"ރޫލް އޮފް ލޯ" ދެމެހެއްޓުމުގައި މިހާރު ހުންނެވި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ފާޅުގައި އިހުމާލުވެ ވަޑައިގަތުމަކީ ބޮޑު މައްސަލައެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ގައުުމުގެ މުޅި ދުސްތޫރީ ނިޒާމަކީ ރައްޔިތުންގެ މިލްކެއް ކަމަށާ، "މޮޑޭ ފުއްގަނޑެއްހެން" ބަންޑާރަ ނައިބު އިސްވެ ހުންނަވައިގެން ކޯޓުތަކަށް ގޮންޖައްސަވައި ބޭނުން ގޮތެއް ހައްދަވައިގެން ނުވާނެ ކަމަށްވެސް ޖަމީލު ވަނީ ވިދާޅުވެފައެވެ،

ޖޭއެސްސީ އިން ފަނޑިޔާރުން ތަކެއް ސަސްޕެންޑު ކުރުމުން އެޓާނީ ޖެނެރަލް އެކަމަށް ތާއީދު ކުރެއްވި ކަމަށް ވިދާޅުވެ އެކަމަށްވެސް ޖަމީލް ވަނީ ފާޑު ވިދާޅުވެފައެވެ.

ޖަމީލް ކުރައްވި ޓްވީޓެއްގައި ވިދާޅުވީ އޮޅިވަޑައި ނުގަތުމަށް އެދިވަޑައި ގަންނަވާ ކަމަށާ ގާނޫނު އަސާސީ ގައި ވަނީ ދައުލަތުގެ އޭޖީ އެއްގެ ވާހަކަ ކަމަށެވެ. ކޯޓު ތަކާ އެ ތަންތަނުގެ ހުކުމްތަކާއި އަދި ކޮންމެ ރައްޔިތެއްގެ ހައްގުގައި ވަކާލާތު ކުރުމަކީ އޭޖީގެ ޒިންމާ ކަމަށާ ވަކި ޕާޓީ އެއްގެ އެކްޓިވިސްޓެއް ގޮތުގައި ތަމްސީލުވެ ވަޑައިގަތުމުގެ ހައްގެއް އޭޖީއަށް ނޯންނާނެ ކަމަށެވެ.

ޖޭއެސްސީ ގެ ނިންމުމާ ގުޅިގެން އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވަނީ, ފަނޑިޔާރެއްގެ ޖިނާއީ މައްސަލައެއް އިދާރާއަކުން ތަހްގީގު ކުރާނަމަ 48 ގަޑިއިރުގެ ތެރޭގައި އެފަނޑިޔާރަކާ މެދު ކޮމިޝަނުން ގޮތެއް ނިންމުމަކީ ލާޒިމު ކަމެއް ކަމުގައި ވިދާޅު ވެފައެވެ. އަދި ތަހުޒީބީ މުޖުތަމައުތަކުގައި ފަނޑިޔާރުންގެ މައްސަލައެއް ބަލާނަމަ އެ ފަނޑިޔާރެއް އަމިއްލައަށް މަގާމުން ދުރުވާ ކަމަށް ވެސް އޭޖީ ވިދާޅުވިއެވެ.

ޖޭއެސްސީން، ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި ބުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކޮށްފައި ވަނީ ބަލަމުންދާ ޖިނާއީ މައްސަލައަކާއި ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ. އެ ކޮމިޝަނުން ބުނީ ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރީ، އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ތަހުގީގު ކުރާ ކޮމިޓީން އޭނާ ސަސްޕެންޑް ކުރަން ޖެހޭ ކަމަށް ބުނުމާއި ގުޅިގެން ކަމަށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމަށް ޖޭއެސްސީ އިން ނިންމި ނިންމުމާ ގުޅިގެން ސުޕްރިމް ކޯޓުން ވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރު ކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ޖުޑީޝަލް ކައުންސިލުން ރޭ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި ނިންމީ އަބްދުﷲ ދީީދީގެ ސަސްޕެންޝަން ދެމި އެބަ އޮތް ކަމަށެވެ.