ރާއްޖެއަށް ހިޖުރަކުރާ ބިދޭސީންނާއި، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ބޭނުން، ހެޔޮގޮތުގައި ހިފޭނެގޮތް ހެދުމަށްޓަކައި، ހިޖުރަކުރުމާ ބެހޭ ސިޔާސަތެއް އެކުލަވާލުމަށް ސަރުކާރުން ރާވާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އާބާދީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާރުގެ އަންދާޒާތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު، 533،000 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ދިރިއުޅޭނެ ކަމަށެވެ. އަދި އޭގެ ތެރެއިން 30 އިންސައްތައަކީ ބިދޭސީން ކަމަށާއި، އެމީހުންގެ ފަރާތުން ރާއްޖޭގެ އިގްތިސާދަށް ފައިދާތަކެއް ލިބުނު ނަމަވެސް ރާއްޖޭގެ އާމްދަނީގެ ވަރަށް މަތީ މިންވަރެއް، އެމީހުންގެ ސަބަބުން ރާއްޖެއިން ބޭރުވެގެން ދާކަމީވެސް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

އަދި މިކަންކަމަށް ރިޢާޔަތްކޮށް، ރާއްޖޭގެ މަސައްކަތު އާބާދީގައި ދިވެހިންގެ ނިސްބަތް އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖެއަށް ހިޖުރަކުރާ ބިދޭސީންނާއި، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ބޭނުން، ހެޔޮގޮތުގައި ހިފޭނެގޮތް ހެދުމަށްޓަކައި، މައިގްރޭޝަން ޕޮލިސީއެއް އެކުލަވައިލުމަށް ސަރުކާރުން ރާވާފައިވާ ކަމަށެވެ.

"ކޮންމެ ގައުމެއްގެވެސް އެންމެ އަގުބޮޑު ހަޒާނާއަކީ، އެ ގައުމެއްގެ ރައްޔިތުން ނުވަތަ އާބާދީ. ރާއްޖެއަށް ލިބޭ ކުރިއެރުމާއި ތަރައްގީގެ ފައިދާ، ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އަޅުގަނޑުމެން ބަލަންޖެހެނީ، އާބާދީގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނެ ދާއިރާތަކާއި ގޮތްތަކަކީ ކޮބައިތޯ،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ މިކަންކަމަށް ވިސްނާއިރު، ކޮންމެ ފަރުދަކީ، ގާބިލް، އުފެއްދުންތެރި، ހުނަރުވެރި އަދި އީޖާދީ މީހަކަށް ހެދޭފަދަ ގޮތަކަށް، ތައުލީމީ ސިޔާސަތު ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ގައުމީ ތަރައްގީގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ރަނގަޅު ކާނާއާއި، ދުޅަހެޔޮ ސިއްހަތުގެ ޒަރީއާއިން ރައްޔިތުންގެ ހަށިހެޔޮކަން އިތުރުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.