ތާރުއަޅާފައިވާ މާލޭގެ ބޮޑު މަގުން ސާރާ ހިނގާފައި ދިޔައިރު އޭނާގެ ލޮލުން ހިނދުކޮޅަކަށް ވެސް ކަރުނަ ނުހިކެއެވެ. އުމުރުން ވިހި އަހަރު ވީ އިރު ދުވަހަކު ވެސް ހިތުގައި ނުޖެހޭ ވަރަށް އޭނާ ވަނީ ހިތުގައި ޖެހިފައެވެ. މަދަދަށް އެދި ދާނީ ކާކު ކައިރިއަށް ކަމެއް އޭނާއަކަށް ނޭނގެއެވެ. އެކަނިމާ އެކަނި ހިނގަމުން ދިޔަ ސާރާއާ ދިމާއަށް މީހުން ބަލަމުން ދާތީ އޭނާގެ ހަށިގަނޑަށް ވަމުން ދިޔަ އުނދަގޫތައް ދެގުނައަށް ބޮޑުވެގެން ދިޔައެވެ. ހުއްޓުމެއް ނެތި އޭނާގެ ލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނަތައް މޫނު ނިވާކުރަން އަޅާފައިވާ ފޮތިކޮޅު ތެތްމަމުން ދިޔައެވެ.

ކަންކަށިމަތިން ނަގަމުން ދިޔަ ތޫނު ތަދު އަދިވެސް އޭނާއަށް އިހްސާސްވަމުން ދިޔައެވެ. އެ ތަދު އޭނާގެ ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެއެވެ. ދޭތެރެއަކުން ކޯމަތީގައި އޭނާއަށް އަތް ހާކާލެވެއެވެ. އެވަގުތު ޝިފާން އަތް ދަމާފައި ސާރާގެ މޫނުމަތީ ޖެހިތައް އޭނާއަށް ސިފަވެގެން ދެއެވެ. މިރޭ ގެއަށް ދާކަށް ސާރާ ބޭނުމެއް ނޫނެވެ. އޭނާ ގެއަށް ގޮސްގެން ވަކި ވާނީ ކޮން ފައިދާއެއް ހެއްޔެވެ. އޭނާ ދައްކާ ވާހަކަތައް ގަބޫލު ނުކުރާ ބައެއް ކައިރިއަށް ދިއުމުގެ އެއްވެސް ބޭނުމެއް އެބައޮތް ހެއްޔެވެ. ސާރާގެ ހިތުގައި އުތުރި އަރަމުން ދިޔަ ސުވާލުތައް އޭނާގެ ވިސްނުމަށް އުނދަގޫ ކުރަމުން ދިޔައެވެ.

އިރުއޮއްސުމުން ވެސް މާލޭގެ ހަލަބޮލި މަގުތަކުން ހިނގާބިނގާވެ އުޅޭ މީހުން މަދެއް ނޫނެވެ. ދުއްވާ އެއްޗިސް ގިނަ ކަމުން ހުރަސްކުރަން ތިބޭ މީހުން އެ އެއްޗެތީގެ ދުވެލި މަޑުކޮށްލާނެ ވަގުތެއްގެ އިންތިޒާރުގައި ތިބެން ޖެހެއެވެ. ސާރާގެ ހިނގުން އަވަސްކޮށްލިއެވެ. އޭނާ ލައިގެން ހުރި ކަޅު ޖިލްބާބުގެ ދެފަރާތުގައި ދެއަތުން ހިފާ ބާރުކޮށްލެވުނެވެ. ކައިރިން ލާފައި ހިނގާފައި ދިޔަ ފިރިހެނަކު އޭނާގެ ހަށިގަނޑުގައި ބީހިލާފައި ދިއުމުން ސާރާގެ ހުރިހާ ހިއްސުތަކެއް ކޮޅަށް ޖެހުނު ކަހަލައެވެ.

