ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މީހާ ދޫކޮށްލާފައި ވާ އިރު އޭނާއާ ދެކޮޅަށް ސާބިތު ހެއްކެއް ނެތްކަން އެނގިއްޖެއެވެ.

ޑީޖޭއޭ އިން ބުނީ މި މައްސަލައިގައި އިތުރަށް ކުރާނެ ތަޙުޤީޤެއް ނެތްކަން އައިއޯގެ ބަހުން އެނގޭ ކަމަށާ އަދި އޭނާ ބަންދުގައި އިތުރަށް ބެހެއްޓުމަށް ބޭނުންވާ ސަބަބެއް ކަމަށް ފުލުހުންގެ ފަރާތުން ޝަރީއަތުގައި ބުނެފައި ވަނީ އޭނާގެ ފުރާނައަށް ނުރައްކާ އޮތުމެވެ. އެހެން ނަމަވެސް ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ މާހައުލެއް އޭނާއަށް އެބައޮތް ކަމަށް އޭނާގެ ފަރާތުން ޝަރީއަތުގައި ބުނެފައިވެއެވެ.

އެހެންކަމުން އޭނާ އިތުރަށް ބަންދުގައި ނުބަހައްޓާ ދޫކޮށްލާފައި ވަނީ މިކަމުގައި އިރަށް ކުރާނެ ތަޙުޤީޤެއް ނެތްކަމަށް އައިއޯގެ ބަހުން އެނގެން އޮތުމާއެކު، އިސްވެ ދެންނެވުނު ސަބަބުތައް އެ ގޮތުގައި ހުރުމުން ކަމަށް ޑީޖޭއޭ އިން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރި ދުވަހު ހުޅުމާލޭ ކޯޓުން އޭނާގެ ބަންދަށް 12 ދުވަސް ދިން ކަމަށެވެ. އަދި މިއަދު ކުރިމިނަލް ކޯޓަށް ހާޒިރު ކުރީ ބަންދުގެ މުއްދަތު އިތުުރު ކުރަން ކަމަށާއި، ނަމަވެސް ބަންދުގެ މުއްދަތު ކޯޓުން އިތުރު ކޮށްދީފައި ނުވާ ކަމަށެވެ.

ކުރިމިނަލް ކޯޓުން މިއަދު ދޫކޮށްލި މީހާ ޖިންސީ ގޯނާ ކޮށްފައި ވާ ކަމަށް ބުނަނީ ހަ އަހަރާއި އަށް އަހަރުގެ ކުޑަ ދެ ފިރިހެން ކުދިންނަށެވެ. އަދި އެ ދެ ކުދިން ހުޅުމާލޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދައްކާފައިވާކަމަށް މައުލޫމާތު ލިބެއެވެ.