މި ދުވަސްވަރަކީ ސްކޫލުތަކުގެ ކިޔެވުން ނިމި ސްކޫލުތައް ބަންދުވެ އީދުު ޗުއްޓީގައި ގިނަ ބަޔަކު ރަށްރަށަށާއި ރާއްޖެއިން ބޭރަށް ދަތުރުކޮށް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުގައި ހޭދަކުރާ ދުވަސްވަރެކެވެ.

ކޮންމެ އަހަރަކު ވެސް މިހެން އަންނަ ޗުއްޓީތަކުގައި ވައްކަމުގެ މައްސަލަ އިތުރުވެއެވެ. އަދި މިކަންކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. ޗުއްޓީއަށް ދިޔުމުގެ ކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް އިސްކަންދިނުމާއި، ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމުކަމެކެވެ.

އެގޮތުން ޗުއްޓީއަށް ދިއުމުގެ ކުރިން، ގޭގައި ހުންނަ އަގުބޮޑެތި އަދި ފަސޭހައިން އުފުލައި ގެންގުޅެވޭ ޒާތުގެ ތަކެތި ރައްކާކުރުމާއި ގޭގައި ފައިސާ ރައްކާކުރުމުގެ ބަދަލުގައި ބެންކަށް ފައިސާ ޖަމާކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ. އަދި ޕާސްޕޯޓާއި އައިޑީ ކާޑު އަދި ކޭޝްކާޑު ފަދަ މުހިންމު ތަކެތި ހާމަތަންތަނުގައި ނުބަހައްޓައި ރައްކާކުރުމަކީ މުހިންމުކަމެކެވެ.

މީގެއިތުރުން ދިރިއުޅެމުންދާ ގެ ނުވަތަ އެޕާޓްމަންޓް ހުސްކޮށް ބަހައްޓާފައި ރަށުން ބޭރަށް ދާނަމަ އިތުބާރުކުރެވޭ ޒިންމާދާރު ފަރާތަކާއި ގެ ބަލަހައްޓަން ހަވާލުކުރުމާއި ގޭގައި އެކަށީގެންވާ އަލިކަމެއް ބެހެއްޓުމަކީ ސަމާލުކަން ދޭންޖެހޭ މުހިންމު ކަމެކެވެ. އަދި ގެއަށް ފަސޭހައިން ވަދެވޭގޮތަށް ހުރި ތަންތަން ރަނގަޅަށް ބަންދު ކުރުމަކީވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ. އަދި ގެއިން ބޭރުގައި ބަހައްޓާފައި ހުންނަ ބޫޓު ނުވަތަ ފައިވާން ފަދަ ތަކެތީގެ ތެރޭގައި ތަޅުދަނޑި ފަދަތަކެތި ރައްކާނުކުރުމާއި ގޭގެ އެއްވެސް ދޮރެއްގެ ތަޅު ހަލާކުވެފައި ހުރިނަމަ ތަޅު ބަދަލުކޮށް ތަޅުދަނޑި ފަދަ ތަކެތި އިތުބާރުކުރެވޭ ޒިންމާދާރު ފަރާތެއްގެ އަތުގައި ރައްކާކުރުމަކީވެސް ކުރެވިދާނެކަމެކެވެ.

މާލެއަކީ ތޮއްޖެހިފައިވާ ތަނެއްކަމުން ހިނގާފާނެ ހާދިސާއެއްގައި ލިބޭ ގެއްލުން ބޮޑެވެ. ކަރަންޓު ޝޯޓުވުން ނުވަތަ ގޭސް ލީކުވުން ފަދަ ނުރައްކާތެރި ހާދިސާއެއް ހިނގުމަށް މެދުވެރިވެދާނެ ފަދަ ކަމެއް ހުރިތޯ ރަނގަޅަށް ބެލުމަކީ ވެސް ކުރެވިދާނެ މުހިންމު ކަމެކެވެ. އެގޮތުން ދިިރިއުޅެމުންދާ އެޕާޓްމަންޓް ހުސްކޮށްފައި ދާކަމުގައި ވާނަމަ ގޭސްފުޅި ނައްޓާލުމާއި، އިލެކްޓްރިކް އަދި އިލެކްޓްރޯނިކް ސާމާނުން ކަރަންޓު ކަނޑާލުމަކީ ވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ. އަދި މިކަމުގެ ސަބަބުން ކަރަންޓް ބިލަށް ވެސް ބަދަލު އަންނަނާނެއެވެ.

ޗުއްޓީ ދުވަސްވަރު ރަށްރަށަށް ދަތުރު ދިއުމާއި މަސްދަތުރު ދިއުންފަދަ ކަންކަމާއި މޫދަށް އެރި އުޅުމުގައިވެސް ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމާއި ކުޑަކުދިން އެކަނި ގޮނޑުދޮށަށް ދޫކޮށްނުލުމަކީ ހިތާމަވެރި ހާދިސާއަކުން ރައްކާތެރިވެ ތިބުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.