ބޮޑުތިލަދުންމަތީގެ 11 ސަރަހައްދެއް ހިމާޔަތް ކުރަން ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ރައްކާތެރިކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދާ އެއްގޮތަށް ބޮޑުތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް މިއަދު ނިންމަވާފައިވާ ކަމަށެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހއ، ހދ، ށ އަދި ނ އަތޮޅު ހިމެނޭ، ބޮޑުތިލަދުންމަތިން ހިމާޔަތް ކުރެވިފައިވާ ސަރަހައްދު ތަކުގެ ގޮތުގައި ހަމަޖެއްސެވުމަށް މިއަދު ނިންމެވި 11 ސަރަހައްދަކީ ހއ. ގައްލަންދޫ ތިލަ، ހއ.ކެލާ ޗަސްބިން، ހއ.ބިލެތްދޫ ތިލަ، ހދ.ފިނޭ ތިލަ، ހދ.އިންނަފުށި، ށ.ބޮލިއްސަފަރު، ށ.ނާލާހުރާ، ނ.ފޮއްދިއްޕަރު، ނ.ބޮޑުޅައިމެންދޫ، ނ.ކެނދިކުޅުދޫ ކަނޑޫފާ، އަދި ނ.އޮރިމަސްތިލައެވެ.

މި ސަރަހައްދުތައް ކަނޑައެޅުމުގައި ބަލާފައިވަނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަހައްޓަމުންދާ، ތިމާވެށީގެ ގޮތުން ހާއްސަ ސިފަތައް ލިބިގެންވާ ސަރަހައްދުތަކުގެ ލިސްޓާއި، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މައުލޫމާތު (ޓްރެޑިޝަނަލް ނޮލެޖް) އާއި މިހާރަށް ލިބެންހުރި ދިރާސާ ރިޕޯޓްތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމިއްޔާ ޖަމާތްތަކާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިއިން ކޮންމެ ސަރަހައްދަކީވެސް ދިރޭތަކެތީގެ ނަސްލުން މުއްސަނދި ވެފައިވާ ގުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ހާއްސަ ހިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަހައްދުތަކެކެވެ. މިގޮތުން ކަނޑޫފާގެ މުއްސަނދިކަމާއި، ވެލާކަހަނބު ބިސްއަޅާ ސަރަހައްދުތަކާއި، ހިމާޔަތް ކުރެވިފައިވާ އަދި ހިޖުރަކުރާ ގިނަ އަދެއްގެ ދޫނީސޫފާސޫފީގެ ވަގުތީ އަދި ދާއިމީ މަންޒިލުތަކާއި، އެންމަޑި، ވެލާކަހަނބު، މާހުޅުނބު ލަނޑާ އަދި މިޔަރުގެ އިތުރުން މުރަކައާއި ފަރުގެ މުއްސަނދި ސަރަހައްދުތައް ހިމެނެއެވެ.

މި ސަރަހައްދުތައް ހިމާޔަތް ކުރުމަށްޓަކައި އެ ސަރަހައްދުތައް ހިމެނޭ އަތޮޅު ކައުންސިލްތަކާއި، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާއާ ވަނީ މަޝްވަރާކުރެވިފައެވެ.

މި ސަރަހައްދުތަކަކީ ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިފިކަން ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރުމާއެކު ޓީވީ، ރޭޑިޔޯ އަދި ނޫހުގެ ޒަރީއާއިން އާއްމުކޮށް އިއުލާން ކޮށް އެސަރަހައްދުތަކުގައި ކުރުން ހުއްދަ އަދި ކުރުން މަނާކަންކަން އިއުލާން ކުރުމަށްވެސް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން އާއްމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް، ހާއްސަކޮށް އެސަރަހައްދުތައް ބޭނުން ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.