ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމަށް ރަސްމީކޮށް ފަށާފައި އަދި ނުވަނީސް، ކޮމިޓީގެ މެންބަރުން އެކުލެވިގެންވާ ގޮތް ބަދަލުކޮށްފިއެވެ.
މިއަދުގެ ޖަލްސާ ފަށައި ރިޔާސަތުން އިއުލާނުކުރި ގޮތުގައި، ކޮމިޓީގައި އިންނެވި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރުގެ ބަދަލުގައި ކޮމިޓީއަށް އައްޔަންކުރީ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ.
އެކަމަކު މި ބަދަލު ގެނައި ސަބަބެއް ނޭނގެއެވެ.
ފާހަގަކުރެވޭ ގޮތުގައި ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީން އިއްޔެ ހެނދުނު 11 ޖަހާއިރަށް ކޮމިޓީ ބައްދަލުވުން ތާވަލުކުރުމަށް ފަހު މެންދުރު 1 އަށް ބައްދަލުވުން ފަށާ ވަގުތު ބަދަލުކުރިއެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން ވަނީ ބައްދަލުވުން ކެންސަލްކޮށްފައިވާ ކަން އަންގައިފައެވެ.
މިއަދު އެ ކޮމިޓީގެ ބައްދަލުވުމެއް ތާވަލުކޮށްފައި ނެތެވެ.
ޖުޑީޝަރީ ކޮމިޓީން މި މައްސަލަ އެޖެންޑާކޮށް ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ޖޭއެސްސީން މައްސަލަ ނިންމައި ފޮނުވި ރިޕޯޓު ދިރާސާކުރުމަށް ފަހު، ދެ ފަނޑިޔާރުންނާއި މައްސަލަ ބެލި ޖޭއެސްސީގެ މެންބަރުން ހާޒިރުކުރަން ޖެހިއްޖެނަމަ އެކަން ކުރުމަށެވެ. މި މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ކޮމިޓީއަށް ހާޒިރުވުމުގެ ފުރުސަތަކަށް ފަނޑިޔާރު މަހާޒާއި އަޒްމިރާލްދާ ވެސް އެދިވަޑައިގެންފައިވެއެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމައި، މަޖިލީހަށް ފޮނުވީ އާދީއްތަ ދުވަހުގައެވެ. އެ ދެ ފަނޑިޔާޜުން ވަކިކުރަން ނިންމީ، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބު މެދުވެރިކޮށް މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީ އަށް ގުޅައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައެވެ.
ޖޭއެސްސީން ނިންމީ އެ ތުހުމަތުތައް ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ސާބިތުވާ ކަމަށެވެ.