ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުުށުގެ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ ފަރާތުން ހުށަހަޅަންޖެހޭ ދިފާއީ ހެކި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ރައީސް ޔާމީނުގެ ގާނޫނީ ވަކީލު އާދަމް ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓަށް ހުށަހަޅަން ޖެހޭ ދިފާއީ ހެކި ކޯޓަށް ހުށަހަޅުއްވާފައި ވާ ކަމަށެވެ. ނަމަވެސް ހުށަހަޅުއްވާފައި ވާ ދިފާއީ ހެކީގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
ދައުލަތުގެ ފަރާތުން މި މައްސަލައިގައި ރައީސް ޔާމީނާ ދެކޮޅަށް ހެކިންގެ ގޮތުގަ ހުށަހަޅާފައި ވަނީ، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ، މިހާރުގެ ރައީސް މުއައްވިޒު ރަޝީދު، ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު، މުހައްމަދު ވަސީމް އިސްމާއިލް، މުހައްމަދު ލުވައިޒު، މުހައްމަދު ޝަރީފް، އަބްދުﷲ ޒިޔަތު، އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.
ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެކީގެ ގޮތުގައި، އެސްކްރޯ އެއްބަސްވުމާއި ޔާމީން ފުލުހުންގެ އިތުރުން އޭސީސީއަށް ދީފައިވާ ބަޔާން ހިމެނެ އެވެ. އޭގެ އިތުރުން ޔާމީންގެ އަހަރީ ބަޔާނާއި، އެކައުންޓު ސްޓޭޓްމަންޓުތައް ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އަދި އެމްއެމްޕީއާރްސީ އޮޑިޓް ރިޕޯޓުގެ އިތުރުން ރަށެއް ކުއްޔަށް ދިނުމަށް ވި އެއްބަސްވުމަކާއި، އެކައުންޓަށް ފައިސާ ޖަމާ ކުރުމުގައި ޗެކްތަކުން ކޮށްފައި ހުރި މުއާމަލާތްތަކާއި، އޭސީސީ އާއި ރައީސް ޔާމީނާ ދެމެދު ވި އެއްބަސްވުން ހިމެނެއެވެ.
ޔާމީންގެ ޝަރީއަތް އެންމެ ފަހުން ކުރިއަށް ގޮސްފައި ވަނީ މި މަހުގެ އެކާވީސް ވަނަ ދުވަހު އެވެ. ޝަރީއަތުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ދިފާއީ ހެކިން ހުށަހަޅަން ޔާމީނަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ. އަދި ހެކިންގެ ހެކިބަސް ނެގުމަށް އަންނަ މަހުގެ ހަތަރުވަނަ ދުވަހު އަޑުއެހުމެއް ބާއްވަވާނެ ކަމަށް ގާޒީ ވަނީ އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ވިދާޅުވެފަ އެވެ.