ދައްޔޫސުންނަކީ ކޮންބައެއް؟ އިސްލާމުންގެ ތެރޭގައި ދައްޔޫސުން ވޭތަ؟ ދައްޔޫސުންނާ ބެހޭގޮތުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ހަދީސްތަކަކީ ކޮބާ؟ ދައްޔޫސުންގެ ތެރޭގައި އަންހެނުން ހިމެނޭތަ؟ އަދި އަންހެނުން ހިމެނޭނަމަ ހިމެނެނީ ކޮންގޮތަކަށް؟ މިހާރަކަށް އައިސް އޮފީސް ތަކުން ސުޓޭޖް ޝޯތައް ބާއްވާ އިރު މީހުންގެ އަނބީންނާއި ފިރިން އެކުގާ ލަވަކިޔާ އަދި ނަށާ ހަދާ، އަދި މި މަންޒަރު އެބައިމީހުންގެ ފިރީން ނާއި އަބީން ބަލަން ތިބޭ، މިފަދަމީނުންނަށް ހުރި އަޒާބަކީ ކޮބާ؟ މިފަދަ މީހުންނަށް ދައްޔޫސުންނޭ ކިޔިދާނެތަ؟
الحمدلله، والصلاةوالسلامعلىمنلانبيبعده،
ދައްޔޫޘުންނަކީ އެމީހެއްގެ ކިބާގައި ޣީރަތްތެރިކަމެއް ނެތްމީހާއެވެ. ނުވަތަ ތިމާގެ އަނބިމީހާ ޒިނޭކުރާކަން އެނގޭޙާލުގައިވެސް އޭނާ ވަރިނުކޮށް ހިފަހައްޓައިގެން ހުންނަމީހާ އެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (أَنَّ اللَّهَ سُبْحَانَهُ وَتَعَالَى لَمَّا خَلَقَ الْجَنَّةَ قَالَ : وَعِزَّتِي وَجَلَالِي لَا يَدْخُلُك بَخِيلٌ وَلَا كَذَّابٌ وَلَا دَيُّوثٌ) މާނައަކީ: "ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ސުވަރުގެ ހެއްދެވުމަށްފަހު، ސުވަރުގެ އާއި މުޚާޠަބު ކުރައްވާ ވަޙީ ކުރެއްވިއެވެ. ތިމަން އިލާހުގެ ޢިއްޒަތާއި މަތިވެރިކަން ގަންދީ ވަޙީ ކުރައްވަމެވެ. ބަޚީލަކު، ދޮގުވެރިޔަކު، އަދި ދައްޔޫޘަކު ތިތަނަކަށް(ސުވަރުގެ) އަކަށް ނުވަންނާނެއެވެ".
އެހެން ޙަދީޘެއްގައިވެއެވެ. (إنَّ الْمُؤْمِنَ يَغَارُ وَإِنَّ اللَّهَ يَغَارُ وَغَيْرَةُ اللَّهِ أَنْ يَأْتِيَ الْعَبْدُ مَا حُرِّمَ عَلَيْهِ) وَقَدّ قَالَ تَعَالَى : ( الزَّانِي لَا يَنْكِحُ إلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنْكِحُهَا إلَّا زَانٍ أَوْ مُشْرِكٌ وَحُرِّمَ ذَلِكَ عَلَى الْمُؤْمِنِينَ)މާނައަކީ: "ހަމަކަށަވަރުން މުއިމިނުންގެ ޣީރަތްތެރިކަމެއްވެއެވެ. އަދަ ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ޣީރަތްތެރިވެވޮޑިގެންވެއެވެ. ﷲ ގެ ޣީރަތްތެރިކަމަކީ އަޅާ ޙަރާމް ކުރެއްވި ކަމަކަށް އަރައިގަތުމެވެ، ހަމަކަށަވަރުން ﷲ ވަޙީ ކުރައްވާފައިވެއެވެ. (الزَّانِي لَا يَنْكِحُ إلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنْكِحُهَا إلَّا زَانٍ أَوْ مُشْرِكٌ وَحُرِّمَ ذَلِكَ عَلَى الْمُؤْمِنِينَ) މާނައަކީ: "ޒިނޭކުރާ ފިރިހެނަކު ޒިނޭކުރާ އަންހެނަކާ ނުވަތަ މުޝްރިކް އަންހެނަކާ މެނުވީ ކައިވެންޔެއް ނުކުރާނެއެވެ. އަދި ޒިނޭކުރާ އަންހެނުން ޒިނޭކުރާ ފިރިހެނަކާ ނުވަތަ މުޝްރިކަކާ މެނުވީ ކައިވެނި ނުކުރާނެއެވެ. މިކަންތަކަކީ މުއިމިނުންގެ މައްޗަށް ޙަރާމް ކުރެވިގެންވާ ކަންތަކެވެ". އެހެންކަމުން ޒިނޭކުރާ އަންހެނަކު ތައުބާ ވުމުން ނޫނީ އެފަދަ މީހަކާ ކައިވެނި ކުރުމަކީ މުއިމިނުންގެ މައްޗަށް ޙަރާމްވެގެންވާ ކަމެކެވެ. އަދި ކައިވެންޔަށްފަހުގައި އޭނާ ޒިނޭ ކުރާނަމަ އެކުގައި ގެންގުޅުމަކީ ޙަރާމްކަމެކެވެ. އެގޮތަށް ގެންގުޅެނީނަމަ އެފަދަ މީހަކު ވާހުށީ ދައްޔޫޘުންގެ ތެރެއިންނެވެ.
މިއާޔަތުން ދޭހަވާ ގޮތުގައި މުސްލިމުންގެ ތެރޭގައި ދައްޔޫޘުން ތިބެއެވެ.