ހިޔާލަކަށް ގެއްލިފައި ހުރެ ހިނގަމުން ދިޔަ ސާރާއަށް އޭނާއާ ދިމާއަށް އައި ފިރިހެނާ ގާތްވެލިކަން ވެސް ނޭނގިފައި ހުރީ އޭނާގެ ސިކުނޑީގައި ވަށާލާފައިވާ ހިޔާތުތަކުގެ ސަބަބުންނެވެ. ތެޅިގެންފައި ކަހަލަ ގޮތަކަށް ސާރާއަށް އެއްފަރާތަކަށް ޖެހިލެވުނީ އޭނާގެ ހަށިގަނޑުގައި ކަރަންޓުގެ އޮއެވަރެއް ދަތުރުކުރި ކަހަލަ އިހްސާސެއް ކުރުމުންނެވެ. ލައިގެން ހުރި ޖިލްބާބުގެ މަތިން ފަލަމަސްގަނޑުގައި ސާރާއަށް އަތް ހާކާލެވުނީ ބޭއިހްތިޔާރުގައެވެ. އެ ބީހުމުގެ ސަބަބުން ސާރާއަށް އިހްސާސްކުރެވުނީ އެހެން މީހެކެވެ. އެދުންވެރިކަމުން ފޯވެފައިވާ އަތް ތިލައަކުން ސާރާގެ ފަލަމަސްގަނޑުމަތީގައި ބީހިލިގޮތެވެ. އެ ހަނދާންތައް އާވުމުން ސާރާގެ ހިތުގެ ވިންދު ދެގުނައަށް އަވަސްވެގެން ދިޔައެވެ.

ފަޔަށް ލެވުނު ބާރެއްލާ ކުރިއަށް ހިނގައިގަތް ސާރާއަށް ދާންވީ މަންޒިލެއް ނޭނގެއެވެ. ވަށައިގެން ފެންނަމުން ދިޔައީ ބީރައްޓެހި މޫނު ތަކެކެވެ. އެމީހުން ވެސް އޭނާއާ ދިމާއަށް ބަލާފައި މަލާމާތް ކުރާ ކަހަލައެވެ. އެކި ސިފައަށް ތިބި އެކި އުމުރު ފުރައިގެން ފިރިހެނުންތަކުގެ ކަޅި އޭނާއަށް އަމާޒުވެފައި ވާ ކަހަލައެވެ. ހާސްވެ ކަންބޮޑުވަމުން ދިިޔަ ވަރަކަށް ސާރާ ދޭތެރެއަކުން މޫނު ނިވާ ކޮށްފައިވާ ފޮތިކޮޅު ރަނގަޅު ކޮށްލަނީ އޭނާއަށް މޫނު ނާޅާ ނުކުމެވުނު ހެން ހީވާތީއެވެ.

މަގުގެ އެއްފަރާތެއްގައި ހުރި އުމުރުން ދުވަސްވީ ފިރިހެން މީހާގެ ނަޒަރު ފޯނުން ދުރުކޮށްލުމަށްފަހު ސާރާއާ ދިމާއަށް ބަލާލިތަން ފެނި އޭނާއަށް ތެޅިގަނެވުނެވެ. އެމީހާގެ ބެލުމާއި ތުންފަތް މައްޗަށް ވެރިވި ވިހަ ހިނިތުންވުމުގެ ފަހަތުގައި އޮތް ނުބައި ހިޔާލު އޭނާއަށް އެނގޭ ކަހަލައެވެ. އިސްދަށަށް ޖަހައިގެން ހުރެ އަޅަމުން ދިޔަ ފިޔަވަޅުތައް ސާރާ ގުނަން ފެށީ ސާރާގެ ހަށިގަނޑަށް ވާން ފެށި އުނދަގުލެއްގެ ބޮޑުކަމުންނެވެ. ހަނދާނަށް އަންނަން ފެށި އެތައް މަންޒަރުތަކެއް އޭނާގެ ހަނދާނުން ފޮހެލަން ބޭނުންވިއެވެ. އެމީހާ ކުރިމަތިން ހުރަސްކޮށް ކުރިއަށް ދިޔަ ވަގުތު ސާރާ ލައިގެން ހުރި ޖިލްބާބުގައި ހިފާ ގަޔާ ދުރަށް ވާނެހެން ދަމާލިއެވެ. ވަޔާ އެކުވެސް ހަށިގަނޑުގައި ތަތްލަމުން ދިޔަ ހެދުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ވަނާތައް އެމީހާއަށް ފެންނާކަށް އޭނާ ބޭނުމެއް ނުވިއެވެ.

