އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބިވަޑައިގަތް ފަރާތަކީ އިބްރާހިމް ޝަކީލެވެ.

އިބްރާހީމް ޝާކީލަކީ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިއަކަށް ކުރިން ހުންނެވި ބޭފުޅެކެވެ. އެފްއައިޔޫ އަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތެރޭގައި އުފައްދާފައި އޮންނަ މިނިވަން ޔުނިޓެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މާކްސް ދިނީ އެ ކޮމިޝަނަށް އައްޔަން ކުރަން ރައީސް ސޯލިހަށް ފެނިިވަޑައިގަންނަވާ 12 ފަރާތްތަކަށެވެ. އޭގެތެރެއިން އެންމެ މަތިން މާކްސް ހޯއްދެއްވީ 77.71 މާކްސްއާއެކު އިބްރާހީމް ޝާކީލެވެ. ޝަކީލު އެންމެ ފުރަތަމަ އުޅުއްވީ އެފްއައިޔޫގެ އެނަލިސްޓަކަށެވެ. އަދި އެފްއައިޔޫގެ އިންޗާޖު އޮފިސަރަކަށް އުޅުއްވުމަށް ފަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. މީގެ އިތުރަށް އޭނާވަނީ އެމްއެމްއޭގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފަ އެވެ. ޝަކީލް ވަނީ ރާއްޖޭގެ ސްޓްރެޓެޖިކް އިމްޕްލިމެންޓޭޝަން ޕްލޭންގެ މަސައްކަތް ވެސް ކުރައްވައިފަ އެވެ.

ދެން އެންމެ މަތިން މާކްސް ހޯއްދެއްވީ 77.28 މާކްސްއާއެކު އާދަމް ޝާމިލެވެ. ޝާމީލަކީ އެސީސީގައި މިހާރު ވެސް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންދާ ބޭފުޅެކެވެ. ތިން ވަނަޔަށް އެންމެ މަތިން މާކްސް ހޯއްދެއްވި ބޭފުޅަކީ 77.26 މާކްސްއާއެކު ފާތުމަތު އަނޫލާ އެވެ. އަނޫލާއަކީ އޭސީސީގައި އިންވެސްޓިގޭޓަރަކަށް ކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. 76.97 މާކްސްއާއެކު ހަތަރު ވަނަޔަށް އެންމެ މަތިން މާކްސް ހޯއްދެއްވީ މަރިޔަމް ޝިއުނާ އެވެ. ށިއުނާއަކީ ޓްރާންސްޕޭރަންސީގައި މަސައްކަތް ކުރައްވަމުންދާ ބޭފުޅޭކެވެ. އަދި ފަސް ވަނަޔަށް އެންމެ މަތިން މާކްސް ހޯއްދެއްވީ 75.14 މާކްސްއާއެކު އައިޝަތު އަބްދުﷲ އެވެ. އޭނާއަކީ އޭސީސީގައި މީގެ އެތައް އަހަރެއް ކުރިން އިންވެސްޓިގޭޓަރަކަށް އުޅުއްވި ބޭފުޅެކެވެ.

އެސީސީއަށް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެކޮމިޝަނުގައި މިހާރު ތިއްބެވި ފަސް މެންވަރުންގެ ދައުރު ހަމަވުމުން ނެވެ. އޭސީސީ އަށް ކުރިމަތިލެއްވި ބޭފުޅުންނަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މާކްސް ދިން ގޮތުގެ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ފޮނުވާފައިވައި، މިރޭގެ ޖަލްސާ އަށް އެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ.