އަވައްޓެރި އިންޑިއާ އާއި ރާއްޖެއާ ދެމެދު ވުމަށް ތައްޔާރު ވަމުން އަންނަ އެއްބަސްވުމަށް ރުހުން ހޯދުމަށް މި ހަފްތާ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނިއުޝާ ވިދާޅުވީ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އިން "ރިޕަބްލިކް އޮފް މޯލްޑިވްސް ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަން އެސިސްޓެންސީ ކްރިމިނަލް މެޓާސް" އެއްބަސްވުން ބަލައި ނިމިފައި ވާކަމަށާ މި ހަފްތާ ތެރޭގައި މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅޭނެ ކަމަށެވެ.
މި އެއްބަސް ވުމުގައި ވަނީ އިންޑިއާއިން ކުށްވެރިއަކު ކަމުގައި ކަނޑައަޅާ މީހަކު، އިންވެސްޓެއް ރާއްޖެއަށް ކޮށްފައި ވާނަމަވަ އެ އިންވެސްޓަކާއި އެ އިންވެސްޓެއްގެ ފައިސާ އިންޑިއާއިން ހިފެހެއްޓޭނެ ކަމަށެވެ. މި އެއްބަސް ވުމާ މެދު ކުރެއްވި ބަހުސްގައި ވަނީ އެ ކޮމެޓީގެ ބައެއް މެންބަރުން ނުރުހުން ފާޅުކުރައްވައި ކޮމެޓީ ބައްދަލުވުމުގެ ތެރޭގައި އަޑު އުފުލާފައެވެ.
މީގެ އިތުރުން މަޖިލީހުގެ ނުނިމި ހުރި ބައެއް ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ނިއުޝާ ވިދާޅުވީ މާލިއްޔަތު ކޮމެޓީއިން ފޮނުވާފައިވާ ބައެއް ރިޕޯޓުތައްވެސް ލިބިފައިވާ ކަމަށާ އޭގެ ތެރއިން ބައެއް ރިޕޯޓުތައް މި ހަފްތާ ތެރޭގައި އެޖެންޑާ ކުރެވޭނެ ކަމަށެވެ.
އަދި ޗެމްބާ އޮފް ކޮމާސްގެ ބިލާ މެދު ބަހުސް ކުރުމާއި، ސަގާފީ ތަރިކައާ ބެހޭ ބިލަށް ވޯޓަށް އެހުން ވެސް މި ހަފްތާ ތެރޭގައި އޮންނާނެ ކަމަށް އެނާ ވިދާޅުވިއެެވެ.