ސާރާގެ ފަހަތުން އޭނާގެ ފިޔަވަޅުތަކާއި އެއްވަރަށް އެހެންމީހެއްގެ ފިޔަވަޅުތަކުގެ އަޑުތައް އިވޭހެން ހީވިއެވެ. ފިޔަވަޅު އަވަސް ކޮށްލުމުން ވެސް އެ މީހަކު ސާރާގެ ފަހަތުން އަންނަ ކަމުގެ ވަހުމް ހިތުގައި އުފެދި އެންމެ ފަހުން ފަސްއެނބުރި އޭނާއަށް ބަލާލެވުނެވެ. ދުރުގައި ހުއްޓިގެން ހުރި މީހާ ސާރާއާ ދިމާއަށް ބަލަން ހުރިތަން ފެނުމުން މިފަހަރު ސާރާއަކަށް މަޑަކުން ނުހުރެވުނެވެ. ފަޔަށް ލެވުނު ބާރެއްލާ ދުއްވައިގަތީ އޭމީހާ ނުފެންނާނެ ހިސާބަަށް ދާށެވެ.

ދުވެފައި ދިޔަ ސާރާއަށް ނުކުމެވުނީ ހުޅުމާލެއާ މާލެއާ ދެމެދު އަޅާފައިވާ ބްރިޖާ ދިމާއަށެވެ. މަގުމަތީގައި ދުއްވަމުން ދިޔަ އުޅަނދުތަކަށް ބެލުމެއް ނެެތި ސާރާ ދުވެފައި ގޮސް އެ ބްރިޖަށް އެރީ އެއީ ހިނގާ ބިނގާވެ އުޅޭ މީހުން މަދުވާނެ ދިމާއެއް ކަން އިނގޭތީއެވެ. މީހުންނަށް ހިނގޭނެހެން ވަކިން ހަދާފައިވާ ލޭނުގެ މަތިން އޭނހިނގައިގަތީ ފުން ވިސްނުމެއްގައި ހުރެއެވެ. އޭރުވެސް އެކި ހިޔާލުތައް އޭނާގެ ހިތުގައި މަސްހުނިވަމުން ދިޔައެވެ.

އަމިއްލަ ދިރިއުޅުމާ މެދު ވިސްނާލަމުން ސާރާގެ ފިޔަވަޅު މަޑުކޮށްލިއެވެ. އެއްފަރާތެއްގައިވާ ރެއިލިންގްގައި ހިފަހައްޓާލަމުން މާ ސިންގާ ކަނޑާ ދިމާއަށް އޭނާގެ ނަޒަރު ހުސްކޮށްލެވުނެވެ. ފުން ނޭވާއެއްދ ޫކޮށްލަމުން ވަށައިގެން އޭނާ ބަލާލީ ހިތަށް ހަމަޖެހުމެއް ލިބޭނެ ކަމަށެވެ. ކުރިމަތިން ފެންނަން އޮތީ އޭނާ ދިރިއުޅެމުން އަންނަ މާލެ ސީޓީއެވެ. ބައިބޯވެފައިވާ މާލޭގައި ގާތްގާތުގައި އަޅާފައިވާ އުސް އިމާރާތްތަކާއި އެ އިމާރާތްތަކުން ފާޅުވަމުން ދިޔަ އަލިކަން ފެންނަމުން ދިޔަ އިރު ސާރާގެ ދެލޮލަށް ފުސްވަމުން ދިޔައެވެ.

ސާރާގެ ދިރިއުޅުމާ މެދު އޭނާ ވިސްނާލަމުން ފުން ނޭވާއެއް އެތެރެކޮށްލީ ނުތަނަވަސްކަން ވެރިވެފައިވާ ހިތަށް ލުއެއް ލިބޭނެކަމަށެވެ. އޭނާގެ ހަނދާނަށް އައީ މީގެ ތިން މަސް ދުވަސް ކުރީގެ ހަނދާނެކެވެ. އޭނާ އެންމެ ފުރަތަމަ ޝިފާންގެ މީހަަކަށް ވީ ދުވަހު އޭނާގެ ހިތަށް ވެރިވި އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އެ އުފާވެރި ދިރިއުޅުން ބަނަވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ.

*** *** *** *** *** ***

ޑްރެސިންގް ޓޭބަލްގެ ލޯގަނޑު ކުރިމަތީގައި އިށީންދެލައިގެން އިނދެ ސާރާ އޭނާގެ ފަން ދިގު އިސްތަށިގަނޑުގައި ފުނާ އަޅަމުން ދިޔަ އިރު އޭނާގެ ތުންފަތް މައްޗަށް ވެރިވެފައި ވަނީ އުފާވެރިކަމުގެ ހިނިތުންވުމެވެ. ޝިފާން ފަދަ ރަނގަޅު އަހްލާގެއްގެ ވެރިއެއްގެ އަންބަކަށް ވުމުގެ ފަހުރުވެރިކަން މިއަދު އޭނާއަށް ލިބުނީ އޭނާގެ މައިންބަފައިން ސާރާއަށް ދީފައިވާ ރަނގަޅު ތަރުބިއްޔަތުގެ ސަބަބުން ކަން ސާރާ ގަބޫލު ކުރެއެވެ.