މީގެ އިތުރުން ތިމާގެ ކައިވެނި ޙަރާމްވާ އަންހެނުން ޒިނޭގެ ފާޙިޝް ކަންތަކުގެ ތެރެއަށް އަރައިގަންނަކަން އެނގި، އެކަން މަނާ ނުކުރާ މީހުންނަކީ ވެސް ދައްޔޫޘުންގެ ތެރޭގައި ހިމެނޭނެ ބައެއް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ދައްޔޫޘުންނާއި ބެހޭގޮތުން އައިސްފައިވާ ޙަދީޘެއްގައިވެއެވެ.(ثَلَاثَةٌ لَا يَنْظُرُ اللّهُ عَزَّ وَجَلَّ إِلَيْهِمْ يَوْمَ الْقِيَامَةِ: اَلْعَاقُّ لِوَالِدَيْهِ ، وَالْمَرْأَةُ الْمُتَرَجِّلَةِ ، وَالدَّيُّوْثِ)މާނައަކީ: "ގިޔާމަތްދުވަހުން ރަޙްމަތުގެ ނަޡަރަކުން މާތް ﷲ ބައްލަވާ ވޮޑިގެން ނުވާ ތިންބައެއްވެއެވެ. އެއީ މައިންބަފައިންނަށް ނުކިޔަމަންތެރިވާ މީހުންނާއި، ފިރިހެން ހެދިގެން އުޅޭ އަންހެނުންނާއި، ދައްޔޫޘުންނެވެ".
އަންހެނުން ދައްޔޫޘުންގެ ތެރެއަކަށް ނުވަދެއެވެ. ދައްޔޫޘުންނަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްޞަ ޞިފައެކެވެ. ސަބަބަކީ އަންހެނުން ނުބައިމަގުތަކުން ދިޔުމުން ސަލާމަތް ކުރަންތިބި ބަޔަކީ ފިރިހެނުންކަމަށްވާތީވެ އެވެ. އަންހެނަކު އެފަދަ ނުބައިމަގަކުން ދާކަން އެނގިިހުރެ އެކަމާ އަޅައިނުލައި، އެކަން ހުއްޓުވުމަށް މަސައްކަތް ނުކުރާ ފިރިހެނުންނަށް ދައްޔޫޘުންނޭ ކިޔެއެވެ.
ސްޓޭޖްޝޯ ތަކުގައި އަންހެނުންނާއި ފިރިހެނުން ނަށާ ހެދުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. އެގޮތަށް ހިލޭ ފިރިހެނުންނާއި އެކު ނެށުމަށް ތިމާގެ ޙަލާލު އަނބިމީހާ ދީގެން ހުންނަ ފިރިހެނުންނަކީ ދައްޔޫޘުންނެވެ. މިފަދަ ނެށުން ތަކުގެ އާޚިރު ނަތީޖާއަކަށްވެފައި އޮންނާނީ ނުބައި ކަންތައް ގަނޑެއްގެ ތެރެއަށް މީހާ ވެއްޓިގެން ދިޔުމެވެ.
ސްޓޭޖްޝޯގައި ނަށަނީ ދެމަފިރިން ކަމުގައި ވީ ނަމަވެސް އެކަމަކީ ހުއްދަ ކަމެއް ނޫނެވެ. ސަބަބަކީ ދެމަފިރިންގެ ލޯބި ކުރުމުގެ ކަންތަކަކަކީ އެހެންމީހުންނަށް ފެންނަ ގޮތަށް ބޮޑު ސްކީރުނުގައި ކުރަންޖެހޭ ކަމެއް ނޫނެވެ. އެކަމަކީ އެދެމަފިރިންގެ އެކަހެރިވުމުގެ ތެރޭގައި އެހެންމީހުންނަށް ނޭގޭ ގޮތަށް ކުރަން އޮންނަ ސިއްރު ކަމެކެވެ. ހިލޭފިރިހެނުން ކުރިމަތީގައި ތިމާގެ އަންހެނުން "ސޭލް" އަޅުވައިގެން އޭނާގެ ރީތިިކަމާއި ފަރިކަން ދައްކަމުން ނެށީމާ، އެހެންފިރިހެނުުންގެ ހިތް އެއަންހެންމީހާ އަށް ކިޔާ، އޭގެ ސަބަބުން ނުބައި ކަންތައްގަނޑެއް ހިނގާނެކަމީ ބުއްދި ސަލާމަތުން ހުރި އެކަކުވެސް އިންކާރު ކުރާނެ ކަމެއް ނޫނެވެ. އެހެންކަމުން، ތިމާގެ ޣީރަތްތެރިކަމެއް ހުރިނަމަ، ތިމާގެ ޙަލާލު އަނބިމީހާ ނިވާކުރުވާ، ހިލޭފިރިހެނުންނަށް އޭނާގެ ރީތިކަމާއި ފަރިކަން ފެނުނަ ނުދޭނެކަން ކަށަވަރެވެ. އަނބިމީހާ ނިވާ ނުކުރުވާ "ސޭލް" އަޅުވާފައި ހުންނާނީ ތިމާގެ ކިބާގައި ޣީރަތްތެރި ކަމުގެ ކުޑަވެސް އަޘަރެއް ނެތީމައެވެ. އެހެންކަމުން އެފަދަ މީހުންވާނީ ދައްޔޫޘުންނަށް ކަން ކަށަވަރެވެ. މިފަދަ ނުބައި ވަބާތަކުން އަޅަމެން ސަލާމަތް ކުރައްވާށި، އާމީން. والله أعلم.