ރާއްޖޭގެ މަސްވެރިން ބާނާ މަސް ބޭރުގެ ފަރާތްތަކުން ގަތުމަށް ހުޅުވާލުމަށް މަޖްލީހުގެ ގިނަ މެމްބަރުން ތާއީދު ކުރައްވައިފި އެވެ.

މަސްވެރިން ބާނާ މަހަށް ހެޔޮ އަގެއް ހޯދައިދިނުމަށް ބޭރުގެ ފަރާތްތަކަށް މަސް ގަތުމަށް ހުޅުވާލުމަށް، މިއަދު ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ވަނީ މި ގަރާރަށް ތާއިދު ކުރައްވާފަ އެވެ. ގަރާރަށް ތާއިދުކުރައްވާ ވާހަކަ ދައްކަވަމުން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިއާން ވިދާޅުވީ ދިވެހި މަސްވެރިން ބާނާމަސް ބޭރުގެ ފަރާތްތަކަށް ވިއްކުމުގެ ނިޒާމް ގާއިމްކުރުމުން ސީދާ ރަށު މަސްވެރިޔާގެ ޖީބަށް ޑޮލަރު ވަންނާނެ ނިޒާމެއް ގާއިމް ވެގެންދާނެ ކަމަށެވެ. ބޭރުގެ މަސްބޯޓުތަކަށް ރާއްޖެ އައިސް މަސް ގަނެވޭނެ އިންތިޒާމް ހަމަޖައްސާއިރު ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނަން ޖެހޭ ކަމަށް ވެސް ޝިއާން ވިދާޅުވި އެވެ. މަސްވެރިންނަށް، ބާނާ މަހުގެ ރަނގަޅު އަގު ނުލިބޭތީ އެކަމާ ކަންބޮޑުވާ ކަމަށާއި، މި ގަރާާރާ އެކީ ޔޫރަޕްގެ ބޯޓުފަހަރާއި އަދި އޭޝީއާ ގައުމުތަކުގެ ބޯޓުފަހަރު ސީދާ ރާއްޖެ އަށް މަސްގަތުމަށް އައުމުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސް ބޯޓުފަހަރު ބަނދަރުކުރެވި ތާޒާކަމާ އެކީގަ މަސްވެރިން ބާނާ މަސް އެ ބޯޓުފަހަރަށް ކިރޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ޝިއާން ވިދާޅުވި އެވެ. އަދި ހަރަދު ކުޑަކޮށް މަސް ބޭނުމަށް ހޭދަވާ ވަގުތާއި އެކަމަށްކުރާ ހަރަދު ކުޑަވެ މަސްވެރިން ބާނަ މަހަށް އެކަށީގެންވާ ރަނގަޅު އަގެއް ލިބޭނެ ކަމުގެ ފުރިހަމަ އުއްމީދު އެބައޮތް ކަމަށް ޝިއާން ވިދާޅުވި އެވެ.

ގަރާރަށް ތާއިދުކުރައްވައި ވާހަކަ ދައްކަވަމުން އައްޑޫ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ މަސްވެރިން ބާނާ މަސްގަތުމަށް މިފްކޯ އޮތީ ނުކުޅެދިފަ ކަމަށެވެ. އަދި މިފްކޯ ބަނގުރޫޓުވެފައިވާ އިރު މަސްވެެރިން ބާނާ މަސް ގަނެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މި ގަރާރަށް ތާއީދުކުރައްވާ ވިދާޅުވީ ވީހާ ވެސް ފުޅާ ދާއިރާއެއްގައި މަސްވެރިކަމުގެ ވިޔަފާރި ހުޅުވާލުމުގެ ފުރުސަތު އެ ގަރާރުން ފަހިކޮށްދެވޭނެ ކަމަށެވެ. އަދި މަސްގަތުމުގައި މާރުކޭޓަށް ޑިމާންޑް ބޮޑުވެ މަސްވެރިންގެ އަތުން މަސް ގަންނަ އަގު އުފުލޭނެ އިގްތިސާދީ ތަބިއްޔަތެއް އުފެއްދުން އެއީ މި ގަރާރު ބާރު އަޅާކަމެއް ކަމުގަ ގަބޫލުކުރެވޭ ކަމަށް ލަތީފް ވެސް ވިދާޅުވި އެވެ.

މަސްވެރިން ބާނާ މަސް ގަތުމަށް މިހާރު ހުއްދަ ދީފައިވާ ދިވެހި ހަތަރު ކުންފުނީގެ ހުއްދަ ބާތިލް ކުރުމަށް މެމްބަރުން ވަނީ ގޮވާލައްވައިފަ އެވެ.