ކައިރީގައި ހުރި މިސްކިތުން ގޮވި ބަންގީގެ އަޑަށް ލައިގެން ހުރި ކަޅުކުލައިގެ ބޮޑު ހެދުން ރަނގަޅުކޮށްލުމަށްފަހު މުސައްލަ ފަތުރާލައިގެން ނަމާދު ކުރަން ސާރާ ތައްޔާރުވެލީ ކައިވެނިކޮށްދޭ މީހުން އަންނަން އަދި ވަގުތުކޮޅެއް އޮތް ކަން އެނގޭތީއެވެ. ބަރާބަރަށް ވަގުތުން ވަގުތަށް ނަމާދުކުރުމަކީ ސާރާގެ ހަށީގައި ހަރުލާފައިވާ ކަމެއްކަމުން ނަމާދުކޮށް ނިންމާލުމަށްފަހު ބާއްޖަވެރި މުސްތަގުބަލެއް ދެއްވާތޯ އޭނާ ދުއާ ކޮށްލިއެވެ. ކައިވެނިކޮށްދޭ މީހުން އަތުވެއްޖެ ކަމަށް އޭނާގެ މަންމަ ބުނުމުން ބޯމަތީގައި އޮތް ކަޅު ފޮތިކޮޅު މޫނު މައްޗަށް ވައްޓާލުމަށްފަހު ސާރާ އަވަސްވެގަތީ ކޮޓަރިން ނުކުތުމަށެވެ. އޭރުވެސް ހިނދުކޮޅެއް ކުރިން ފިރިމީހާގެ އަމުރަށް ކިޔަމަންވުމާއި ފިރިމީހާއަށް ގަދަރު ކުރުމާއި ބެހޭ ގޮތުން އޭނާގެ މަންމަ ދިން ނަސޭހަތް ސާރާގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ. އެއިން އެއްވެސް ކަމެއް އޭނާގެ ހަނދާނުން ކައްސާލައިގެން ދިޔަކަ އޭނާ ނުދޭނެއެވެ.

ކައިވެނި ކުރުމަށްފަހު ޝިފާނާއެކު އޭނާގެ ގެއަށް ސާރާ ދިޔައީ އެމީހުން ދިރިއުޅުމަަށް ހަމަޖެހިފައި ތަނަކީ އެ ގެ ކަމަށްވާތީއެވެ. އެމީހުންނަށް ހޫނު މަރުހަބާއެއް ކިއުމަށްފަހު އެގެއަށް ވަންނަން ދައުވަތުދީ ގޭގެ މައިދޮރާށި ހުޅުވައިދިނީ ޝިފާންގެ ބައްޕައެވެ. ކުޑައިރު ޝިފާންގެ މަންމަ ނިޔާވެފައިވާތީ އެތައް ގުރުބާނީއަކާ އެކު ޝިފާނަށް ރަނގަޅު ތަރުބިއްޔަތެއް ދިން އޭނާގެ ބައްޕަގެ ފަރާތުން ސާރާއަށް ލިބުނު މެހެމާންދާރީއާއި އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމުގެ ކުލަވަރު ފެނި ސާރާގެ ހިތަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ގެނުވިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް މަހެއްހާ ދުވަސްވީ އިރު އެ ދިރިއުޅުމަށް ސާރާ ވަނީ ހޭނިފައެވެ. ފިރިމީހާގެ ފަރާތުން ލިބެމުން އައި އިންތިހާ ދަރަޖައިގެ ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން ސާރާއަކީ ނަސީބުވެރިއެއް ކަމަށް އޭނާ ގަބޫލުކުރެއެވެ. އެމީހުންގެ ދިރިއުޅުން އިތުރަށް ތަނަވަސްކުރަން އެދޭތީ ގިނަ ވަގުތު ޝިފާން ހޭދަ ކުރަމުން ދަނީ މަސައްކަތުގައެވެ. އެއާޕޯޓުގައި ވަޒީފާ އަދާކުރަމުން އޭނާއަށް ލިބޭ ބައެއް ހުސްވަގުތު ތަކުގައި ގަރާޖެއްގައި މަސައްކަތް ކުރަމުން ދިޔައެވެ. ފިރިމީހާއަށް ގިނަވަގުތު ގޭގައި ހޭދަނުކުރެވުނަސް އެކަމާ އެއްވެސް ޝާކުވާއެއް ސާރާ ނުކުރެއެވެ. ފިރިމީހާ ގެއަށް އަންނަން ވާއިރަށް ގޭތެރޭގެ މަސައްކަތްތައް ނިންމާލުމަށްފަހު ފެންވަރައިގެން ސާރާ އޭނާގެ ފިރިމީހާއާ ކުރިމަތިލަނީ ހިނިތުންވުމަކާ އެކީގައެވެ.

