އިންޑިއާ ކަނޑުގައި ބޮޑުދާއެޅުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ގަރާރު މަޖިލީހަށް ހުށަހަޅައިފައި ވަނީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އެވެ. ޝަހީމް ވިދާޅުވީ މިފަދަ ގަރާރެއް ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ މަސްވެރިންނަށް ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް މަގުފަހި ކޮށްދިނުން ކަމަށެވެ. މި ގަރާރު އިއްވުމަށް މަޖިލީހުން އަދި އެޖެންޑާކޮށްފައެއް ނުވެއެވެ.
ދަލު މަސްވެރިކަން ކުރުމާ ދެކޮޅަށް މަޖިލީހުގައި ގިނަ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުގައި ބޭރުގެ ބޯޓުތަކަށް ރާއްޖެ ސަރަހައްދަށް ވަނުމަށް ދީފައި އޮންނަ ލައިސަންސްތައް ބާތިލުކުރުމަށް ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ބޭރުގެ ބޯޓުތަކަށް ދިވެހިން ބާނާ މަސްގަތުމަށް ރާއްޖެ ވެދެވޭނެ ހުއްދަ ދިނުމަށް ގަރާރެއް އިއްޔެ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
ގިނަ ހޯދުން ތަކުން ދައްކާ ގޮތުގައި ދާ އަޅައިގެން ކުރާ މަސްވެރިކަމަކީ ތިމާވެށްޓަށް އެކަމުގެ ސަބަބުން ނުހަނު ބޮޑެތި ގެއްލުންތަކެއް ކުރިިމަތިވާ ކަމެކެވެ. މި މަސްވެރިކަމުގެ ސަބަބުން ފަރުތަކަށް ގެއްލުން ލިބޭކަމަށް މިހާތަނަށް ހޯދި ހޯދުން ތަކުން ފެންނަން އޮތްކަމަށް މިކަން ދިރާސާކުރާ މާހިރުން ފާހަގަ ކުރެއެވެ. ދަލު މަސްވެރިކަމަކީ ދާ އަޅުމުގެ ސަބަބުން އޭގައި ގިނަ އަދަދެއްގެ ބޭނުން ނުކުރެވޭ ބާވަތްތަކުގެ މަސް ޖެހޭ މަސްވެރިކަމެއް ކަމުން ދަލުގައި ޖެހޭ ކުދި ނުވަތަ ބޭނުން ނޫން މަސްތައް ބޭކާރުގޮތުގައި އުކާލެވުމުން ކަނޑުތަކުގެ ދިރުންތައް ނެތިދާކަންވެސް އެފަރާތްތަކުން ފާހަގަކުރެއެވެ. މީގެ އިތުރުން ވެލާ ފަދަ ހިމާޔަތް ކޮށްފައި ހުންނަ ބާވަތްބާވަތާއި، މަދުން ފެންނަ ބާވަތްތަކުގެ ދިރުންތައް މިބާވަތުގެ މަސްވެރިކަމުން ނެތި ދިއުމުގެ ބިިރުވެސް ބޮޑެވެ.