ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ތާވަލު ކޮށްފައިވާއިރު މިދިޔަ މަހުގެ 21 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބާއްވާފައެވެ. އަދި އެ އަޑުއެހުމުގައި އިބްތިދާއީ އަޑުއެހުން ނިންމާލުމަށްފަހު ޝަރީއަތް ވަނީ ފަށާފައެވެ.

ދިފާއީ ހެކިން ހުށައެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ކުރީގެ ރައީސް ޔާމީން މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ފުރަތަމަ ޝަރީއަތުގެ މަޖިލިސް އެ ދުވަހު ނިންމާލިއެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގެ ޓީވީތަކުން ވަގުތުން ގެނެސްދިން މި ޝަރީއަތުގެ މަޖިލީހުގައި އެންމެ ފުރަތަމަ ކުރިއަށް ދިޔައީ ޝަރީއަތުގެ އިބްތިދާއީ މަރުހަލާއެވެ. އެ މަރުހަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދަޢުވާގެ އަސްލަށް އިންކާރު ކުރައްވައި ހުށައެޅި ފަސް ކަމެއް ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަހުމަދު ހައިލަމް ވަނީ ނިންމަވާފައެވެ. އަދި ދައުލަތުގެ ވަކީލުން ވަނީ އެ މައްސަލައިގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

އިބްތިދާއީ މަރުހަލާ ނިންމާލީ ދައުލަތުން ކުރިން ހުށައަޅާފައިވާ ހެކިންގެ އިތުރުން، އިތުރު ދެ ފަރާތެއް ހެކިންގެ ގޮތުގައި ހުށައެޅުމުން އެކަމާމެދު ދައުވާލިބޭ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތަކާއި އަދި މައްސަލާގެ ދައުވާ ފޯމުގައި އިތުރު ބައެއް ހެކިންގެ ގޮތުގައި ހުށައަޅާފައި ނުވުމުން އެ ދެފަރާތުގެ ހެކިބަސް ނުނެގުމަށް ގާޒީ ނިންމެވިއެވެ.

މައްސަލައިގެ ޝަރީއަތް ނިންމާލައްވަމުން ގާޒީ ހައިލަމް ވަނީ ދިފާއީ ހެކިން ހުށަހެޅުމަށް ރައީސް ޔާމީނަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އެމަނިކުފާނު ދިފާއީ ހެކިން ހުށަހެޅުއްވީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އެސްއޯއެފް ކުންފުނިން އެއްމިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެފައިސާއަކީ އަމިއްލަ ފައިސާކަމަށް ބުނެ އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރި މައްސަލާގައެވެ.

މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން މި އަހަރުގެ ކުރީކޮޅު ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ. އެކަމަކު އެކޯޓުން ކުރި އެ އަމުރު ހައިކޯޓުން ވަނީ ފަހުން ބާޠިލުކޮށްފައެވެ.

ޔާމީންގެ ބޭންކް އެކައުންޓުތައް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ހައި ކޯޓުން ވަނީ ބާޠިލްކޮށްފައެވެ. މިމައްސަލަތައް ޕީޖީންވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި މިމައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މިދިޔަ މެއި މަހުވެސް ވަނީ ބާއްވާފައެވެ.