ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ގިނަ މައްސަލަތަކެއް ނުބެލި ދިގުދެމިގެންދާތީ، އެ މައްސަލަތައް ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

މި ހުށަހެޅުން މަޖިލިހަށް ހުށަހަޅުއްވާފައި ވަނީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުއެވެ. ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަނަ ނުދިނުމަށް ބޮޑުތަޅުއެޅުވި މައްސަލައާއި، އެމްއެމްޕީއާރުސީ ގެ ހިޔާނާތުގެ މައްސަލައާއި، އޭރުގެ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް އެތަށް ސިޔާސީ ލީޑަރުން ހައްޔަރު ކުރި މައްސަލަ ފަދަ ބޮޑެތި މައްސަލަތަކަކީ ސަރުކާރުން ބަލުން އަވަސް ކުރަން ޖެހޭ މައްސަލަ ތަކެކެވެ.

އަދި މި މައްސަލަތަކުގައި ކުށްވެރިވާ ފަރާތްތަކުގެ ޝަރީއަތްތަކާއި އެހެނިހެން ތަހުގީގުގެ މަރުހަލާތަށް ނުނިމި ދިގުދެމިގެން ދާތީ މިކަންކަން ބެލުން އަވަސްކުރުމަށް މިއަދުގެ ކުއްލި ހުށަހެޅުމުގައި ވެއެވެ.

މި ހުށަހެޅުމަށް އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ތާއިދު ކުރައްވާފައެވެ.