ރާއްޖޭގެ އުތުރުގެ ރަށެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި ދިވެހި ފިރިހެނަކު، އޭނާގެ އަމިއްލަ ބައްޕަ އާއި އާއިލާގެ އެހެން މެންބަރުންގެ ހެކިބަހާއެކު އުމުރު ދުވަހަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ކޯޓުން އިއްވި މި ހުކުމްގައިވާ ގޮތުން، ކުށް ސާބިތުވި މީހާ އުމުރަށް ޖަލަށް ލުމާއެކު 100,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވަނީ އަމުރުކޮށްފައެވެ. އަދި މި ޖޫރިމަނާގެ ފައިސާ ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށްވެސް ހުކުމްގައިވެއެވެ. އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ދެން ތަންފީޒު ކުރަންޖެހޭނީ 24 އަހަރާއި 11 މަހާއި 1 ދުވަހުގެ ޖަލު އަދަބެކެވެ.

މި މައްސަލައަކީ 2023 ވަނަ އަހަރުގެ ކުރީކޮޅު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އެ ރަށުގެ ގެއެއް ބަލައި ފާސްކޮށްގެން ފެންމަތިވި މައްސަލައެކެވެ. ފުލުހުން އެ ގެ ބަލައި ފާސްކުރިއިރު، ދައުވާލިބޭ މީހާ ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި (ޑައިމޯފިން ނުވަތަ ހަކުރު) ފެނިފައިވެއެވެ.

ފުލުހުން ބަލައިފާސްކުރި ކޮޓަރި ހުޅުވުމުގައި ފުލުހުންނަށް އެހީތެރިވެދިނީ އޭނާގެ ބައްޕައެވެ. މި މައްސަލައިގެ ތަހުގީގު މަރުހަލާގައި "ހަކުރު" ބޭނުންކުރާ ކަމަށް އިއުތިރާފުވި ނަމަވެސް، ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. ދައުވާލިބޭ ފަރާތުން ކުށަށް އިންކާރު ކުރުމާ ގުޅިގެން، ދައުލަތުން މައްސަލަ ސާބިތުކުރީ ހުށަހެޅި ހެކިންގެ ހެކިބަހުންނެވެ. މިގޮތުން ދައުލަތުން ހުށަހެޅި މުހިންމު ހެކިންގެ ތެރޭގައި ހިމެނެނީ:އޭނާގެ އަމިއްލަ ބައްޕަ، އޭނާގެ ކޮއްކޮ، އޭނާގެ ޅިޔަނު އަދި އޭނާގެ ފަހަރިއެވެ.

މި މައްސަލައިގެ އިތުރުންވެސް، މަސްތުވާތަކެއްޗާ ގުޅުންހުރި އިތުރު ހަތަރު މައްސަލައެއްގެ ދައުވާ އޭނާގެ މައްޗަށް އުފުލި، ޝަރީއަތް ކުރިއަށްދާކަން ކޯޓު ރިޕޯޓުން އެނގެއެވެ.