ކައިވެންޏަށް ދެމަސްވީ ފަހުން އޭނާއަށް ތަފާތުކަމެއް ފާހަގަވާން ފެށީ އޭނާގެ ބަފާބެ ގަފޫރުގެ ފަރާތުންނެވެ. ގަފޫރު ބުނެގެން ފެންތައްޓެއް ގެންދިޔަޔަސް ސާރާގެ އަތްތިލައާ އެކީގައި ނޫނީ ގަފޫރަށް ހިފޭ ކަމަކަށް ނުވެއެވެ. ސިހިފައި ސާރާ ގަފޫރުގެ މޫނަށް ބަލާލާއިރު އޭނާ ހުންނަނީ ހިނިއައިސްފައެވެ. ނޫނީ އެނާގެ ނަޒަރު ހުސްކޮށްލާފައި ހުންނަނީ ޓީވީން ދައްކާ ކޮންމެވެސް ޕްރޮގްރާމަކަށެވެ. ގަފޫރުގެ އެފަދަ އަމަލުތައް ހުންނަގޮތުން އޭނާ ހިތްހަމަނުޖެހުނު ނަމަވެސް އެއިން އެއްވެސް ކަމެއް އޭނާގެ މޫނުމަތިން ފާޅެއް ނުކުރެއެވެ.

ބަދިގޭގައި ކައްކަން ހުންނަ އިރު ގަފޫރު އައިސް އޭނާގެ ގައިގާ ޖެހި ގައިގޯޅިވާން މަސައްކަތް ކުރާކަން ސާރާއަށް ފާހަގަވާން ފެށިއެވެ. އެންމެ ފުރަތަމަ އެއީ މާ ބޮޑު ކަމަކަށް ނުހަދާ ސާރާ އެކަންތައްތައް އޮއްބާލަނީ އެއީ އޭނާ ގަސްތުގައި އެފަދަ އަމަލެއް ނުހިންގާނެކަން ގަބޫލުކޮށް އެ ކުރެވެނީ ކުށްހީއެއް ކަމަށް ނިންމާލަމުންނެވެ. ފަހުން އައިސް އެފަދަ އަމަލުތައް ގިނަވުމުގެ އިތުރުން ގަފޫރު އޭނާއާ ދިމާއަށް ބަލަމުން ދާ ގޮތް ސާރާއަކަށް ކަމަކު ނުދެއެވެ. އެންމެ ފަހުން ހިތުގައި އުފެދެމުންދާ ވަސްވާސްތަކާއި ނުތަނަވަސްކަން ފިލުވާލުމަށްޓަކައި ސާރާ ގުޅީ އޭނާގެ މަންމައަށެވެ. ސާރާއަށް ކުރަމުން ދިޔަ އިހްސާސްތަކާއި ގޭތެރޭގައި ވަމުން ދާ ކަންތައް ތަފްސީލުކޮށް މަންމައަށް ކިޔައިދޭން ސާރާ ލަދުގަތެވެ. އެހެންކަމުން ސާރާ ތިލަކޮށް އެ ވާހަކަ ބުނެދޭން މަސައްކަތް ކުރިއެވެ.

މަންމަގެ ފަރާތުން ސާރާއަށް އެދުވަހު ލިބުނީ އޭނާ ބޭނުންވި ކަހަލަ ޖަވާބެއް ނޫނެވެ. ނަމަވެސް މަންމަ ދެއްކި ވާހަކަތައް ސާރާ ގަބޫލު ކުރިއެވެ. ފިރިމީހާއާއި އާއިލާއާ ބެހޭ ގޮތުން އެފަދަ ވިޔާނުދާ ވާހަކަތައް ނުދެއްކުމަށާއި ފިރިމީހާ ބޭޒާރުވާ ފަދަ ބަދުނާމު އެމީހުންގެ ބޮލުގައި އެޅުވުމުން ލިބޭނެ އަޒާބުގެ ވާހަކަ މަންމަ ދައްކަމުން ދިޔައިރު ސާރާގެ ހިތް ކުދިކުދިވިއެވެ. ކޮންމެ ގޮތެއް ވިޔަސް ގަފޫރުގެ ފަރާތުން ގޯސް އަމަލެއް ހިނގާފައެއް ނުވެއެވެ. ގައިގާ ޖެހުމުގެ ސަބަބުން ނުވަތަ އަތުގައި ހިފާފައި ވުމަކުން އެފަދަ ތުހުމަތެއް ނޭޅުވޭނެކަން ވެސް ސާރާއަށް ގަބޫލު ކުރެވުނެވެ. އެފަދަ ކަމެއް ގަފޫރުގެ ބޮލުގައި އެޅުވުމަކީ ކިހާ ނުބައިކަމެއްކަން ސާރާގެ މަންމަ އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރީ ނަސޭހަތްތެރިވަމުންނެވެ.

