ބޭނުންވާ ތަކެތި

  • ވެޖެޓަބަލް އޮއިލް (ތެޔޮ)
  • ބަތް
  • ޓޮމާޓޯ (ފޮތިކޮށް ކޮށާފައި)
  • ކިއުކަންބާ (ފޮތިކޮށް ކޮށާފައި)
  • ލީކްސް (ކުދިކޮށް ކޮށާފައި)
  • ކެރެޓް (ދިގުކޮށް ކޮށާފައި)
  • ފިޔާ (ދިގުކޮށް ކޮށާފައި)
  • 2 ބިސް
  • ނާސި ގޯރެން ސޯސް
  • ޕެޕާ
  • ލޮނު
  • 1 މަސްދަޅު
  • ސޯސެޖް (ކުދިކޮށް ކޮށާފައި)
  • ބީފް (ކުދިކޮށް ކޮށާފައި)
  • ކުކުޅު (ރޯ ފިލުވުމަށ ފަހު ކުދިކޮށް ކޮށާފައި)
  • ކުކުޅު ސަޓޭ
  • ކޮރިއެންޑާ ފަތް

ތައްޔާރު ކުރާނެ ގޮތް

އުނދުން ރޯކޮށްލުމަށް ފަހު ތަވާ އުނދުން މައްޗަށް އުދާ ކުޑަ ތެޔޮ (ވެޖެޓަބަލް އޮއިލް) ފޮދެއް އަޅާ ހޫނުކޮށްލާށެވެ. އެއަށްފަހު މަޑު ގިނީގައި ފިޔާ ކޮޅު އަޅާ އެއްކޮއްލާށެވެ. އެއަށްފަހު ކެރެޓް ކޮޅު އަޅާ އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ބިހެއް އަޅާ އެއްކޮށްލުމަށްފަހު ބީފް، ސޮސެޖް، މަސްދަޅު އަދި ކުކުޅު އަޅާ އެއްކޮށްލާށެވެ. ދެން ކުޑަ ޕެޕާ ކޮޅެއް އަޅާ އެއްކޮށްލުމަށްފަހު ނާސި ގޯރެން ސޯސް އަޅާ އެއްކޮށްލާށެވެ.

ދެން، ފިޔާ ކޮޅު ތެރެއަށް ބަތް އަޅާ އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު، ލީކްސް ކޮޅާއި ކުޑަ ލޮނު ކޮޅެއް އެއްކޮށްލާށެވެ.

އެއަށްފަހު، އެހެން ތަވައަކަށް ކުޑަ ތެޔޮ ފޮދެއް އެޅުމަށްފަހު އޭގައި ކުކުޅު ސަޓޭ ކޮޅު ފިހެލާށެވެ. ރަނގަޅަށް ފިހުމުން ކުކުޅު ސަޓޭ ކޮޅު ނެގުމަށްފަހު، ބިހަކުން ބިސް ގަނޑެއް އަޅާލާށެވެ. ބިސްގަނޑު އަޅާއިރު، ކުޑަ ޕެޕާ ކޮޅަކާއި ލޮނުކޮޅެއް ބޭނުން ކުރާށެވެ.

ދެން، ބަތް ގަނޑު ތައްޓަކަށް އެޅުމަށްފަހު، ކިއުކަންބާ، ޓޮމާޓޯ، ކުކުޅު ސަޓޭ އަދި ބިސް ގަނޑު ތަށީގައި އަތުރާ ރީތި ކޮށްލާށެވެ. މިހިސާބުން ނާސި ގޯރެން ތައްޔާރުވީއެވެ.