ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމަށް ޖޭއެސްސީން ފޮނުވި މައްސަލައިގެ ލިޔެކިއުންތައް ދިރާސާކުރުމަށް ފަހު ފަނޑިޔާރުން ހާޒިރުކުރުމާ މެދު ގޮތެއް ކަނޑައަޅަން، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމައި، މަޖިލީހަށް ފޮނުވީ އިއްޔެއެވެ. އެ ދެ ފަނޑިޔާޜުން ވަކިކުރަން ނިންމީ، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބު މެދުވެރިކޮށް މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީ އަށް ގުޅައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައެވެ.

ޖޭއެސްސީން ނިންމީ އެ ތުހުމަތުތައް ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ސާބިތުވާ ކަމަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން ވަނީ މި މައްސަލައިގެ ތަހުގީގު ކޮމިޓީގެ ރިޕޯޓާއި އިތުރު ލިޔެކިއުންތައް ދިރާސާކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ވިދާޅުވެފައެވެ. އެކަމަކު ފަނޑިޔާރުން ހާޒިރުކުރުމާ ގުޅޭގޮތުން ދެ ހުށަހެޅުމެއް ހުށަހެޅިއެވެ. އެ ހުށަހެޅުންތަކަކީ:

  • ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު: ހުށަހެޅުއްވީ ލިޔެކިއުންތައް ދިރާސާކުރުމަށް ފަހު މައްސަލައިގައި ބަޔަކު ހާޒިރުކުރުމާ މެދު ވަކި ބައްދަލުވުމެއްގައި ގޮތެއް ނިންމުމަށް
  • ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު: ހުށަހެޅުއްވީ ދެ ފަނޑިޔާރުންނާއި ޖޭއެސްސީގެ ކޮމިޓީ ހާޒިރުކުރުމަށް

ކޮމިޓީން ނިންމީ އަޝްރަފް ހުށަހެޅުއްވި ގޮތަށް ލިޔެކިއުންތައް ދިރާސާކުރުމަށާއި، އޭގެ ފަހުން މައްސަލައިގައި ބަޔަކު ހާޒިރުކުރުމާ މެދު ގޮތް ކަނޑައެޅުމަށެވެ. މި ނިންމުން ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ މައުރޫފާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް އެކަންޏެވެ.

ފާހަގަކުރެވޭ ގޮތުގައި ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތަކަށް އެދިވަޑައިގެން އަޒްމިރާލްދާ ސިޓީއެއް ވެސް ފޮނުއްވާފައިވެއެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މައްސަލަ އިތުރަށް ދިރާސާކުރުމަށް ފަހު އޭގެ ފަހުން ތަޅުމުގައި ނަގާ ވޯޓަކުންނެވެ.