ދުންފަތަކީ މުޅި ދުނިޔެ އެކަމުން ސަލާމަތް ނުވެވިފައިވާ ބޮޑު ވަބާއެކެވެ. އެންމެ ފަހަރަކު ޓެސްޓަކަށް ބޭނުންކުރަން ފަށާ ދުންފަތް އިތުރުވެ ދެވިހިފާ އިސްތިއުމާލު ކުރާ މީހުގެ އަދަދު އަންނަނީ ދުވަހެއް ދުވަހަަކަށް އިތުރުވަމުންނެވެ. އެހެން ނަމަވެސް ކޮންމެ އަހަރަކު ވެސް ދުނިޔޭގެ ފެންވަރުގައި އަންނަނީ ދުންފަތާ ދެކޮޅަށް ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހެއް ފާހަގަ ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ދުންފަތުގެ އިސްތިމާލު ނުކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަނޑައަޅާފައިވާ ޝިޔާރަކީ "ފުއްޕާމޭގެ ދުޅަހެޔޮ ކަމާ ދުންފަތް" މިއެވެ

ރާއްޖޭގެ ނިސްބަތުން ބަލާއިރު އެންމެ ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރަނީ ފިރިހެނުންނެވެ. އަދި ޒުވާން އުމުރުފުރައިގެ އަންހެން ކުދިންނާއި ސްކޫލްތަކުގައި ތައުލީމް ހާސިލް ކުރަމުންދާ އުމުރުން ހަގު ކުދިން ރާއްޖޭގެ ނިސްބަތުން ގިނަ އަދަދަކަށް ދުންފަތުގެ ވަބާގައި ޖެހެމުން ދާކަމީ މިއަދު އަޅުގަނޑުމެން ހިތާމަ ކުރަންޖެހޭ ކަމެކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖޭގެ ސަރުކާރުން ކުރަމުންދާ މަސަތްކަތުގެ ތެރެއިން މިހާރުވަނީ މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފައެވެ. އަދި މިއަދުން ފެށިގެން ސިނގިރޭޓު ވަކިން ވިއްކުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ސިނގިރޭޓު ފޮށީގެ ބޭރުގައި މީގެ ކުރިން ލިޔާ އިންޒާރުގެ މެސެޖުގެ އިތުރުން މިހާރު ސިނގިރޭޓު ފޮށީގެ ބޭރުގައި ދުންފަތުން ލިބޭ ގެއްލުން ތައް ފެންނަ ފޮޓޯ އެއްވެސް ވަނީ ހިމަނަން ނިންމާފައެވެ.

ސިއްހީ މާހިރުން ބުނާގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހާއަށްވުރެ ބޮޑަށް އޭނާގެ ކައިރީގައި ހުންނަ މީހާއަށް އޭގެ އަސަރު ކުރާނެއެވެ. އެހެން ކަމުން މިކަމާވެސް ވިސްނާލުމަކީ މުހިންމު ކަމެކެވެ.

ދުންފަތަކީ އޭގެ ސަބަބުން އެތައް ސިއްހީ މައްސަލަތަކެއް ދިމާވާ އެއްޗެކެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) ގެ ރިޕޯޓު ތަކުން ދައްކާ ގޮތުގައި ހަމައެކަނި ސިނގިރޭޓު ބޯ މީހުންގެ އަދަދުވެސް ދުނިޔޭގެ ނިސްބަތުން 1 ބިލިޔަނަށް އަރައެވެ. މީގެތެރެއިންވެސް 800 މިލިއަން މީހުންނަކީ ފިރިހެނުންކަމަށް ޑަބްލިއު.އެޗް.އޯ ގެ ރިޕޯޓު ތަކުން ދައްކައެވެ. އަދި މި އަދަދުގެ 20 ޕަސެންޓަކީ އަންހެނުންނެވެ.

ދުނިޔޭގެ އެންމެ ގިނަ އަދަދަކަށް ދުންފަތުގެ އިސްތިއުމާލު ކުރާ ގައުމަކީ ޗައިނާ އެވެ. ޗައިނާގައި ދުނަފަތުގެ އިސްތިއުމާލު ކުރާ 300.8 މިލިއަން މީހުން ދިރިއުޅެއެވެ. ދެވަނައަށް ދުންފަތުގެ އިސްތިއުމާލު ކުރާ އެންމެ ގިނަ ބަޔަކު ދިރި އުޅެނީ އިންޑިއާގައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގައި ދުންފަތުގެ އިސްތިއުމާލު ކުރާ 274.9 މީހުން ދިރިއުޅެއެވެ.

