްތަނަކަށް ޖަމާވަނީ، މި ސަގާފަތުގައި ދަތުރުވެރިންނާއި ފަތުރުވެރިންވެސް ބައިވެރި ކޮށް، އެއްވެސް މީހަކު ބާކީ ކުރުމެއް ނެތި މި ކަން ކުރުމުގެ ގޮތުން ކަމަށެވެ. އީދު ބޮނޑި އަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާ ކުރުމަށް އެރަށު ރައްޔިތުން ކުރާ މުހިންމު ކަމަކަށް ވާއިރު، މި ކަން ކުރަނީ އީދު ދުވަހުގެ މެންދުުރު ނަމާދުގެ ކުރިންނެވެ.

ހއ. ކެލާގެ އީދު ކުޅިވަރުގެ ތެރެއިން، މާލި ނެށުން / ފޮޓޯ: ސޯޝަލް މީޑިއާ

އީދު ދުވަހު މެންދުރު ނަމާދަށް ފަހު، ހަވީރު ހަތަރެއް ޖެހުމާއި ހަމައަށް ކެލާގައި އީދު ފާހަގަ ކުރުމަށް ވަކި ހާއްސަ ކަމެއް ކޮށެއް ނޫޅެއެވެ. ހަވީރު ހަތަރަކުން ފެށިގެން މަޣްރިބް ނަމާދު ވަގުތު ޖެހުމާއި ހަމައަށް ކުޅިވަރު ކުޅުމުގައި އުޅުމަށް ފަހު، މި ރަށުގައި އީދު ދުވަސް ނިންމާލަނީ އީދު ޝޯ އަކުންނެވެ. އީދު ދުވަހުގެ ތާވަލުގައި އީދު ޝޯ ހިމެނިގެން އައީ ވަރަށް ފަހުންނެވެ.

https://www.facebook.com/KelaaEid/videos/887004095000356/

އީދު ކުޅިވަރު

އީދު ކުޅިވަރު ކުޅުމުގައި އެކި ރަށް ރަށަށް ހާއްސަ ކުޅިވަރުތައް ހުރެއެވެ. އެގޮތުން ކެލައަށް ހާއްސަ ކުޅިވަރަކީ ކާބަފައިންގެ ޒަމާނުއްސުރެ ބަދަލެއް ނެތި ވާރުތަވަމުން އަންނަ މަލިކު ދަނޑި އެވެ. މަލިކު ދަނޑިން ނަން ދެވިފައިވާ މި ކުޅިވަރަކީ އެއްވެސް ވަރަކަށް މަލިކާ ގުޅުން ހުރި ކުޅިވަރެއްތޯ ސުވާލު އުފެދިދާނެ އެވެ. ރާއްޖޭގެ ސަގަފަތާއި މަލިކުގެ ސަގާފަތާއި އޮތް ގުޅުމަކީ ކޮބާތޯ ބަލާ ދިރާސާ ކުރުމަށް ބަޔަކު މަލިކަށް ގޮސް ހޯދި ހޯދުމުން މި ކުޅިވަރަކީ މަލިކު މީހުން ދަންނަ ކުޅިވަރަކަށް ވެސް ނުވިއެވެ. ކެލާގެ ސަގާފަތާ ބެހޭ ގޮތުން މައުލޫމާތު ދެމުން އެރަށު ރައްޔިތެއް ކަމަށްވާ ފައުޒީ ބުނީ، މަލިކު ދަނޑި އަކީ އެކި ރަށްރަށުން މީހުން ކެލާއަށް ގޮސް ދަސްކުރަން އުޅުނު ކުޅިވަރެއް ކަމަށެވެ. ނަމަވެސް، އެއްވެސް މީހަކަށް މި ކުޅިވަރު ދަސްވެ، އެހެން ރަށަކަށް ގޮސް މަލިކު ދަނޑި ޖެހިފައި ނުވާ ކަމަށެވެ. މަލިކު ދަނޑި އަކީ މަދުވެގެން 10 މީހުން ބޭނުން ކޮށްގެން ކުޅެވޭ، ދެ ވައްތަރަކަށް ބެހިފައިވާ ކުޅިވަރެކެވެ. އެގޮތުން ދަނޑިގަނޑެއްގެ ކޮޅުގައި މާގަނޑެއްލާފައި ހުންނަ ވައްތަރަކާއި، މާގަނޑެއް ނުލައި ކުރުކޮށް ހުންނަ ވައްތަރެއް މަލިކު ދަނޑީގައި ހުރެއެެވެ.

ހއ. ކެލާގެ އީދު ކުޅިވަރުގެ ތެރެއިން، މަލިކު ދަނޑި ޖެހުން/ ފޮޓޯ: ސޯޝަލް މީޑިއާ

އީދު ދުވަހު މަޣްރިބް ނަމާދު ވަގުތާ ހަމައަށް ކުޅިވަރުތަކުގައި އުޅުމަށްފަހު އެރަށު ރައްޔިތުން ދަނީ ދަފި ނެގުމަށެވެ. ދަނޑި ޖަހާ މީހުންނަށް ހާއްސަކޮށް ތައްޔާރު ކުރާ ދަފީގައި މެޓައާއި، ބޮނޑި ފަދަ ތަފާތު އެކި ކާނާ ހުރެއެވެ. އީދު މަޖާ ނަގަމުން ސަކަރާތް ޖަހަމުން ގޮސް ކެލާ މީހުން ދަފި ނަގަން ދަނީ ދިގު މަގު ދަނޑި ކިޔާ ލަވައެއްގައެވެ. ދިގު މަގު ދަނޑި އަކީ ދަނޑި ޖެހުމަށް ފަހު ދަފި ނެގުމަށް ދާ އިރު ހިނގުމަށް ކިޔާ ލަވައެކެވެ.

