މާލޭގެ ޖަލުގައި ހުރި ގައިދީއެއް ކޯޓަށް ހާޒިރު ކުރުމަށްފަހު އަނބުރާ ޖަލަށް ގެންގޮސް ޗެކް ކުރުމުގެ ތެރޭގައި އޭނާ އަރައިގެން ހުރި ފައިވާނުން ފޯނެއް ފެނިފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ކަރެކްޝަން އިން ޓްވިޓާގައި އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގާ ޖަލުގައި ހުރި ގައިދީ ލައިގެން ހުރި ފައިވާނުގެ ތެރޭގައި އޮތީ ސްމާޓް ފޯނެކެވެ. އަދި އެ ފޯނު ފައިވާނުގެ އެތެރެއަށް ލާފައި ވަނީ ފައިވާން ކަފާލައިގެނެވެ.
ޖަލުގައި ތިބޭ މީހުން ފޯނު ފަދަ މުވާސަލާތީ ގުޅުންތައް ބެނުން ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމުގާ ވީ ނަމަވެސް ޖަލުގައި ތިބޭ މީހުންގެ އަތުން ފޯނު ފަދަ ތަކެތި ފެންނަ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
މީގެ އިތުރުން ޖަލުގައި ތިބޭ ގައިދީން މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ވިއްކުމުގެ މުއާމަލާތް ކުރާ މައްސަލަތައްވެސް މަދުން ނަމަވެސް ފެންމަތިވެއެވެ. އެގޮތުން މާފުށި ޖަލުގައި ހުކުމް ތަންފީޒްކުރަމުން ދިޔަ ގައިދީއަކަށް އާއިލާއިން ފޮނުވި އަންނައުނު ތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ވަނީ މީގެ ކުރިން ހޯދާފައެވެ.
ފަހަކަށް އައިސް ގައިދީންނަށް ރައްދުކުރުމަށް ފޮނުވާ ތަކެތި މެދުވެރިކޮށް ޖަލަށް ވައްދަން ހުއްދަ ނުކުރާ ތަކެތި ވައްދަން މަސައްކަތްކުރަނިކޮށް އަތުލައިގަނެވޭލެއް އިތުރުކަމަށް ކަރެކްޝަން އިން ވަނީ ބުނެފައެވެ. އަދި މިފަދަ ކަންކަމަކީ ކަރެކްޝަން އިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް ކަމަށާއި ގައިދީންނަށާއި މުޖްތަމައުއަށް ގެއްލުން ހުރި މިފަދަ ކަންތައްތައް ނުކުރުމަށް އާއިލާތަކަށާއި އާންމުންނަށް ކަރެކްޝަން ވަނީ އިލްތިމާސްކޮށްފައެވެ.