އެކުވެރިކަން އާލާކޮށް ގުޅުން ބަދަހި ކުރުމަށް ކުޅުދުއްފުށިން 10 ޒުވާނަކު ރާޅު ގުޑީގައި އެރަށާ 34 މޭލު ދުރުގައި އޮންނަ ށ. ފުނަދޫ އަށް ދަތުރު ފަށައިފިއެވެ.

"ގަމީސް ވައިދަށަށް" ގެ ނަމުގައި މިއަދު ހެނދުނު 9:45 ހާއިރު ފަށާފައިވާ މި ހަރަކާތުގައި ކުޅުދުއްފުށީގެ އިތުރުން ބ އަތޮޅުގެ ބައެއް ރަށްރަށުގެ ޒުވާނުންވެސް ވަނީ ބައިވެރި ވެފައި ކަމަށް މައުލޫމާތު ލިބެއެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މިކަމުގައި އިސްކޮށް ހަރަކާތެރިވި ފާރަތަކުން ބުނީ މި ހަރަކާތް ފަށާފައި ވަނީ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ބީޗް ސަރަހައްދުން ކަމަށެވެ.

ކުޅުދުއްފުށީ ޒުވާނުންގެ "ގަމީސް ވައިދަށަށް" ރާޅު ގުޑި ހަރަކާތުގެ ތެރެއިން

މި ހަރަކާތާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ބުނީ، މި ކުޅިވަރަކީ ރާއްޖޭގައި ބާރަށް ކުރިއަރަމުން އަންނަ ކަމެއް ކަމަށާއި، މިއަދު ކުޅުދުއްފުށިން ފުނަދުއަށް ރާޅު ގުޑީގައި ދިއުމުގެ މަގްސަދަކީ އެކުވެރިކަން އާލާކޮށް ގުޅުން ބަދަހި ކުރުން ކަމަށެވެ.

ކުޅުދުއްފުށީ ޒުވާނުންގެ "ގަމީސް ވައިދަށަށް" ރާޅު ގުޑި ހަރަކާތުގެ ތެރެއިން

މީގެ ކުރިން ވިލިނގިލިން މާފުށްޓަށް ރާޅު ގުޑީގައި ދިއުމުގެ ހަރަކާތެއް ވަނީ ބާއްވައިފައެވެ. ނަމަވެސް މިފަހަރު ކުޅުދުއްފުށިން ފުނަދޫ އަށް ކުރާ ދަތުރަކީ ވިލިނގިލިން މާފުށްޓަށް ކުރި ދަތުރަށްވުރެ ދުރު ރާސްތާއަކަށް ކުރި ދަތުރެކެވެ. އަދި ދަތުރު ކުރީގެ ދަތުރަށް ވުރެ މި ދަތުރު ދިގުކަމީ ލިބޭ ކުރިއެރުމެއް ކަމަށް މި އިވެންޓު އިންތިޒާމް ކުރި ފަރާތްތަކުން މައުލޫމާތު ދެއެވެ.

ކުޅުދުއްފުށީ ޒުވާނުންގެ "ގަމީސް ވައިދަށަށް" ރާޅު ގުޑި ހަރަކާތުގެ ތެރެއިން

މި ހަރަކާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުންވެސް ދަތުރުކުރަމުން ގެންދާނީ އެއް ލޭނަކަށް ކަމަށެވެ. މި ދަތުރުގައި ބައިވެރިވާ ޒުވާނުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިންތިޒާމް ވެސް ހަމަޖައްސާފައި ވާކަމަށް މި އިވެންޓު ކުރިއަށް ގެންދިޔަ ފަރާތުން ބުނެއެވެ.

ކުޅުދުއްފުށީ ޒުވާނުންގެ "ގަމީސް ވައިދަށަށް" ރާޅު ގުޑި ހަރަކާތުގެ ތެރެއިން

މިހަރަކާތް ނިންމުމުގެ ގޮތުން ކުޅުދުއްފުށީގެ ޒުވާނުންނާއި ފުނަދޫގެ ޒުވާނުން އެކުވެގެން ރާޅު ގުޑި އެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށްވެސް މި ހަރަކާތް އިންތިޒާމް ކުރި ފަރާތުން ބުނެއެވެ.