މޮރިޝަސް ގައި މިހާރު ކުރިއަށް ގެންދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއިން ބައިވެރިވާ ބައެއް ކުޅިވަރުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އަނބިކަނބަލުން ފަޒްނާ އަހުމަދު ބައްލަވާލައްވައިފިއެވެ.

ރައީސް ގެ ދެކަނބަލުން އައިއޯއައިޖީ ގައި ރާއްޖެއިން ބައިވެރިވާ ބައެއް ކުޅިވަރުތައް ބައްލަވާލެއްވީ ރާއްޖެއިން ބައިވެރިވި ޓީމަތަކަށް ހިތްވަރުދެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އައިއޯއައިޖީ ގެ ކުޅިވަރުތައް މޮރިޝަސްގައި މިއަދު ކުރިޔަށްދިޔައިރު ރާއްޖޭގެ ވޮލީޓީމާއި ޓޭބަލް ޓެނިސް ޓީމްގެ މެޗްތައް ކުރިޔަށްދިޔައިރު ރައީސްގެ ދެ ކަނބަލުން ވަނީ އެތަނަށް ވަޑައިގެން މި މެޗްތައް ބައްލަވައިލައްވައި ކުޅުންތެރިންނަށް ހިތްވަރުދެއްވައިފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. މިއަދު ކުރިޔަށްދިޔަ ފިރިހެނުންގެ ބީޗް ވޮލީ މެޗްގައި ބައްދަލުކުރީ ރާއްޖޭގެ ޓީމާއި ރީޔޫނިއަން އައިލެންޑްގެ ޓީމެވެ. އަދި އަންހެނުންގެ ޓޭބަލް ޓެނިސް މެޗްގައި ރާއްޖެއާއި ބައްދަލުކޮށްފައި ވަނީ މޮރިޝަސް ޓީމެވެ. ބީޗްވޮލީގައި ރާއްޖޭގެ ފިރިހެން ޓީމަށް ނާކާމިބުވީ ނަމަވެސް ޓޭބަލް ޓެނިސް މެޗް ކާމިޔާބުކުރީ ރާއްޖޭގެ އަންހެންޓީމެވެ.

މިއަދު އައިއޯއައިޖީ ފެއްޓެވުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން، ރައީސް ސޯލިހް ވަނީ ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ކުޅުންތެރިންތަކެއް އުފައްދައި، ހުނަރުވެރި ގާބިލް، އަދި ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމުގެ ބޭނުމުގައި ކަނޑައެޅުއްވި ސިޔާސަތެއްކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މޮރިޝަސްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަރުތުފުޅަކީ މޮރިޝަސް ސަރުކާރުގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެކެވެ.