ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތް ފަނޑިޔާރުންނަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހަޅާފައި ވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. ޖުޑިޝަރީގެ ގާނޫނަށް ހުށަހެޅި މި އިސްލާހުގައި ވަނީ ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދައުލަތުގެ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ހަތް ފަނޑިޔާރުންނަށް އިތުރު ކުރުމަށެވެ.

މި ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅީ، 2014 ވަނަ އަހަރު ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް ސިޔާސީ މަގުސަދެއްގައި، އޭގެ ތެރެއިން ދެ ފަނޑިޔާރު ވަކި ކޮށްފައިވާތީ އަލުން ހަތް ފަނޑިޔާރުންނަށް ބަދަލު ކުރުމަށް ޓަކައި ކަމަށް އެ އިސްލާހުގައި ވެއެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލީހުގެ ޖަލްސާ ގައިވަނީ އިއްވައިފަ އެވެ.

ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014 ވަނަ އަހަރު އެ އަދަދު ކުޑަކުރުމުގެ މަގްސަދުގާ ވަނީ އޭރުގެ އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެ ބެންޗުން ވަކި ކޮށްފައެވެ. ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ ފަސް ފަނޑިޔާރުންނެވެ.