ޖުޑީޝަލް ސާވިސް ކޮމިޝަން (ޖެއެސްސީ) ގެ ދަަށަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުކުރުމަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުއެވެ. ސިރާޖު ހުށަހެޅުއްވީ ޖޭއެސްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ ފަހަތަށް "ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުން" ގެ ނަމުގައި މާއްދާއެއް އިތުރުކުރުމަށެވެ.

އެ އިސްލާހުގައި ވަނީ ޑިޕާޓްމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ ނަމުގައި އިދާރާއެއް އުފެއްދުމަށާ އެ އިދާރާއަށް ފުރިހަމަ މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް ބަދަލުކުރުމަށެވެ. އަދި އެ އިސްލާހުގައި ވާގޮތުން، އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމާ ހިސާބުން މިހާރުގެ ޑީޖޭއޭ އުވިގެން ދާނެއެވެ.

މީގެ އިތުރުން މި އިސްލާހުގައި ވާގޮތުން މި އިސްލާހު ފާސްވެއްޖެ ނަމަ ޖޭއެސްސީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނަވާނީ ޗީފް އޮފް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެވެ. މި އިސްލަހުގައި ވާގޮތުން ޗީފް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކަށް އެއްވެސް ބާވަތެއްގެ އަމިއްލަ ވިޔަފާރިއެއް ނުހިންގޭނެ އެވެ. އަދި ޗީފް އޮފް ޑީޖޭއޭ އަކީ 35 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވާން ޖެހޭނެ ކަމުގައިވެސް މި އިސްލާހުގައި ވެއެވެ.

ޑީޖޭއޭ އަކީ މިހާރު ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމަންޓެކެވެ.