އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްވީ ދޮގު މައުލޫމާތު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ސިޓީ އިންވެސް އެނގޭކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"ނޮޓް ނެގޯޝިއަބްލް" ޗެކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައި ނުވާނެ ކަމަށް، ބީއެމްއެލްއިން ބުނަމުން އަންނައިރު މި މައްސަލާގައި މަޖިލީހަށް ދޮގު މައުލޫމާތު ދިނުމާއި ގުޅިގެން އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން އެމަނިކުފާނަށް ފޮނުވި ސިޓީގައި އެ ކޮމިޝަނުން ބަލަމުންދާ އެމްއެމްޕީއާރުސީ އިން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ހިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަ އާއި ގުޅޭގޮތުން ހޯދާފައިވާ ލިޔެކިޔުމުން ފެންނަން އޮތް ގޮތުގައި އެމްއެމްޕީއާރުސީއަށް ރަށްރަށާއި ފަޅުތަކުގެ ލީޒް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބިފައިވާ ޗެކުތަކުގެ ތެރެއިން ނޮޓް ނެގޯޝިއެބަލް ޖަހާފައިވާ ހަ ޗެކެއް އެންޑޯޒްކޮށްފައިވާކަމަށް ވަރަށް ސާފު އިބާރާތުން ބުނެފައިވާ ކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އިން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެ ބޭންކުގައި އޮންނަ ޔޫއެސްޑޮލަރު އެކައުންޓަށް ޖަމާކޮށްފައިވާކަންވެސް އެ ސިޓީއިން އިންގެންއޮތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިފަދައިން ވިދާޅުވިއިރު ބީއެމްއެލްއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހިއްސާކޮށްފައިވާ މައުލޫމާތުތަކަކީ އެ ބޭންކުގެ ރިކޯޑުތަކާއި އެއްގޮތަށް ދީފައިވާ ތެދު މައުލޫމާތުތައް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލާގައި ބީއެމްއެލްގެ އިހުމާލާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގައި މެމްބަރުން ޝަރީފާ ސުވާލުކުރުމުން އޭނާ ބައެއް ވާހަކަތައް ވިދާޅުވީ ހަގީގަތް ފޮރުވަން އޮޅުވާލައިގެން ކަމަށް މަޖިލިހުން ވަނީ ތުހުމަތުކޮށްފަ އެވެ.