މާލޭގެ ޕަވާ ކެޕޭސިޓީ އިތުރުކުރަން ކުރީގެ ސަރުކާރުން މާ ބޮޑު މަސައްކަތެއް ކޮށްފައި ނުވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިއަދު އެ ކުންފުނީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިންގް ޑިރެކްޓާ ހަސަން މުޣުނީ ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރަށް ބަލާއިރު މާލޭގެ ޕަވާ ކެޕޭސިޓީ އިތުރުކުރަން ކުރީގެ ސަރުކާރުން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެހެންނަމަވެސް، މިސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ގްރޭޓާ މާލެ ރީޖަންގެ ޕަވާ ސެކިއުރިޓީގެ ވަަރަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ފަސް އަހަރު ނިމިގެންދާއިރު ވިސްނާކަށްވެސް ނުޖެހޭނެ ކަރަންޓު ކެނޑިގެން ދާނެކަމަށް ނުވަތަ ކަރަންޓުގެ ބިލު ބޮޑުވެގެން ދާނެ ކަމަށް. 100 ޕަސެންޓް ރިލަޔަބިލިޓީ މި ފަސް އަހަރުތެރޭ ލިބޭނެ"
ހަސަން މުޣުނީ

މި ފަސް އަހަރު ނިމިގެންދާ އިރު މާލޭގެ ރައްޔިތުންނަށް 100 ޕަސެންޓް ޔަގީން ކަން ލިބިގެން ދާނެކަމަށް ވިދާޅުވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވީ، ފަސް އަހަރު ފަހުން ކަރަންޓު ކެނޑިގެން ދިއުމާއި ކަރަންޓުގެ އަގު ބޮޑުވެގެން ދިއުން ފަދަ މައްސަލަތައް ހައްލުވެގެން ދާނެ ކަމަށެވެ. މީގެ އިތުރުން މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި އެއް ކަރަންޓް ނެޓްވޯކަކުން ގުޅިގެން ދާނެ ކަމަށާއި މީގެ ސެކިއުރިޓީތައް އެ ކުންފުނިން ގާއިމްކުރާނެ ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.

ސަރުކާރުން ވެސް ބޭނުންވަނީ މިހާރަށް ވުރެ ވެސް ބޮޑަށް ކަރަންޓު ހެޔޮކޮށް ދިނުމަށް ކަމަށާއި، މިހާރުވެސް ސަރުކާރުން އެއް ބިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައި ވަނީ ރައްޔިތުންނަށް ކަރަންޓު އަގު ހެޔޮ ކޮށްދިނުމަށް ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ. އެގޮތުން ސަރުކާރާއި އެ ކުންފުނީގެ ވިސްނުން ހުރީ އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓަށް ހޭދަ ކުރެވޭ މިންވަރާއި އަގުތައް ކުޑަ ކުރުމަށް ކަމަށް މުޣުނީ ފާހަގަކުރެއްވިއެވެ.