ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކާއި ހައިކޯޓުގެ ފަނޑިޔާރެއްގެ މައްސަލައެއް ބަލަން ނިންމާފައި ވާކަމަށް ޖޭއެސްސީ އިން ބުނެފިއެވެ.

ޖޭއެސްސީ އިން ބެލުމަށް ހަމަޖެހިފައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސެން ނަޖީބު އަދި ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނުގެ ސުލޫކީ މައްސަލައެއްކަން ވަނީ އެނގިފައެވެ.

2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރި މެންބަރަކަށް ތާއީދު ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބުގެ ސުލޫކީ މައްސަލައެއް މިދިޔަ ހަފްތާތެރޭގައި ޖޭއެސްސީ އަށް ވަނީ ހުށަހަޅާފައެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކެމްޕޭން ކޮށްދެއްވި ކަމަށް ތުހުމަތުކޮށް ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަދި ހަސަން ނަޖީބުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިފައި ވާކަމަށް ވަނީ އެނގިފައެވެ.

ޖޭއެސްސީން ދެ ފަނޑިޔާރެއްގެ މައްސަލަ ބަލާކަން އިއުލާނު ކޮށްފައި ވަނީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައެވެ.

ޖޭއެސްސީން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ ގެ މައްސަލަވެސް ދަނީ ބަލަމުންނެވެ.