ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައި ވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ އިން ބުނެފިއެވެ.
ޖޭއެސްސީ އިން ބުނީ ފަނޑިޔާރު ދީދީ އާ ގުޅޭގޮތުން ޖޭއެސްސީ އިން ބަލަމުން ދިޔަ މައްސަލަ، އެ މައްސަލަ ތަހުގީގު ކުރި ކޮމެޓީއިން ހުށަހަޅާފައިވާ ރިޕޯޓު ބަލައިގަތުމަށް މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމައިފައި ވާކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރި ކޮމެޓީއިން ނިންމައިފައި ވަނީ މައްސަލަ ރައްދުވާ ފަނޑިޔާރު ދީދީ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ކަމަށް ޖޭއެސްސީ އިން ބުނެއެވެ.
އަދި ޖޭއެސްސީގެ ގަވައިދުގައި ވާގޮތަށް ތަހުގީގު ރިޕޯޓަށް ޖަވާބުދާރީ ވުމަށް 30 ދުވަހުގެ މުހުލަތެއް ފަނޑިރާރު ދީދީއަށް ދީފައިވާނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ފަނޑިޔާރު ދީދީގެ މައްޗަށް ތުހުމަތު ކުރަނީ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރި މައްސަލައާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސލަފަދަ ޖިނާއީ މައްސަލަތަކެއް ކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ.
މި މައްސަލަތަކާއި ގުޅިގެން ފަނޑިޔާރު ދީދީ ސަސްޕެންޑު ކުރުމަށް ޖޭއެސްސީ އިން ނިންމުމާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ކޯޓު އަމުރެއް ނެރެފައެވެ. އަދި އެކަމުގެ ސަބްބުން ސުޕްރީމް ކޯޓުން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ މައްސަލަ ވަނީ ފެންމަތިވެފައެވެ.