މިދިޔަ ހަފްތާގައި އެކްސިޑެންޓްވެ، އަނިޔާވި މީހުންގެ އަދަދު ކުރީ ހަފްތާއާ އަޅާބަލާއިރު މަދުވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.

ފުލުހުން އާންމު ކުރި މިދިޔަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހިނގާފައި ވަނީ 38 އެކްސިޑެންޓެވެ. އަދި މި އެކްސިޑެންޓްތަކުގައި އަނިޔާވެފައި ވަނީ 11 މީހަކަށް ކަމަށް ފުލުހުން ބުނެއެވެ. އޭގެ ކުރީ ހަފްތާގައި 64 އެކްސިޑެންޓެއްވެ 17 މީހަކަށް އަނިޔާވެފައި ވެއެވެ. މި އެކްސިޑެންޓްތަކުން ފުލުހުން ވަނީ 15 މީހެއްގެ ލައިސަންސް ހިފަހައްޓާފައެވެ.

މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހަށް ފުލުހުން އާންމުކުރި މި ތަފާސް ހިސާބުތައް ދައްކާގޮތުން 568 ވެހިކަލެއްގައި ވަނީ ގަވާއިދާ ހިލާފަށް ޕާކްކޮށްގެން ޕާކިން ވައެލޭޝަން ސްޓިކާ ޖަހާފައެވެ. ޕާކިން ސްޓިކާ ޖެހި އަދަދުވެސް މިދިޔަ ހަފްތާގައި ވަނީ މަދުވެފައެވެ. އޭގެ ކުރީ ހަފްތާގައި 674 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވެއެވެ.

ފުލުހުން ބުނީ މި މުއްދަތުގެ ތެރޭގައި 174 ވެހިކަލެއް ޗެކްކޮށްފައިވާނެ ކަމަށެވެ. އަދި އެންމެ ގިނައިން ފާހަގަ ވެފައިވަނީ ލައިސަންސް ނެތި ދުއްވާ މައްސަލަ ކަމަށާއި، އޭގެ 88 މައްސަލައެއް ބެލިފައިވާ ކަމަށެވެ. މީގެ އިތުުރުން ލައިސަންސް އަތުގައި ނެތި 59 މީހަކު ހުއްޓުވާ ބަލާފައިވާ އިރު، ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިޔަ 11 މީހެއްގެ މައްސަލައިގެ އިތުރުން އަދި މަގުމަތީގެ ގަވާއިދުތަކަށް ސަމާލުކަން ނުދޭ ހަތް މީހަކު ފުލުހުން ވަނީ ހިފަހައްޓާފައެވެ.

މިދިޔަ ހަފްތާގައި ހަތަރު ކާރު ޓޯކޮށްފައިވާ އިރު، ފޯނުން ވާހަކަ ދައްކަމުން ސައިކަލު ދުއްވި 12 މީހުންނާއި، ދުއްވުމުގެ ހުއްދަ ނެތް ގަޑިއެއްގައި ދުއްވި 59 މީހެއްގެ އިތުރުން ކަނޑައެޅިފައިވާ ލިމިޓަށް ވުެ ބާރަށް ދުއްވި 50 މީހަކު ފުލުހުން ވަނީ ހިފަހައްޓާފައެވެ.

ފުލުހުން ޗެކް ކުރި ވެހިކަލްތަކުގެ ތެރޭގައި ރޯޑްވާދިނަސް ހަމަވެފައިވާ، 19 ވެހިކަލާއި، އަހަރީ ފީ ހަމަވެފައިވާ 23 ވެހިކަލްގެ އިތުރުން އިންޝުއަރެންސް ނެތް 17 ވެހިކަލެއް ހިމެނެއެވެ.