ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ފުރާވަޑައިގެންފިއެވެ.

ޑިފެންސު މިނިސްޓްރީން ބުނީ މިނިސްޓަރު ރަޝިއާ އަށް ވަޑައިގެންނެވީ "އިންޓަނޭޝަނަލް މީޓިން އޮފް ހައިލެވެލް އޮފިޝަލްސް ރެސްޕޮންސިބަލް ފޯ ސެކިއުރިޓީ މެޓާސް" ގައި ބައިވެރިވަވަޑައިގަތުމަށް ޓަކާ ކަމަށެވެ.

މި ބައްދަލު ވުމަކީ ޓެރަރިޒަމާއި ދީނީ ގޮތުންނާއި ސިޔާސީ ގޮތުން ހައްދުފަހަނަ އަޅާ ދިއުމާ ދެކޮޅަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން ބައިނަލްއަގުވާމީ މުއައްސަސާ ތަކުގެ މެދުގާ މަޝްވަރާ ކުރުމަށް ރަޝިއާއިން އިސްނަގައިގެން ބާއްވާ ބައްދަލުވުމެކެވެ. މި މަޝްވަރާ ބައްދަލުވުމުގައި ގައުމުތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން ދިމާވާ އެހެނިހެން މައްސަލަތަކާ ގުޅޭގޮތުންވެސް ވާހަކަ ދެވެވޭނެ ކަމަށް މި ބައްދަލުވުން އިންތިޒާމް ކުރާ ރަޝިއަން ފެޑެރޭޝަނުން ބުނެއެވެ.

މިއީ މި ބައްދަލުވުން ބާއްވާ 10 ވަނަ ފަހަރެވެ. މި ބައްދަލުވުމުގައި ގައުމުތަކުގެ އިތުރުން ޔޫއެން އަދި އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާތްތަކުން ބައިވެރި ވާނެއެވެ.

މިއަހަރުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާގެ ހުޅަނގުގައި އޮންނަ ރަށެއް ކަމުގައިވާ އޫފާގައި ކަމަށް ޑިފެންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ޑިފެންސް މިނިސްޓަރުގެ މި ދަތުރުފުޅުގައި ރަޝިއާ ގެ ޑިފެންސް މިނިސްޓަރު ޝާގެއި ޝޮއިގޫ އާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވާކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.