އަމިއްލަ ފަރާތަކުން ހިންގާ ޑިއުޓީ ފްރީ ފިހާރަތަކުގެ ކުލީގެ ގޮތުގައި ލިބެންޖެހޭ 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް އަންގައިފިއެވެ.

ޑިއުޓީ ފްރީ ފިހާރަތަކުގެ ކުލީގެ ގޮތުގައި އަމިއްލަ ފަރާތަކުން އެމްއޭސީއެލް އަށް ދައްކަންޖެހޭ ފައިސާގެ މައްސަލައާ ގުޅޭގޮތުން ކުރި ތަހުގީގަށްފަހު އެ ކޮމިޝަނުން ބުނެފައިވަނީ އަމިއްލަ ފަރާތަކުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ގައި ހިންގި ޑިއުޓީ ފްރީ ފިހާރަ ނަންބަރު 6، 7 އަދި 8 ކުއްޔަށް ހިފުމާގުޅޭ އެއްބަސްވުންތަކާއި އެއްގޮތަށް ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން ޖޫރިމަނާއާއެކު، 3.6 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 56 މިލިއަން ދިވެހި ރުފިޔާ ހޯދުމަށް އެމްއޭސީއެލައަށް އަންގާފައިވާނެ ކަމަށެވެ.

އޭސީސީގެ ތަހުގީގަށްފަހު އެ ކޮމިޝަނުން ބުނެފައިވަނީ ޑިއުޓީ ފްރީ ފިހާރައިން ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ދެފަހަރެއްގެ މަތިން ލުއިގޮތްތަކެއް އެމްއޭސީއެލް އިން ހަމަޖައްސައިދީފައިވާ ކަމަަށެވެ. އެގޮތުން 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އައި ހީނަރުކަމުގެ ސަބަބުން ލުއި ދީފައިވާކަމަށް އޭސީސީން ވަނީ ބުނެފައެވެ. އަދި އޭގެ ފަހުން 2008 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގްތިސޯދަށް ކުރިމަތިވި ހީނަރުކަމުގެ ސަބަބުން، ޑިއުޓީ ފްރީ ފިހާރަތަށް ހިންގާ ފަރާތްތަކަށް އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން އެމްއޭސީއެލުން ލުއި ދީފައިވާ ކަމަށެވެ.

"އެހެންނަމަވެސް، އެމްއޭސީއެލްއިން ދީފައިވާ ޑިފާމަންޓް ތާވަލްއާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީވެ ޑިއުޓީ ފްރީ ފިހާރަ ނަންބަރު 7 ޖުލައި 31، 2010 ގެ ނިޔަލަށް ބަންދު ކުރުމަށް އަންގާފައިވެއެވެ. އަދި އެ ފިހާރައިގެ ބޭންކް ގެރެންޓީއަށްވާ ފައިސާ، އެހާތަނަށް ކުލީގެ ގޮތުގައި ނުދައްކާވާ ފައިސާއިން ކަނޑާ، ބާކީ ދައްކާނެގޮތުގެ ތާވަލެއް ހަދައި، އެ ތާވަލާ އެއްގޮތަށް ފައިސާ ދެއްކުމަށް އަންގާފައިވާކަން ލިޔުންތަކުން އެނގެއެވެ،"
އޭސީސީ

ނަމަވެސް އޭގެ ފަހުންވެސް ނުދައްކާހުރި ފައިސާ ދެއްކުމަށް ޑިފާމަންޓް ތާވަލްތައް ތައްޔާރުކޮށްފައިވާކަމަށާއި، އެ ތާވަލްތައް ތައްޔާރުކޮށްފައިވަނީ އެމްއޭސީއެލްގެ 75 ވަނަ ބޯޑު ބައްދަލުވުމުން ނިންމައިގެންކަން އެނގެން އޮތް ނަމަވެސް، އެ ފިހާރަ ހިންގި ކުންފުނިން ފައިސާ ދައްކާފައި ނުވާކަމަށް އޭސީސީން ބުނެއެވެ.

އަދި އެމްއޭސީއެލުން ގިނަ އަދަދެއްގެ ސިޓީއާއި އީމެއިލްތައް އެ ފިހާރަތައް ކުއްޔަށް ހިފާފައިވާ ކުންފުންޏަށް ފޮނުވާފައިވާކަމާއި، އެފަރާތާއެކު ބައްދަލުވުންތައް ބާއްވާފައިވާކަން ލިޔުންތަކުން އެނގޭކަމަށް އޭސީސީން ބުނެފައިވެއެވެ. އަދި އެމްއޭސީއެލްއަށް ފައިސާ ދައްކަންޖެހި ގަވާއިދާއެއްގޮތަށް ފައިސާ ދައްކާފައިނުވާ ބައެއް އެހެން ކުންފުނިތަކާމެދުވެސް އަމަލުކޮށްފައިވަނީ މި އުސޫލުންކަން އެނގޭކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ މި ފިހާރަތަކުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ 4 ލައްކަ ޑޮލަރު ދައްކާފައިނުވާކަން ލިޔުންތަކުން އެނގެންއޮތްއިރު، އެ ފައިސާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ދައްކާފައިނުވާތީ އެ އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކުލި ނުދައްކާ ލަސްވެފައިވާ ދުވަސްތަކަށް މި މައްސަލާގައި ޖޫރިމަނާ ފައިސާ ހިސާބުކުރެވުނު ތާރީހު ކަމުގައިވާ އެޕްރީލް 16، 2019 ގެ ނިޔަލަށް ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި 100 އެމެރިކާ ޑޮލަރުގެ މަގުން ދައްކަންޖެހޭ ކަމަށެވެ.

އަދި ޖޫރިމަނާގެ ޖުމްލަ 3.2 މިލިއަން އެމެރިކާ ޑޮލަރާއެކު، މުޅި ޖުމުލަ 3.6 މިލިއަން ޑޮލަރު އެމްއޭސީއެލްއަށް ލިބެންޖެހޭކަން ލިޔުންތަކުން އެނގޭތީ، އެ ފައިސާ ހޯދުމަށް އެމްއޭސީއެލްއަށް އޭސީސީން އަންގާފައިވާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.