ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ކުއްލި މައްސަލައާ މެދު ބަހުސް ކުރުމަށް އެދިވަޑައިގެންފައިވާ ހުރިހާ މެންބަރުންނަށް ފުރުސަތު ދީ ނިމެންދެއް ބަހުސްކުރުމުގެ ވަގުތު އިތުރުކޮށްފިއެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ގިނަ މައްސަލަތަކެއް ނުބެލި ދިގުދެމިގެން ދާތީ، އެ މައްސަލަތައް ބެލުމަށް ހުށާހަޅާފައިވާ ހުށަހެޅުމެކެވެ.
މި ހުށަހެޅުން ފާސްކުރުމަށް 26 ވޯޓު ބޭނުންވެއެވެ. މި ހުށަހެޅުމާ މެދު ބަހުސް ކުރުމުގެ ވަގުތު އިތުރުކުރުމަށް ވޯޓު ދެއްވީ 48 މެންބަރުންނެވެ. އަދި މި މައްސަލައާ މެދު ބަހުސް ކުރުމުގެ ވަގުތު އިތުރު ކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެންމެ މެންބަރެކެވެ. މި މައްސަލައާ މެދު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއްވެސް މެންބަރަކު ނެތެވެ.
މި ކުއްލި ހުށަހެޅުން މަޖިލިހަށް ހުށަހަޅުއްވާފައި ވަނީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުއެވެ. ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަނަ ނުދިނުމަށް ބޮޑުތަޅު އެޅުވި މައްސަލައާއި، އެމްއެމްޕީއާރުސީ ގެ ހިޔާނާތުގެ މައްސަލައާއި، އޭރުގެ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް އެތަށް ސިޔާސީ ލީޑަރުން ހައްޔަރު ކުރި މައްސަލަ ފަދަ ބޮޑެތި މައްސަލަތަކަކީ ސަރުކާރުން ބަލުން އަވަސް ކުރަން ޖެހޭ މައްސަލަ ތަކެކެވެ.
މި ހުށަހެޅުމާ މެދު ބަހުސް ކުރެއްވި ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ ގިނަ މެންބަރުން ވަނީ މި ހުށަހެޅުމަށް ތާއިދުކޮށް ވާހަކަފުޅު ދައްކަވާފައެވެ.