ދުންފަތުގެ އިސްތުމާލު ކުރުމުން ޖެހޭ ބަލި ތަކުގެ ތެރޭގައި ފުއްޕާމެއަށް ކެންސަރު ޖެހުމާއި، ތަފާތު ހިތުގެ ބަލިތައް ޖެހުމާ، ސްޓްރޯކް ޖެހުމުގެ އިތުރުން އަންހެނާގެ ދަރިމައިވުމުގެ ނިޒާމަށް ގެއްލުންވުން ހިމެނެއެެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ އެންމެ އާންމު އަދި އެންމެ ނުރައްކާތެރި ބަލި ކަމުގައިވާ ކެންސަރު ޖެހިގެން މުޅި ދުނިޔެއިން 2018 ވަނަ އަހަރު އެކަނިވެސް 200 މިލިއަން މީހުން ރިޕޯޓު ކޮށްފައި ވާ ކަމަށް ޑަބްލިއު.އެޗް.އޯ ގެ ރިޕޯޓް ތަކުން ދައްކައެވެ.

އަދި ހާއްސަކޮށް އަންހެނުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން މާބަނޑު ދުވަސްވަރު ބަނޑުގައި އޮންނަ ދަރިފުޅުގެ ގުނަވަންތައް އައިބު ވުމާ، ވިހާއިރު ކުއްޖާގެ ގައިގައި ހުންނަންޖެހޭ ބަރުދަން ނެތުންފަދަ ސިއްހީ ގިނަ މައްސަލަތަކެއް ދިމާވެއެވެ. ދުންފަތުގެ އިސްތިއުމާލުން ބަނޑުގައި އޮންނަ ދަރިފުޅަށް ގިނަ ގެއްލުން ތަކެއް ވާނެކަން ދަނެ ތިބެވެސް ގިނަ އަދަދެއްގެ އަންހެނުން މާބަނޑު ދުވަސްވަރުވެސް ދުންފަތުގެ އިސްތިއުމާލު ކުރެއެވެ.

2018 ވަނަ އަހަރުގެ ބައިނަލް އަގުވާމީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވާހަކަ ދައްކަވަމުން އޭރުގެ ހެލްތު މިނިސްޓަރު އަބްދުއްﷲ ނާޒިމް ވިދާޅުވެފައި ވާގޮތުގައި ރާއްޖޭގައި މަރުވާ 81 ޕަސެންޓް މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގައި މަރުވާ މީހުން ކަމަށެވެ. އަދި އަހަރަކު ދިވެހި ރާއްޖެއަށް 462 މިލިއަން ސިނގިރޭޓު އެތެރެ ކުރާ ކަމަށް ނާޒިން ވަނީ ވިދާޅުވެފައެވެ.

ދުންފަތަކީ އޭގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބޭނެ އެއްޗަކަށް ވީ ހިނދު އަދި އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ސިނގިރޭޓުން ލިބޭ ގެއްލުން މާ ބޮޑެވެ. ކޮންމެ ސިނގިރޭޓެއްގައި 1000 ވައްތަރުގެ ކެމިކަލް އެކުލެވިގެން ވެއެވެ. އަދި މިއިން ކޮންމެ ކެމިކަލަކީ ހަށިގަނޑަށް ގެއްލުން ހުރި ކެމިކަލެވެ.

އެހެން ކަމުން ކޮންމެ ދުވަހަކު އެކި ފަހަރު މަތިން ހަށިގަނޑުގެ ތެރެއަށް ތިޔަ ދަމާލާ ދުންކޮޅުގައި ކިހާ ކެމިކަލެއް އެކުލެވޭނެ ކަމާ، ހަށިގަނޑުގެ ގުނަވަން ތަކަށް އެ ދުންކޮޅުގެ ސަބަބުން ގެއްލުން ވާނެ މިންވަރު އަންދާޒާ ކޮށް އެކަމާ މެދު ވިސްނުމަކީ މުހިންމު ކަމެއް ނޫންތޯއެވެ.