ވެދިޔަ ކަންތައްތަކުގެ ސަބަބުން ސާރާގެ ހިތުގައި ވަހުމްތަކެއް އުފެދުނީ ކަމަށް ނިންމާ ސާރާ އެ ދިރިއުޅުން ކުރިއަށް ގެންދިޔައެވެ. ދުވަހެއް ދުވަހެއް ގަފޫރު ފަރާތުން އެކިކަހަލަ ކަންތައްތައް ސާރާއަށް ކުރިމަތިވަމުން އައެވެ. އެއިން ކޮންމެ ކަމެއް ސާރާ މާ ބޮޑު ކަމަކަށް ނުހަދާ ހުންނަން ފެށީ މަންމަ ބުނި ބަސްއަހައިގެންނެވެ. އެ އުނދަގޫތަކުން ހިތުގައި ބުނެދޭން ނޭނގޭ ކަހަލަ ބިރުވެރިކަމެއް އަށަގަތް ނަމަވެސް ގަފޫރުގެ ފަރާތުން ބޮޑު ކަމެއް ނުފެންނާތީ އެފަދަ ތުހުމަތެއް އޭނާގެ ބޮލުގައި އަޅުވަން ސާރާ ފަސްޖެހުނެވެ. އޭނާގެ ހިޔާލަށް ވެސް ގަފޫރުގެ ބީހުންތަކާ ބަލާ ގޮތް ސިފަ ކުރެވެން ފެށިއެވެ. އެކަންތައް މަތިން ހަނދާން ނައްތާލައިގެން ހުންނަން ބޭނުން ވިޔަސް އެ އުނދަގޫތައް ސާރާ އެކަނިވެރިވާ ކޮންމެ ވަގުތަކު އޭނާ ވަށާލާފައިވާ ކަހަލައެވެ. އެ ކަންތައްތަކާ މެދު ވިސްނާ ފިކުރުކޮށް ސާރާ މޮޔަވާ ހިސާބަށް ހިނގައްޖެއެވެ. ޝައްކު ބަލީގެ ޝިކާރައަކަށް ވެއްޖެ ކަމަށް އޭނާ ނިންމިއެވެ.

ސާރާގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް އެންމެ ފަހުން ދިޔައީ އެދުވަހު ގަފޫރުގެ ކަންތައް މާ މައްޗަށް ދިޔައިމައެވެ. ތެޔޮ ފުޅިއެއް ހިފައިގެން އައިސް ވިހަ ހިނިތުންވުމަކާއެކީ ސާރާ ކޮޓަރި ދޮރުމައްޗަށް އޭނާ ހުއްޓިލިއެވެ. ތެޔޮފުޅި ދިއްކޮށްލަމުން ގަފޫރުގެ ބުރަކަށީގައި ތެޔޮ ލައިދޭން އޭނާ އެދުނެވެ. ފާހާނާގައި އޭރު ޝިފާން އުޅޭކަންވެސް ސާރާގެ ހަނދާނުން ކައްސާލިއެވެ. ނޫނެކޭ ސާރާ ބުނެލުމުން ގަފޫރު ދެވަނަ ފަހަރަށް ސާރާ ގާތު އާދޭހުގެ ރާގަކަށް އެހެން ބުނެލީ އޭނާގެ ބުރަކަށީގައި ވަރަށް ގަދައަށް ރިއްސާ ވާހަކަ ބުނަމުންނެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅަން ނުކެރިފައި ހުރި ސާރާއަށް ސިހުމެއް ލިބުނީ ފާހާނާއިން ޝިފާން ނުކުތް ތަން ފެނުމުންނެވެ.

(ނުނިމޭ)

މި ވާހަކައިގެ ދެވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!