ކައްޓެޅިއަކީ ހަމައެކަނި ފުވައްމުލައް ހިމެނޭ ސަރަހައްދުން ބާނާ، އެރަށު މީހުންގެ އިތުރުން އެރަށަށް ޒިޔާރަތް ކުރާ އެކި ރަށް ރަށުގެ މީހުންގެ މެދުގައިވެސް އެންމެ ޑިމާންޑް ބޮޑު މަހެވެ.

މި މަހަކީ އަތޮޅުން ބޭރު މާކަނޑުތަކުގައި ވަރަށް ފުނުގައި އުޅޭ މަހެކެވެ. މި މަސް ބާނަނީ ރާއްޖޭގެ ބައެއް ހިސާބުތަކުން ރޭގަނޑު ފުނަށް ނަނު ފައްތައިގެން ކުރާ ކެޔޮޅު ކަމުގައެވެ. މިމަސް ބޭނުމުގައި އެންމެ ފާހަގަ ކުރެވޭ ބަޔަކީ ފުވައްމުލަކު މަސްވެރިންނެވެ،

ފުވައްމުލަކު މަސްވެރިން ކައްޓެޅި ބާނަން ދަނީ ކުދި ބޮއްކުރާ ފަހަރުގައި އައުޓްބޯޑް އިންޖީނު އަޅައިގެންނެވެ. އާންމުކޮށް ހަވީރުކޮޅު ކައްޓެޅިއަށް ދާ މަސްވެރިން ރަށަށް ލަފާ އުޅެނީ ރޭގަނޑު 8-10 ހާއިރެވެ. ކައްޓެޅި ބާނާ ދުވަސްވަރު ފުވައްމުލަކު ގިނަ ގޭގޭގައި ރޭގަނޑުގެ ކެއުމަށް މިމަސް ބޭނުން ކުރެއެވެ. އެހެން ކަމުން، ކައްޓެޅި ބާނައިގެން މަސްވެރިން އަންނަ ގަޑިއާ ދިމާކޮށް ގިނަ އަދަދެއްގެ މީހުން އެރަށު ބަނދަރު ސަރަހަށްދަށް ޖަމާވެއެވެ.

މިމަސް އެންމެ ބޮޑުވަނީ 1 މީޓަރަށެވެ. ނަމަވެސް ގިނައިން ފެނިފައި ހުންނަ އެންމެ ބޮޑެތި މަހުގައި ހުންނަނީ ގާތްގަނޑަކަށް 40 ސެންޓިމީޓަރުއެވެ. ކައްޓެޅި އަކީ އާންމު ގޮތެއްގައި 750-100 މީޓަރާއި ދެމެދުގެ ފުނުގައި އުޅޭ މަހެކެވެ. މަހުގެ ކާނާއަކީ އެކި ޒާތްޒާތުގެ ކުދިމަހާއި، ކަކުނި ފާނޑުގެ ސޫތްޕެވެ.

ފުވައްމުލަކަށް ހާއްސަ ކައްޓެޅި / ފޮޓޯ: ސޯޝަލް މީޑިއާ

ކައްޓެޅި ގިނައިން ބާނާ ދުވަސްވަރު އާދައިގެ ކައްޓެޅިއެއްގެ އަގަކީ ގާތްގަނޑަކަށް 50 ރުފިޔާއަށެވެ. ނަމަވެސް ކައްޓެޅި އަކީ ކޮންމެ ދުވަހަކު ގިނައިން ބޭނޭ މަހަކަށް ނުވުމުން، ބައެއް ދުވަހު ކައްޓެޅިއެއްގެ އަގު 1000 ރުފިޔާއާ ގާތް ކުރެއެވެ. ކަށި ގިނަ، މި މަސް ކިތަންމެ ކުޑަޔަސް ފުވައްމުލަކު މީހުން އަގު ބޮޑުކޮށް މި މަސް ގަނެއެވެ. މިއީ ފުވައްމުލަކުގައި މަޝްހޫރު މަހަކަށް ވާއިރު، ރަށުން ބޭރުގެ އެތައް ބައެއް މި މަސް ކެއުމަށް އެރަށަށް ޒިޔާރަތްކޮށް އުޅެއެވެ.

ކަށި ވަރަށް ގިނަ އެހެނަސް ކާން ވަރަށް މީރު ކައްޓެޅިއަކީ ބާނާފައި ރޮލަށް ހުރުމުން ވަރަށް އަވަހަށް ކުނިވާ މަހެއްކެވެ. ދިގުކޮށް ފަތިކޮށް ހުންނަ މި މަހަކީ އަނގަ ބޮޑުވެފައި ކޮޅަށް އޫ ވަރުގަދަ ދަތްތަކެއް ހުންނަ ލޯ ބޮޑު، ކަންފަތް ކުރު މަހެކެވެ. މި މަހުގައި ހުންނަނީ ވަރަށް ތުނި ހުޅުނބު ތަކެކެވެ. ގަދަ މުށި ކުލައަކަށް ހުންނަ ކައްޓެޅީގެ މުޅި ހަށިގަނޑުގައި ވައިލެޓް ދިހުން ކުލައެއް ހުރެއެވެ. ނަމަވެސް މި މަސް މަރުވުމުން، މިކުލަ ފަނޑު މުށިކުލައަކަށް ބަދަލުވެއެވެ، މި މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގެ ކަށިތަކުގެ ދޭތެރޭގެ ފުރަތަމަ ދުލިފަށް ކަޅު ކުލައިގައި ހުންނައިރު އެހެނިހެން ކޮތަރިބައިތައް ހުންނަނީ ކަޅު ކުލައާ މުށި ކުލައިގައެވެ.

ކައްޓެޅި ބޭނުންކޮށްގެން ގަރުދިޔަ ކެއްކުމަށްފަހު، އޮޅުއަލައާ ކާއްޓާއި އެކު ކާން ހަދާފައި / ފޮޓޯ: ސޯޝަލް މީޑިއާ

ފުވައްމުލަކު ގޭގޭގައި ކައްޓެޅި އާންމުކޮށް ބޭނުން ކުރަނީ ގަރުދިޔަ ކެއްކުމަށެވެ. މި މަހަކީ ވެސް އެހެން މަސްތައް ބޭނުން ކުރާ ގޮތަށް ރިހަ ކައްކާ، ގަރުދިޔަ ކައްކާ، އާންމުކޮށް ދިވެހިން މަހުން ކުރާ ހުރިހާ ކަމެއް ކުރެވޭ މަހެކެވެ. ނަމަވެސް އާންމުކޮށް ފުވައްމުލަކު ރައްޔިތުން މި މަސް ކައްކަނީ އޭގެ ކަރުގަނޑާ އެއްކޮށެވެ. އެރަށު ގިނަ ގޭގޭ ޒަމާނުއްސުރެ މި މަސް ކެއުމަށް ބޭނުން ކުރާއިރު، މި މަހާ އެއްކޮށް އެރަށު މީހުން ކާ އުޅެނީ އޮޅުއަލައާ ކާއްޓެވެ.

ކައްޓެޅި އަކީ ފުވައްމުލަކު ސަގާފަތާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ މަހެކެވެ. އަދި އީދުގައިވެސް ބޭނުން ކުރާ މަހެކެވެ.