އީދު އައިސް ޖެހުނީއެވެ. ޗުއްޓީ ޖެހުނީއެވެ. އެންމެން ވެސް ތިބީ ޗުއްޓީ އަށް ރަށްރަށަށް ދާން އަތުކުރި އޮޅާލައިގެންނެވެ. ރާއްޖޭގައި ދަތުރުފަތުރު ކުރުމުގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެންމެ ފައިދާ ކުރާނެ އެއް ޗުއްޓީއެވެ. ރާއްޖޭގައި ވައިގެ މަގުން ދަތުރު ކުރާ، ތިން ކުންފުނި ކަމަށްވާ، ފްލައިމީ، މަންޓާ އެއާ އަދި މޯލްޑިވިއަންގެ ފްލައިޓުތަކަށް އެންމެ ބާރު ބޮޑުވާނެ އެއް ހަފްތާއަށް މި ހަފްތާ ވާނެއެވެ.

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުން ދަތުރު ކުރަނީ، ރާއްޖޭގެ 10 ސަރަހައްދަކަށެވެ. ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑު އިން ފެށިގެން އުތުރުގެ ހަނިމާދޫއާ ހަމައަށްވެސް މޯލްޑިވިއަން ދެއެވެ. އީދާއި ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އޮތް ގޮތާއި ބެހޭ ގޮތުން "ދަ ޕްރެސް" އާ ވާހަކަ ދައްކަމުން، މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް މޫސާ ވަސީމް ވިދާޅުވީ، އީދާއި ދިމާކޮށް މޯލްޑިވިއަނުން ވަކި ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް، އީދާއި ދިމާކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ފްލައިޓްތައް އުޅެނީ "ފުލް ބުކިން" ގައި ކަމަށެވެ.

މޯލްޑިވިއަނުން ދަތުރު ކުރާ ރާއްޖޭގެ 10 ސަރަހައްދުގެ ތެރޭގައި، ގަން، ފުވައްމުލައް، ކާޑެއްދޫ، ކޫއްޑޫ، ކައްދޫ، ތިމަރަފުށި، ކުޑަ ހުވަދޫ، ދަރަވަންދޫ، އިފުރު އަދި ހަނިމާދޫ ހިމެނެއެވެ. މި ސަރަހައްދު ތަކަށް ފްލައިޓް ދަތުރުތައް އުޅެނީ 549 ރުފިޔާ އާއި 2666 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. އެގޮތުން:

  • ގަން (އައްޑޫ) - 849 ރުފިޔާ އިން ފެށިގެން 2666 އާ ހަމައަށް
  • ފުވައްމުލައް - 849 ރުފިޔާއިން ފެށިގެން 2598 އާ ހަމައަށް
  • ކާޑެއްދޫ - 826 ރުފިޔާއިން ފެށިގެން 2442 އާ ހަމައަށް
  • ކޫއްޑޫ - 826 ރުފިޔާއިން ފެށިގެން 2442 އާ ހަމައަށް
  • ކައްދޫ - 805 ރުފިޔާއިން ފެށިގެން 2226 އާ ހަމައަށް
  • ތިމަރަފުށި - 805 ރުފިޔާއިން ފެށިގެން 2226 އާ ހަމައަށް
  • ކުޑަހުވަދޫ - 750 ރުފިޔާއިން ފެށިގެން 2056 އާ ހަމައަށް
  • ދަރަވަންދޫ - 549 ރުފިޔާއިން ފެށިގެން 1562 އާ ހަމައަށް
  • އިފުރު - 750 ރުފިޔާއިން ފެށިގެން 2056 އާ ހަމައަށް
  • ހަނިމާދޫ - 805 ރުފިޔާއިން ފެށިގެން 2336 އާ ހަމައަށެވެ.
މޯލްޑިވިއަން ފްލައިޓް ކިއު2-118 ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި / ފޮޓޯ: ޒޫމްސް ފޮޓޯގްރަފީ

