ގަތަރާއެކު ގުޅުން ބަދިހި ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދެވި ނަމަވެސް، ގުޅުން ބަދަހި ކުރެއްވޭނެ ސީދާ ދުވަހެއް އެނގިވަޑައި ނުގަންނަވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުން އިސްލާމީ އަހުވަންތަކަން އޮންނަ ގައުމުތަކާ އެކު ވަނީ ގުޅުން ކަނޑާލާފައި ކަމަށާއި، ގަތަރާއެކު ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދިޔަ ނަމަވެސް ގުުޅުން ބަދަހި ކުރެވޭނެ ސީދާ ދުވަހެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ގައުމުތަކާ މެދު އޮންނަ ސިޔާސީގުޅުން ކަނޑާލުމުން އެކަން އަލުން އާރާސްތުކުރުމަށް ވަގުތު ނަގާނެ ކަމަށެވެ. އަދިި ގަތަރު ނޫން ހުރިހާ ގައުމަކާއެކުވެސް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށާ، އެ ގައުމުތަކާ ބާއްވާ ގުޅުމުގައި ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް ބައްލަވައި އެކަން ކުރުމުގައި މި ސަރުކާރުން އެއްވެސް ވަރަކަށް ފަހަތަކަށް ނުޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އިސްލާމީ އުހުއްވަތުކަން އޮންނަ ގައުމުތަކާއެކު މިވަނީ ގުޅުން ކަނޑާލާފަ. އެ އަރާ ފޯރީގަ، ޒީލަގަނޑުގައި ގުޅުން ކަނޑާލީމަ ދެން ވާނެގޮތް އޮތީ ފެންނަން. މި ސަރުކާރުން ކުރަން ޖެހިފަ އޮތް ކަމަކީ އަލުން އެގުޅުން ބަދަހިކުރުން. ވަކި ގަތަރާއެކަކު ނޫން، ހުރިހާ ގައުމަކާ އެކުވެސް. އެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރަމުން ގެންދާނަން. އެ މަސައްކަތް ކުރުމުގައި މިއަދުގެ ސަރުކާރުގެ އޮތީ އެންމެ ވިސްނުމެއް. އެއީ ދިވެހި ރައްޔިތުންގެ މަސްލަހަތަށް އިސްކަންދީގެން. އެއީ ގައުމުތަކާއި ބާއްވާ ގުޅުމުގައި ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް ބަލައި އެކަން ކުރުމުގައި މި ސަރުކާރުން އެއްވެސް ވަރަކަށް ފަހަތަކަށް ނުޖެހޭނަން" ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
މި ސަރުކާރު ހަވާލުވިއިރު ރާއްޖެ އޮތީ ބައިނަލްއަގްވާމީ ގޮތުން ބިކަވެ އެކަހެރި ވެފައި ކަމަށާއި، ރާއްޖެއަށް އޮތް އިހްތިރާމާއި ގަދަރު ވަނީ ބައިންލައަގްވާމީ ގޮތުން ވެސް ގެއްލިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭކަމަކީ ދިވެހިރާއްޖެ ބައިނަލްއަގްވާމީ ދާއިރާގައި ސާބިތުވެ ރާއްޖެއަށް ހައްގު ޝަރަފާއި ގަދަރު ހޯދައި ދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މި ސަރުކާރު ހަވާލުވިއިރު ރާއްޖެއޮތީ ބައިނަލް އަގްވާމީގޮތުން ބިކަވެ ބާކީވެ އެކަހެރި ވެފަ. ރާއްޖެއަށްއޮތް އިހްތިރާމާއި ގަދަރުވަނީ ބައިންލަ އަގްވާމީގޮތުންވެސް ގެއްލިފަ. އެގޮތުން މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭކަމަކީ ދިވެހިރާއްޖެ ބައިނަލް އަގްވާމީ ދާއިރާގައި ސާބިތުވެ ރާއްޖެއަށް ހައްގު ޝަރަފާއި ގަދަރު ހޯދައި ދިނުން. މި ސަރުކާރާކީ އިސްލާމީ ގައުމުތަކާއި އަދި އެހެނިހެން ގައުމުތަކާވެސް ސިޔާސީގުޅުން އަދި އިގްތިސާދީގުޅުން ގާއިމްކޮށް މަސައްކަތްކުރާނެ ގައުމެއް." ޝާހިދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގަތަރާއި އަދި އެހެނިހެން ގައުމުތަކާ މެދު އޮތް ގުޅުން ބަދަހިކުރުމަށް ކުރަންވަން ޖެހޭ ދިރާސާތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.