ފަނޑިޔާރުންގެ ޒިންމާ އެންމެ ފުރިހަމަގޮތުގައި އަދާނުކުރެވެންޏާ އެފަދަ ފަރާތްތައް މަގާމުން ދުރުކުރަންޖެހޭކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހަށް ހުށަހެޅި ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ބެހޭ ރިޕޯޓަށް ވާހަކަދައްކަވަމުން، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، ކޯޓުތައް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް އިންސާފު ހޯދައިދިނުން ލަސްވެގެންދާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އަދި މިކަންތައްތައް ވަރަށް ގާތުން ބެލުމަކީ މަޖިލީހުގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.
އާޒިމް ވިދާޅުވީ، ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް ނުނިމި ދިގު ދަންމަނީ މިކަން މޮނިޓާ ކުރަން ތިއްބެވި ފަރާތްތަކުން އެކަން ރަނގަޅަށް ނުބެލުމުގެ ސަބަބުން ނުވަތަ އެ މައްސަލަ ބަލާ ފަނޑިޔާރެއް އެކަމަށް ގާބިލު ނުވުމުން ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން އެކަންކަން ކުރުމުގެ ގާބިލުކަން ނެތިއްޔާ މަގާމުން ވަކިކުރަން ޖެހޭކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެ ރިޕޯޓުގައި 10 އަހަރު ފާއިތުވެގެން ދިޔައިރު 12 މައްސަލައެއްގެ ތެރެއިން 11 މައްސަލައެއް އެންމެ ފަނޑިޔާރަކަށް ހަވާލުކޮށްފައިވާއިރު، 5 އަހަރުވެފައިވާ 126 މައްސަލައިގެ ތެރެއިން، 76 މައްސަލައެއް އެންމެ ފަނޑިޔާރެއް ބެލުމަށް ހަވާލުކޮށްފައިވާކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި މިއީ ވިސްނާލަންޖެހޭ ކަމެއް ކަމަށާއި، އެންމެ ފަނޑިޔާރެއްގެ މައްޗައް މިހުރިހާ މައްސަލައެއް ބެލުން އޮތުމަކީ، ޖުޑީޝިއަލް ސާވިސް ކޮމިޝަނުން މިފަދަ ކަންތައްތަކަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުގެ އިސްގާޒީ އާއި ސުވާލުކުރަންޖެހޭ ކަމެއް ކަމަށެވެ.
މީގެ އިތުރަށް އާޒިމް ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި، ރިޕޯޓުގައި ކްރިމިނަލް ކޯޓަށްވެސް ދިމާވާ ދަތިތަކާއި ބެހޭގޮތުން ހިމަނާފައިވާ ކަމަށާއި، އެފަރާތްކަށް ވީހާވެސް ފަސޭހަގޮތަކަށް ކަންތައްތައް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަކީ މުހިއްމުކަމެއް ކަމަށެވެ. ނިޔާޒް ވިދާޅުވީ ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭ ރިޕޯޓަށް ފުރިހަމަ އިސްލާހެއް އަދި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.