ދަފި ނަގަން ގޮސް އޭގެ ވަށާ ފާޑު ފާޑަށް ނަށާ، ސަކަރާތް ގަނެ ދަފި މައްޗަށް ނަގައިގެން އެ އެއްޗެހި ހިއްލައިގެން ގޮސް، އޭތި ކާނީ
ފައުޒީ

ކެލާގެ އީދު ކުޅިވަރާ ބެހޭ ގޮތުން މަައުލޫމާތު ދެމުން ދަފި ނެގުން ފައުޒީ ސިފަ ކުރީ މަޖާ ކަމެއްގެ ގޮތުގައެވެ.

ހއ. ކެލާގެ އީދު ކުޅިވަރުގެ ތެރެއިން، މާލި ކުޅިވަރު / ފޮޓޯ: ސޯޝަލް މީޑިއާ

މިހާރުގެ ސަގާފަތަށް ބަލާ އިރު، އީދުގައި ކުލަ ޖެހުމަކީ ކޮންމެ ރަށެއްގައި ވެސް ކުރާ ކަމެކެވެ. އެގޮތުން ކެލާގައި ވެސް ކުލަ ޖަހާ އުޅެއެވެ. މި ކަމަށްވެސް އެރަށު މީހުން ވަކި ވަގުތެއް ކަނޑައަޅާފައި ވެއެވެ. ޒަމާނަކީ ކޮންމެ މީހެއްގެ އަތުގައި ވެސް މޯބައިލް ފޯނާއި އަގުބޮޑެތި ހިފާ ގެންގުޅޭ ތަކެތި ގެންގުޅޭ ޒަމާނަކަށް ވުމާ އެކުު ކެލާ މީހުން ކުލަ ޖެހުމުގައި ވެސް ވަކި ލިމިޓެއް ގެންގުޅެއެވެ. އެގޮތުން، އެރަށުގައި ކުލަ ޖަހަނީ ވަޅު އީދު ދުވަހު މެންދުރު ނަމާދުގެ ކުރިންނެވެ. އީދުގެ ފުރަތަމަ ދުވަހަކީ ކުލަ ޖަހާ ދުވަހެއް ނޫނެވެ.

އީދު ދުވަހުގެ ޝެޑިއުލް ކުރިން އެއް ގޮތަކަށް ހުރި ނަމަވެސް، މިހާރު މި ޝެޑިއުލް ރާވަނީ ރަށުގެ ކައުންސިލާއި ރަށުގެ ޖަމްއިއްޔާ ޖަމާއަތްތަކާއި ރައްޔިތުންގެ ތެރެއިން ވެސް އިސްކޮށް ހަރަކާތްތެރިވާ މީހުން އެއްވެގެންނެވެ.

މިކަހަލަ ކަންތައްތަކުގައި ރަށު މީހުންނެކޭ ރަށުން ބޭރުން އަންނަ މީހުންން ތަފާތު ކުރުމެއް ކެލާ މީހުން ނުގެންގުޅޭނެ. ބޮޑަށް ވިސްނާނީ ވެސް ރަށުން ބޭރުން އަންނަ މީހުންނަށް ފަސޭހަ ވާނޭ ހެން ކަންތައްތައް ކުރިއަށް ގެންދިއުމަށް.
ފައުޒީ

އީދުގެ ކުޅިވަރުތައް ރޭވުމުގައި ފަތުރުވެރިންނަށާއި ދަތުރުވެރިންނަށް އެންމެ މަގުބޫލު ކުޅިވަރުތަކެއް ހިމަނައިގެން އެ މީހުންގެ ޝައުގުވެރިކަން ލިބޭ ގޮތަށް ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ކެލާ މީހުން ވަރަށް ހާއްސަ އިސްކަމެއް ދެއެވެ. އެގޮތުން އެއްވެސް ތަފާތު ކުރުމެއް ނެތި ކެލާ މީހުން ކުޅިވަރު ރާވަނީ ރަށުން ބޭރުން އަންނަ މީހުންނަށް ފަސޭހަ ވާނޭ ހެންނެވެ.

އިތުރު ލިޔުންތައް ރިޕޯޓް އީދު
މިލިޔުން ކިޔާލުމުން 0% 0% 0% 0%
ޚިޔާލު ފާޅުކުރައްވާ
ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!
ސިދާފް

ސާބަހޭ ކެލާ

3 months ago
އައިސްކްރީމް ފަޖް ސަންޑޭ

ވަރަށް ފޯރިގަދަ ރަށެއް

3 months ago
މަސްލަފާ

ކެލާ މީހުންގެ އިދު ފާހަގަ ކުރުން ގެނެސްދޭ ގޮތަށް އެހެން ރަށްރަށުގެ އީދު ފާހަގަ ކުރުންވެސް ގެނެސްދިނުމަކީ ވަރަށް ބޮޑަށް އެދެ ކަމެއް. ރާއްޖޭގެ އެކި އެކި ރަށްރަށުގައި ހާއްސަ ކަންކަން ކުރަމުން ދޭ.

3 months ago
މުރިނގު

ސަހާތެ މިބުނޭ ކެލާ މީހުންނަނީ ވަޖިދުވާ ބައެއް. ހެޔޮނުވާނެ!. ކިޔަނީވެސް ކެލާ ނާޅި.

3 months ago
މިންނަ

އިދު ފާހަގަ ކުރަންޏާ ދާން ވީ ރަށަކި ކެލާ. އެވަރެއް ނޯންނާނެ އީދު ކުޅިވަރަކަށް.

3 months ago
ސަދާ

ތީ ރަށަކީ. ހަބޭސް ފޯރި

3 months ago