ރޭ ދަންވަރު ގދ. ރަތަފަންދޫގައި މަރުވި އަންހެން މީހާގެ މަރާމެދު ފާހަގަ ކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށާ އެއީ ގުދުރަތީ މަރެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިހާރު އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލު ކޮށްފައި ވާކަމަށެވެ. ފުލުހުން ބުނީ ރޭ ދަންވަރު 2:44 ހާއިރު އެ ރަށުގެ ސިއްހީ މަރުކަޒުން އަންހެނަކު މަރުވެގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވާކަމަށެވެ. އަދި އެ އަންހެން މީހާއަކީ އުމުރުން 44 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ކުރިން ބުނެފައި ވަނީ އެ އަންހެން މީހާގެ މަރާމެދު ޝައްކު އުފެދޭ ކަންކަން ހުރުމުން އެކަން ތަހުގީގު ކުރަމުން ދާކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރަތަފަންދޫ ކައުންސިލެގް ރައީސް ހުނައިފް އަސްލަމް ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ރޭ 12 ޖެހި ފަހުން ކަމަށެވެ. އަދި ކައުންސިލުން އެތަނަށް ގޮސް ބެލި ބެލުމުން ވެސް އޭނާގެ ގައިން އެއްވެސް އަނިޔާ އެއްގެ ނިޝާނެއް ހުރިކަން ފާހަގަ ވެފައި ނުވާކަމަށް ހުނައިފް ވަނީ މައުލުމާތު ދީފައެވެ. އަދި އެ އަންހެން މީހާ އަކީ އެރަށު ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމުގައި ހުރި މީހެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.