ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި އަބްދުﷲ ޝައިމް ގެއްލުނު މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީ އިން ނިންމައިފިއެވެ.
މަޖިލިސް އިދާރާއިން ބުނީ މިއަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމެޓީ ބައްދަލުވުމުގައި ޝައިމް ގެއްލިގެން ހޯދަމުންދާ މައްސަލަ ބަލާ ދިރާސާ ކުރުމާ، މިނިސްޓާ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސެސް ޝިދާތާ ޝަރީފު ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ގެއްލިގެ ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އޭނާ ގެއްލިގެން ހޯދާތާ މިއަދަށް 1 ހަފްތާ ވެގެންދާއިރު ވެސް ޖެންޑާ މިނިސްޓްރީއަކަށް އަދި ފުލުހުންނަކަށްވެސް އޭނާ ނުހޯދެއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ 2010 ވަނަ އަހަރުން ފެށިގެން ޝައިމް އުޅެމުން ދިޔައީ ކުށުގެ ވެށީގައި ކަމަށެވެ. އަދި އޭނާގެ މައްސަލަތައް 2009 ވަނަ އަހަރުން ފެށިގެން އެ މިނިސްޓްރީ އަށް ހުށަހެޅެމުން ދިޔަ ކަމަށްވެސް އެ މިނިސްޓްރިން ވަނީ ހާމަކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، އުމުރުން ހަތަރު އަހަރުން ފެށިގެން ކުށުގެ ވެށީގައި ޝައިމް އުޅުމަކީ އޭނާގެ މައްސަލަ އިތުރަށް ނާޒުކުވާ ކަމެއް ކަމަށާއި، ޝައިމް ކޮންމެ ތަނެއްގައި ހުއްޓަސް، މިއީ އޭނާ އިހްތިޔާރު ކުރި ކަމެއް ނޫން ކަމަށެވެ. އަދި ޝައިމްގެ މައްސަލަ އަކީ ނާޒުކު މައްސަލައެއް ކަމަށާއި، އެ މައްސަލައިގެ ތަފްސީލަކީ ހާމަ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އީވާ ވިދާޅުވިއެވެ. އީވާ މިހެން ވިދާޅުވީ، ޝައިމްގެ މައްސަލައިގެ ތަފްސީލް މިނިސްޓަރު ޝިދާތާ އާންމުންނަށް ހާމަ ކުރެއްވުމާ ގުޅިގެންނެވެ.
ޝައިމް ގެއްލިގެން އުޅޭކަމުގެ ހަބަރުތައް ސޯޝަލް މީޑިއާގައި އާންމުވުމުން، ޝައިމް އަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ކަން ޖެންޑާ މިިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ. ނަމަވެސް ފަހުން، ޝައިމް ގެއްލުނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓާ ކަމަށާއި، އެ މިނިސްޓްރީގެ އިހުމާލުން ކަމަށް މިނިސްޓްރީން އެއްބަސްވިއެވެ.