ބޭރުގެ މަސް ބޯޓުތަކުން ރާއްޖެއައިސް މަސް ގަތުމަށް ހުއްދަ ދިނުމަކީ ދިވެހި މަސްވެރިކަން ހަލާކު ކޮށްލުން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ބޭރުގެ މަސްބޯޓުތަކަށް ރާއްޖެ އައިސް މަސް ގަތުމަށް ހުއްދަދިނުމާ ގުޅޭގޮތުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ހުށަހަޅުއްވައި ފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ، އެ ގަރާރަކީ މަސްވެރިކަމުގެ ސިނާއަތް ރަނގަޅު ކުރުމަށް ހުށަހަޅުއްވައިފައިވާ ގަރާރެއް ނަމަވެސް އެކަމުން ވާނެ ގެއްލުން ނުހަނު ބޮޑު ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހި ބަނދަރުތަކުގައި، ބޭރުގެ މަސްބޯޓުތަކުން ރާއްޖެއިން ހުއްދަދީގެން ނުވަތަ ނުދީވެސް ހޭދަކުރާ ދުވަސްތަކަކީ ނުރައްކާތެރި ދުވަސްތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިގޮތަށް ހުއްދަ ދީގެން ދިވެހި މަސްވެރިންނަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. އަދި އިޖުތިމާއީ ގޮތުން މި ގަރާރުން ހާސިލް ކުރުމަށް ބޭނުންވާ ކަންކަން ހާސިލް ކޮށްގެން ވެސް މަސްވެރިންނަށް ކުރާނެ ފައިދާއެއް ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އޭގެ ބަދަލުގައި މިކަމުން ނިކުންނާނީ އިޖުތިމާއީ އެތައް މައްސަލަތަކެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ މިފަދަ ގަރާރެއް ފާސްކުރުމަކީ ގޮތްނޭނގޭ މީހުންނާއި މުދާ ރާއްޖެ އެތެރެކުރުމަށް ހުޅުވާލެވޭ ދޮރެއް ކަމަށެވެ.
އަދި ބޭރުގެ ބޯޓުތަކުން ތިބެނީ ދިވެހި މަސްކަނޑު ތަކުގައި ދާއަޅާލާނެ ވަގުތަކަށް ބަލަބަލާ ކަމަށާ އެމީހުން މަސް ގަތުމަށް ރާއްޖެ ވަނުމުން މިފަދަ މައްސަލަތައް އިންތިހާއަށް އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ ފުރުސަތުތައް ދާއަޅާ ބޮޑެތި ބޯޓުފަހަރުން ދޫކޮށް ނުލާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ ބައެއް މެންބަރުންވެސް ވަނީ މިފަދަ ގަރާރެއް ފާސްކުރުމުން އޭގެން ނިކުމެދާނެ ގެއްލުމަކަށް ވިސްނަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ މިފަދަ ގަރާރެއްގެ ސަބަބުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމަށް މަގުފަހިވާނެ ކަމަށާއި އެކަމަށް ސަމާލު ވުމަކީ މުހިންމު ކަމެއް ކަމަށެވެ. ވަރަށް ފަހުން އިރާނުގެ މަސްބޯޓުތަކެއް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތެރޭގައި ހިފަހައްޓާފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އެހެން ނަމަވެސް މިގަރާރަށް ސަރުކާރު ހިންގާ އެމްޑީޕީގެ ގިނަ މެންބަރުން ނުހަނު ތާއިދުކުރެއެވެ.