ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ނިންމއިފައިވާ އިސްލާހު ތަކަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ހިޔާލާއި އަދި ގާނޫނަށް ގެނެވިދާނެ އެހެނިހެން އިސްލާހު ހުށަހަޅައިފިއެެވެ.

އެގޮތުން ފަނޑިޔާރުންގެ ޖަމިއްޔާއިން ޖޭއެސްސީގެ ގާނޫނަށް ހުށަހަޅައިފައިވާ ހުށަހެޅުންތަކުގެ ތެރޭގައި، ފަނޑިޔާރުންނާ ބެހޭގޮތުން ޖޭއެސްސީ އަށް ހުށަހަޅާ މައްސަލަތައް ނިންމުމަށް ވަކި މުއްދަތެއް ކަނޑައެޅުމަށާއި، ސުލޫކީ މައްސަލައެއް ސާބިތުވެއްޖެ ނަމަ އެ މައްސަލައިގެ ރެކޯޑު ދެމިއޮންނާނެ ވަކި މުއްދަތެއް ކަނޑައެޅުން ހިމެނެއެެވެ.

އަދި އާ އިސްލާހުތަކުގެ ސަބަބުން ކުރިމަތި ވެދާނެ މައްސަލަތައް ދެނެގަނެ، ހައްލު ހޯދުމަށް އިންތިގާލީ މާއްދާތައް ހިމެނުމަށްވެސް އެ ހުށަހެޅުމުގައި ވެއެވެ. އެއީ އިސްލާހުގައި ވާ ގޮތަށް ރަޖިސްޓްރާއިން ކަނޑައަޅާނަމަ މިހާރު ތިބި ރަޖިސްޓްރާއިން ދެމި ތިބޭނެ ކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި، ފަނޑިޔާރުންނަށް ތަމްރީނު ދިނުމުގެ މަސައްކަތް ޑީޖޭއޭ އާއި ހަވާލު ކުރާ އިރު މިހާރު އޮތް ޖުޑިޝަލް އެކަޑަމީއަށް ވާނެ ގޮތް ކަނޑައެޅުމުގެ އިތުރުން ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު ކަނޑައަޅަންދެއް މިހާރު ހުންނެވި ޗީފް އެޑްމިނިސްޓްރޭޓަރު މަގާމުގައި ހުންނާނެ ކަން ނުވަތަ ނޫންކަން ކަނޑައެޅުމެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން ޖޭއެސްސީގެ ގާނޫނަށް ހުށަހެޅި ބައެއް ހިޔާލު ތަކާ އިސްލާހަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ތާއިދު ކުރައްވާފައެވެ. އަދި ފަނޑިޔާރުންގެ ޖަމިއްޔާގެ އަގުހުރި ހުށަހެޅުންތައް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ބައްލަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ވަނީ ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު މަޖިލީހުން ފަސްކޮށްފައެވެ. އެ އިސްލާހުގައި ވަނީ ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ ނަމުގައި އިދާރާއެއް އުފެއްދުމަށާއި އެ އިދާރާއަށް ފުރިހަމަ މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް ބަދަލުކުރުމަށެވެ. އަދި އެ އިސްލާހުގައި ވާގޮތުން، އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމާ ހިސާބުން މިހާރުގެ ޑީޖޭއޭ އުވިގެން ދާނެއެވެ.

މީގެ އިތުރުން އިސްލާހުގައި ވާގޮތުން އިސްލާހު ފާސްވެއްޖެ ނަމަ ޖޭއެސްސީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނަވާނީ ޗީފް އޮފް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެވެ. މި އިސްލާހުގައި ވާގޮތުން ޗީފް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކަށް އެއްވެސް ބާވަތެއްގެ އަމިއްލަ ވިޔަފާރިއެއް ނުހިންގެވޭނެ އެވެ. އަދި ޗީފް އޮފް ޑީޖޭއޭ އަކީ 35 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވާން ޖެހޭނެ ކަމުގައިވެސް އިސްލާހުގައި ވެއެވެ.

ޑީޖޭއޭ އަކީ މިހާތަނަށް ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން އަންނަ ޑިޕާޓުމަންޓެކެވެ.