ގުރައިދޫ ދާއިރާ އަށް އިންތިހާބު ވެވަޑައިގަންނަވާފައިވާ އިބްރާހިމް ރިޒާ މެންބަރު ކަމުގެ ހުވާ ކުރަށްވައިފިއެވެ.

19 ވަނަ މަޖިލީހުގެ ފަސްވަނަ ޖަލްސާ މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، ރިޒާ އަށް މަޖިލިސް މެންބަރު ކަމުގެ ހުވާ ލައިދެއްވާފައި ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ރިޒާ މެންބަރު ކަމުގެ ހުވާ ކުރުން ލަސްކޮށްފައި ވަނީ 19 ވަނަ މަޖިލީހަށް އިންތިހާބުވި މެންބަރުން ހުވާ ކުރެއްވި ދުވަހު ރިޒާ އުމްރާއަކަށް ވަޑައިގެން ހުންނެވުމުގެ ސަބަބުން އެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައި ނުވާތީއެވެ. އަދި ހާޒިރު ނުވެވޭނެ ކަން މަޖިލީހަށް އެންގެވުމުން މަޖިލީހުން ވަނީ ރިޒާގެ ހުވާ ކުރެއްވުން ލަސްކޮށްދެއްވާފައެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ހުވާކޮށްފައި ވަނީ 86 މެންބަރުންނެވެ. އެދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ވަނީ މަޖިލީހުގެ ރައީސް ކަމަށް ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް ކަމަށް އީވާ އަބްދުﷲ ވަނީ ކަނޑައަޅާފައެވެ.