3 ކިލޯގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރުމަށްފަހު ދޫކޮށްލި ދެ މީހުންނަށް މުއްދަތު ޖަހާ ނުދިނުމުން އެ މައްސަލައިގައި ޝާމިލްވާ ގާޒީން ވަގުތުން ވަގުތަށް ހައްޔަރުކުރަން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ގޮވާލައްވައިފިއެވެ.

ސުއޫދު މިހެން ވިދާޅުވީ، މި ޑްރަގް މައްސަލައިގެ ހަބަރުތައް މީޑިއާތަކުން އާންމު ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލެ އިން 3 ކިލޯގެ މަސްތުވާތަކެއްޗާ އެއްކޮށް ހައްޔަރު ކުރި 25 އަހަރުގެ ފިރިހެނަކާއި، 52 އަހަރުގެ އަންހެން މީހާ ކޯޓުން ދޫކޮށްލުމަށް ފަހު، އަނެއްކާ ހައްޔަރު ކުރުމުން ވެސް ކޯޓުން ވަނީ އެމީހުން ދޫކޮށްލާފައެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ފުރަތަމަ ފަހަރަށް އެމީހުން ދޫކޮށްލީ، އެމީހުން ހައްޔަރު ކުރުމަށް ކޯޓުން ނެރުނު އަމުރުގައި ގާޒީގެ ނަން ނެތުމުގެ ސަބަބުން އިޖުރާއީ މައްސަލައެއްގެ ގޮތުގައި ނިންމުމަށް ފަހު ކަމަށެވެ. ދެވަނަ ފަހަރު އެމީހުން ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ދޫކޮށްލީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގެ 8 ވަނަ ނަންބަރުގައި ބުނާ ޝަރުތުތައް ކަމުގައިވާ، މައްސަލަ ބަލާ ފަރާތް ކޯޓަށް ހާޒިރު ވުމާއި، އޭނާއަށް ހާޒިރު ނުވެވޭ ހާލަތެއްގައި ނަމަ، އެ އިދާރާއެއްގެ ރަސްމީ ލިޔުމެއް ގެނައުމަށް ބުނެފައި އޮތް އޮތުން ފުލުހުން ފުރިހަމަ ކޮށްފައި ނެތުމުން ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެއެވެ. ޑީޖޭއޭ އިން ބުނީ ކޯޓުތަކުން އަބަދުވެސް އިޖުރާއާތްތައް ފުރިހަމަ ވޭތޯ ބަލާނެ ކަމަށާއި މި މައްސަލައިގައި ފުލުހުން އަމަލު ކުރަމުންދާ ގޮތާ މެދު ސުވާލު އުފެދޭ ކަންކަން ހުރި ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައިގައި ވެސް އަމަލުކޮށްފައި ވަނީ މިވޭތުވެދިޔަ ދުވަސްތަކުގައި ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަމަލުކޮށްފައިވާ ގޮތަށް ކަމަށެވެ. ނަމަވެސް، މިއީ މީގެ ކުރިން ދުވަހަކުވެސް އިޖުރާއީ މައްސަލައެއް ޖެހުނު ކަމެއް ނޫން ކަމަށާއި މިއީ އިޖުރާއީ މައްސަލައެއް ކަމަށް އެއްވެސް މައްސަލަ އެއްގައި ކޯޓުން ފާހަގަ ކޮށްފައި ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.

އެގޮތުން، މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުން، މައްސަލައިގައި ހައްޔަރު ކުރި 52 އަހަރުގެ އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ އެއްވެސް ތުހުމަތެއް އޮވެގެން ނޫން ކަމަށް ފުލުހުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވާކަމަށެވެ. އޭނާ ހައްޔަރު ކުރީ އޭނާ އުޅޭ ގެއިން ފެނުނު މަސްތުވާތަކެއްޗަށް އޭނާގެ ދަރިފުޅު ޒިންމާ ނަގާފައި ނުވާތީ ކަމަށް ފުލުހުން ޝަރީއަތުގައި ބުނެފައި ވާކަމަށް އެބަޔާނުގައި ވެއެވެ. މި އަންހެން މީހާ ހައްޔަރު ކުރުމަށް ފަހު، ކުރި ޓެސްޓުން އެމީހާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ބެންޒޯއަށް ވަނީ ޕޮސިޓިވް ވެފައެވެ. ނަމަވެސް، މި އަންހެން މީހާއަކީ ނަފްސާނީ ބައްޔަކަށް ބޭސްކާ މީހަކަށް ވުމާއި އެކު، އޭނާގެ ކުޑަކަމުދާ ތަކެތި ޕޮޒިޓިވް ވެފައިވަނީ ބޭހަކަށް ކަން ކޯޓަށް ކަށަވަރުވެފައި ވާކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.