ރޭ ގދ. ރަތަފަންދޫގައި މަރުވި މީހެއްގެ މަރާމެދު ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 2:44 ހާއިރު އެ ރަށުގެ ސިއްހީ މަރުކަޒުން އަންހެނަކު މަރުވެގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވާކަމަށެވެ. އަދި އެ އަންހެން މީހާއަކީ އުމުރުން 44 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައި ވާކަމަށް އެރަށުގެ ސިއްހީ މަރުކަޒުން ބުނެފައި ވާކަމަށެވެ. އަދި މި މައްސަލައިގައި ފުލުހުންނަށް ޝައްކު ކުރެވޭ ކަންކަން ހުރުމުން އެކަންކަން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ.

މިކަމުގެ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރަތަފަންދޫ ކައުންސިލެގް ރައީސް ހުނައިފް އަސްލަމް ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ރޭ 12 ޖެހި ފަހުން ކަމަށާއި، ކައުންސިލުން އެތަނަށް ގޮސް ބެލި ބެލުމުން އޭނާގެ ގައިން އެއްވެސް އަނިޔާ އެއްގެ ނިޝާނެއް ހުރިކަން ފާހަގަ ވެފައި ނުވާކަމަށެވެ. އަދި އެ އަންހެން މީހާ އަކީ އެރަށު ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމުގައި ހުރި މީހެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިހާރު ފުލުހުންގެ ފަރާތުން ފޮރިންސިކް ޓީމެއް އެ މައްސަލަ ތަހުގީގު ކުރުމަށް އެ ރަށުގައި ހަރަކާތްތެރި ވަމުން ދާކަމަށް އޭނާ މައުލޫމާދު ދެއްވިއެވެ.