ރާއްޖޭގެ އިންޓަނެޓުގެ އަގު ބޮޑު ވާހަކަ މީޑިއާ ތަކުން ނުދެއްކާނެ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ޣަފޫރު މިހެން ވިދާޅުވީ މަޖިލީހުގައި، ޗެމްބަރު އޮފް ކޮމާސްއަށް ގާނޫނީ ބާރު ދިނުމުގެ ބިލާ މެދު ބަހުސް ކުރައްވަމުންނެވެ. އޭނާ މިކަން ފާހަގަކުރައްވާފައި ވަނީ ދިވެހިރާއްޖެއަކީ ވިޔަފާރި ކުރުމުގައި ވަރަށް މިނިވަން ގައުމެއް ކަމަށް ވިދާޅުވަމުންނެވެ.

ރާއްޖެއަކީ ދުނިޔޭގެ މުއްސަނދި ގައުމުތަކާ އަޅައި ބަލާއިރު ވެސް އިންޓަނެޓުގެ އަގު ބޮޑު ގައުމެއްކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. މިކަން ފާހަގަކޮށް ވާހަކަ ދައްކާނެ މީޑިއާއެއް ނެތް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ސަބަބަކީ ރާއްޖޭގެ ހުރިހާ މީޑިއާތަކަށް ދިރާގުންނާއި އުރީދޫ އިން ސްޕޮންސާ ދީފައި ވާތީ މީޑިއާއަކުން އެ ނެޓްވޯކް ތަކުގެ އިންޓަނެޓު އަގުބޮޑުކަން ފާހަގަކޮށް އެއްޗެއް ބުނެފިކަމުގައި ވާނަމަ އިސްތިހާރުތައް އަތުލުމުގެ ބިރު އޮތީމައި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ޣަފޫރު ވަނީ ދިރާގުން ތައާރަފް ކުރާ އިންޓަނެޓު ޕެކޭޖުތަކަކީ އަގުބޮޑު ޕެކޭޖު ތަކަކުގެ ވާހަކަ މިޑިއާއިން ނުދައްކާނެ ކަމަށް ވިދާޅުވަމުން، ބޭންކް އޮފް މޯލްޑިވްސް އިން ނަގާ ބޮޑު ފައިދާގެ ވާހަކަތައްވެސް ދައްކާނެ ފަރާތެއް ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ވެސް 300 މިލިއަން، 400 މިލިއަން، 500 މިލިއަން ފައިދާގެ ގޮތުގައި ނަގާއިރުވެސް އެވާހަކަތައް ދައްކާނެ އެއްވެސް ފަރާތެއް ނުވޭ. އެހެން ވީމަ މި ހުންނަނީ އަޅުގަނޑުމެން މިކަންކަން ކުރުމުގައި ވަރަށްބޮޑަށް ވިސްނަން ޖެހޭ ކަަންކަން
ހަނިމާދޫ ދައިރާގެ މެންބަރު ގަފޫރު

ރާއްޖޭގެ ކުންފުނި ތަކުން އެކަށީގެން ނުވާ މިންވަރަށް ފައިދާ ނަގަމުން ދާއިރު މިކަން ހުއްޓުވޭނެ މެކޭނިޒަމެއް ހޯދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ބިލު ފާސްވެއްޖެ ނަމަ، ޗެމްބަރު އޮފް ކޮމާސް އަކީވެސް ވިޔަފާރިތަކުން އެތައް ފައިދާއެއް ނަގާނެ ތަނަކަށް ބަދަލުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.