ކުރިއަތް އޮތީ މިއަހަރުގެ ފިތުރު އީދު ކަމަށް ވުމާއި އެކު، ގިނަ ބަޔަކު އުޅެނީ ޗުއްޓީ އަށް ދިއުމަށެވެ. އޮފީސްތަކުގައި އުޅޭ މީހުންނާއި، ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް އަހަރު ތެރޭގައި އާއިލާއާ އެކު މަޖާ ކޮށްލަން ލިބޭ އެއް ޗުއްޓީއެވެ. އެއް ބަޔަކު، އާއިލާގެ މީހުން ދެކިލަން އުފަން ރަށަށްދާ އިރު، އަނެއް ބަޔަކު ދާނީ ކޮންމެ ވެސް އެހެން ރަށެއް ބަލާލާށެވެ. އެންމެން ހެން، އަމިއްލަ ދިރިއުޅުމާއި ދުރަށް ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ދެއެވެ. ހިތްހަމަ ޖައްސާލުމަށެވެ. ޗުއްޓީ ހޭދަ ކޮށްލުމަށް ބައެއް މީހުން، ކަނޑު ދަތުރުކޮށްފައިދާއިރު، އަނެއް ބަޔަކު ދާނީ ވައި މަގުންނެވެ.

ޗުއްޓީއަށްދާ އިރު، ކޮންމެ މީހަކު ވެސް ބަލާނީ ކުރިއާލާ، ފެރީ، ލޯންޗުން ނުވަތަ ފްލައިޓުން ޓިކެޓެއް ލިބޭތޯއެވެ. އަމިއްލަ ރަށް ނޫން އެހެން ރަށަކަށްދާ ނަމަ، ހުންނާނެ ގެއަކުން ނުވަތަ ގެސްޓްހައުސް އަކުން ޖާގައެއް ލިބޭތޯއެވެ. އެއްކޮށް މަޖާކުރާނެ މީހުން ގޮވައިގެން ނުދާ މީހަކު ވިއްޔާ، އެމީހަކު ދާ ރަށަކުން މަޖާކޮށް ކުޅިވަރު ކުޅޭނެ ރައްޓެހިން ކޮޅެއް ހަމަޖައްސާފައި ހުންނާނެއެވެ. މަޖާކޮށް، ކުޅިވަރު ކުޅެ، ސަކަރާތް ޖަހާ، މޫދަށް ދާން ކޮންމެ މީހަކު ވެސް ރަވާފައިވާނެއެވެ. ނަމަވެސް، މޫސުން އޮތީ ކިހިނެތްތޯ ބަލާ މީހަކު ވަރަށް މަދު ވާނެއެވެ.

ކުރިއަށް އޮތް ފިތުރު އީދު ދުވަހާއި، އީދުގެ މުނާސަބަތުގައި ފާހަގަ ކުރާ ދެ ދުވަހަކީ ވެސް ވިއްސާރަ ވާނެ ތިން ދުވަސްކަމަށް މޫސުމާއި ބެހޭ އިދާރާއިން އެބަ ބުނެއެވެ. މީހުންތައް ޗުއްޓީއަށް ފުރަން އަތުކުރި އޮޅާލާ ތައްޔާރު ވެގެން ތިއްބާ، މީޑިއާ ތަކުގައި އާންމު މިވާ ވާހަކައަކީ، މި އީދަކީ ފެން އީދެއް ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނާ ވާހަކައެވެ. މި ތިން ދުވަހު، ރާއްޖޭގެ ދެކުނުން ފެށިގެން މެދުރާއްޖެތެރެ ހިމެނޭ ގޮތަށް، އުތުރާއި ހަމައަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ އެބަ ކުރެއެވެ. މިހިސާބުން އީދު ފެން ވީ ހެއްޔެވެ؟ ޗުއްޓީ އަށް ނުގޮސް މަޑު ކޮށްލާނީ ހެއްޔެވެ؟

މިއީ ފެން އީދެކޭ ކިޔާ، އީދު ޗުއްޓީއަށް ނުގޮސް މަޑުކުރާނީ ކޮންބައެއް؟ އެއްބަޔަކު މަޑު ކުރާނެއެވެ. އަނެއް ބަޔަކު ދާނީ ޗުއްޓީ އަށެވެ. ވާރޭ ވެހުނަސް ހެޔޮ ކަމަށެވެ. ވާރޭ ވެހުމުން، ތެމިގެން އީދުގެ ފޯރި ނަގާށެވެ. ފެން ކުޅި ކުޅޭ ރަށްތަކުގައި ވާރެއާ ތެމިގެން ފެން ކުޅި ކުޅޭނީއެވެ. މޫދަށް ދާން ބޭނުންވާ މީހުން މޫދަށް ވެސް ދާނީއެވެ. އީދުގެ މަޖާ ނަގާލާ، ޗުއްޓީ އަށް ނުގޮސް ގޭގައި މަޑުކުރާ މީހާ ގޭގައި ތިބުމުން، ފެރީ އިން ނުވަތަ ލޯންޗުން ނުވަތަ ފްލައިޓުން ޖާގަ ނުލިބުނު މީހާއަށް އީދު ޗުއްޓީއެއް ލިބުނީއެވެ.

އެގޮތުން، މޫސުމާ ބެހޭ އިދާރާ އިން ވަނީ ވަކިން ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. ކަނޑު ދަތުރުކޮށް، ޗުއްޓީއަށް ދާ މީހުންގެ ތެރެއިން ހޮޑުލާ، މީހުން މިކަމަށް ސަމާލުވާން ޖެހެއެވެ. ކުރިއާލާ ތައްޔާރުވެ، ބޭސް ގުޅައެއް ބޭނުން ކުރާނީއެވެ. ނުވަތަ ލޯންޗަށް ނުވަތަ ފެރީއަށް އަރާނީ ކޮތަޅެއް ހިފައިގެންނެވެ. އެގޮތުން، މެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މޫސުމަށް ސަމާލުވާން ޖެހެނީ ހަމައެކަނި ކަނޑުދަތުރު ކުރާ ފަރާތްތައް އެކަންޏެއް ނޫނެވެ. ވައި މަގުން ދަތުރު ކުރާ ފަރާތްތައް ވެސް ސަމާލުވާން ޖެހެއެވެ. އެގޮތުން، ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރު މިނުގައި ވައި ގަދަ ވާނެ ކަމަށް ލަފާކޮށްފައި ވާއިރު މޫސުމާ ބެހޭ އިދާރާއިން ބުނީ ދެކުނުގެ އަތޮޅުތަކަށް ވުރެ ބޮޑަށް މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ކުރަނެ ކަމަށެވެ. ހުޅަނގުގެ ދެކުނާއި، ހުޅަނގުން ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ކަމަށް ލަފާކޮށްފައިވަނީ ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައެވެ.

މިއަދު ހަވީރުން ފެށިގެން ކުރިއަށް އޮތް 72 ގަޑިއިރު ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ. އަދި އެ އިދާރާއިން ވަނީ މިއަދު 12:15 އިން ފެށީގެން ހަވީރު 5:00 އާ ހަމައަށް ދެކުނު އަތޮޅުތަކަށް ވައިޓް އެލާޓް ވެސް ނެރެފައެވެ.