އައްޑޫ ސިޓީގައި ބާއްވާ އުރީދޫ ކަލަރަން ގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 16 ގެ ނިޔަލަށް ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.

އުރީދޫން ބުނީ، މި އިވެންޓްގައި ބައިވެރިވުމަށް ރެޖިސްޓާ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް http://ore.do/colorrun މެދުވެރިކޮށް ކަމަށެވެ. އަދި ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލާފައި ވާނީ މިމަހުގެ 16 ގެ ނިޔަލަށް ކަމަށާއި އަވަހަށް ރަޖިސްޓާ ކުރައްވަން އެ ކުންފުނިން އެދިފައި ވެއެވެ.

އަންނަ މަހުގެ 28 ގައި އައްޑޫގައި ބާއްވަން ހަމަަޖައްސާފައިވާ ކަލަރަންގެ ފޯރި މުޅި ދުވަހަށް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނާއިރު، ހަވީރު ބޭއްވޭ ދުވުމުގެ ކުރިން ހެނދުނު ގަޑީގައި ކައިޓް ފެސްޓިވަލެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އުރީދުން ބުނެއެވެ. މި ދުވުމުގައި 6 އަހަރުން މަތީގެ ހުރިހާ ފަރާތް ތަކަށް ވެސް ބައިވެރި ވެވޭނެއެވެ. އަދި 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް މަޖާވާނެ އިވެންޓެކެވެ.

އުރީދޫ ކަލާރަން 2018 ގެ ތެރެއިން / ފައިލް ފޮޓޯ: ދަ ޕްރެސް

އުރީދޫ ކަލާ ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ،އި ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ. މި ހަރަކާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ބައިވެރިންގެ ތެރެއިން އެންމެ ފޯރިގަދަ ދުވުންތެރިޔާ އަދި އެންމެ ސަޅި ކޮސްޓިއުމް ހޮވާ، ހާއްސަ އިނާމުތަކެއް ވެސް ދޭނެއެވެ.