މޯލްޑިވިއަންނުން 10 ސަރަހައްދަކަށް ދަތުރު ކުރާ އިރު، ފްލައިމީ ހަތަރު ސަރަހައްދަކަށް ދަތުރު ކުރެއެވެ. އެއީ މާމިގިލި، ދަރަވަންދޫ، ގަން އަދި ފުވައްމުލަކެވެ. ފްލައިމީން އީދު ނިންމާލުމަށްފަހު އައްޑުއާ ފުވައްމުލަކަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ވަގުތީ ގޮތުން މެދު ކަނޑާލަން ވަނީ ނިންމާފައެވެ. ފްލައިމީން މައުލޫމާތު ދެމުން ބުނީ، ހުރިހާ ސަރަހައްދަކަށް ވެސް އީދާއި ދިމާކޮށް ފްލައިޓްތައް ފުލް ވެފައިވާ ކަމަށެވެ. މީގެ އިތުރުން، ފްލައިމީގެ ދަތުރުތައް އުޅެނީ 575 ރުފިޔާ އާއި 1500 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. އެގޮތުން:

  • ދަރަވަންދޫ - 575 ރުފިޔާއިން ފެށިގެން 875 އާ ހަމައަށް
  • މާމިގިލި - 600 ރުފިޔާއިން ފެށިގެން 875 އާ ހަމައަށް
  • ފުވައްމުލައް - 999 ރުފިޔާއިން ފެށިގެން 1500 އާ ހަމައަށް
  • އައްޑު - 999 ރުފިޔާއިން ފެށިގެން 1500 އާ ހަމައަށެވެ.
ފްލައިމީގެ ފްލައިޓެއް އުދުހިފައި ދަނީ / ފޮޓޯ: ނާސިހް އެމްވީ

މަންޓާ އެއާ އަކީ ރާއްޖޭގައި އަލަށް ފަށައިގެން އުޅޭ އެއާލައިނަކަށް ވުމާއި އެކު މަންޓާ އެއާ އިން ދަތުރު ކުރަނީ ދެ ސަރަހައްދަކަށެވެ. އެއީ ދަރަވަންދޫ އަދި ކުޑަ ހުވަދޫ އަށެވެ. މި ދެ ސަރަހައްދަށް ވެސް މަންޓާ އެއާ އިން އަދި ޖާގަ ލިބެން ހުރި ކަމަށް އެ އެއާ ލައިނުން ބުނެއެވެ.

ފްލައިޓްތަކުން ދަތުރުކުރަން މީހުން ފުރިފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކާއި، މާލެ އިން ފްލައިޓް ދަތުރު ކޮށްގެން ދެވޭ ރިސޯޓް ތަކުގައި ވެސް ބުކިންތައް ވަނީ 'ފުލް' ވެފައެވެ. ރަށްރަށުގެ ގެސްޓް ހައުސްތައް ވެސް ވަނީ ފުރިފައެވެ. އީދާއި ދިމާކޮށް ރިސޯޓް ތަކާއި ގެސްޓް ހައުސްތަކުން އަގު ހެޔޮ ޕެކޭޖުތައް ތައާރަފްކޮށްފައިވާއިރު، ގިނަ ގެސްޓް ހައުސްތައް ވަނީ ފުރިފައެވެ.

މަންޓާ އެއާގެ ފްލައިޓެއް ދަރަވަންދޫ އެއާޕޯޓުގައި / ފޮޓޯ: މަންޓާ އެއާ

މި އީދާއި ދިމާކޮށް ފުލް ނުވާ ގެސްޓް ހައުސް އަކާއި ދިމާވީ ވަރަށް މަދު ރަށަކުންނެވެ. އެއީ އެރަށްތަކުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާ ކޮށް ކުރަމުން އަންނަ ރަށްތަކެވެ. އެގޮތުން، މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުވައްމުލައް އަދި އައްޑު ފަދަ ތަންތަނަށް އީދު ޖެހުމުގެ އެއް މަސް ކުރިން ބުކިން ހައްދާ ފުރިފައިވާ ކަމަށެވެ. މި ދެ ރަށުގައި ވެސް، ގިނަ ގެސްޓް ހައުސްތައް ފުރިފައިވާއިރު، އެއް ކޮޓަރި ވަރު ލިބެން ހުންނާނެ ކަމަށް އެ ތަންތަނުން ބުނެއެވެ. ނަމަވެސް، ބައެއް ގެސްޓް ހައުސްތަކުން ބުނީ، އެ ތަނަށް ވެސް މީހުން ބުކިން ހައްދާފައިވާ ކަމަށެވެ. ނަމަވެސް، ދަތުރުފަތުރު ހަމަނުޖެހުމުގެ ސަބަބުން ކޮޓަރިތައް ހުސް ކަމަށެވެ. ފްލައިޓްތައް ފުލް ވުމުގެ ސަބަބުން ގެސްޓުންނަށް ޖާގަ ނުލިބުނީ ކަމަށެވެ.